15 ފެބުރުވަރީ 2026 - 16:08 5
މުހައްމަދު ޝަހްޒާން
ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްމާއިލް ނަވީން އިސްތިއުފާ ދެއްވައިފި --- ފޮޓޯ: ރައީސް އޮފީސް
15 ފެބުރުވަރީ 2026 - 16:08 5
ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ރިޓަޔާ ކުރައްވަން ހުށަހަޅުއްވައިފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ނަވީންގެ ރިޓަޔާމެންޓު މިހާރު ވަނީ ރައީސް އޮފީހަށް ފޮނުވައިފަ އެވެ.
ކޮމިޝަނަރުގެ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވާފައިވާކަން ލިޔުއްވައި ފުލުހުންގެ އެގްޒެކެޓިވް ވެރިންނަށް ނަވީން މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މަގާމުން ރިޓަޔާ ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.
"މިއަދު އަޅުގަނޑު ރިޓަޔާ ކުރަން އެދި ހުށަހެޅުމަށް ނިންމައިފިން. ދުވަސްތަކެއް ވަންދެން އަޅުގަނޑު ބޮލު ތެރޭގައި މި ވިސްނުން ގެންގުޅުމަށްފަހު މިއަދު މިކަން ކުރަން މި ނިންމީ ވަރަށް ގިނަ ކަންކަމަށް ވިސްނާ ފިކުރުކުރުމަށްފަހު،" އިނގިރޭސި ބަހުން ލިޔުއްވައި ނަވީން ފޮނުއްވި މެސެޖުގައިވެ އެވެ.
އެ މެސެޖުގައި ނަވީން ވަނީ، މިއީ އޭނާގެ ހިދުމަތުގެ ދައުރު ނިންމައިލުމަށް އެންމެ މުނާސަބު ވަގުތު ކަމަށް ލިޔުއްވައިފަ އެވެ. އަދި، އެ ހިދުމަތުގައި އިތުރު ދުވަސްތަކެއް ހޭދަކުރި ނަމަވެސް، މިއަށްވުރެ އެކަމަށް ވަކީން މުނާސަބު ވަގުތެއް އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ނަވީން ލިޔުއްވާފައިވެ އެވެ.
"އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުގެ ހިދުމަތުގެ ދައުރު ނިންމާލައި، އިސްމަގާމުތަކުގެ މަސްއޫލިއްޔަތުތައް އޮމާންކަމާއެކު ބަދަލުކުރުމަށް މިއީ އެންމެ އެކަށީގެންވާ ވަގުތު،" ނަވީން ލިޔުއްވާފައިވެ އެވެ.
މެސެޖު ނިންމަވައިލައްވަމުން ނަވީން ލިޔުއްވާފައި ވަނީ، އެ މަގާމުގައި ހުންނަވައި ދިވެހި ގައުމަށާއި ފުލުހުންގެ މުއައްސަސާއަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމަކީ އެނާއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.
ފުލުުހުންގެ ގާނޫނޫ އޮންނަ ގޮތުން، ޕޮލިސް ކޮމިޝަނަރު ރިޓަޔާ ކުރައްވައިފި ނަމަ، ނުވަތަ ވަކިކޮށްފި ނަމަ، އެ މަގާމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވާނީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ. މި ވަގުތު ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ ފަރުހާދު ފިކުރީ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމުން ރިޓަޔާ ކުރައްވަން ނަވީން ނިންމެވިއިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ތަހުގީގު ކުރި، ޕޮލްކޯގެ މައްސަލައާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓުގައި އެ ކޮމިޓީން ވަނީ ނަވީން ހިމެނޭހެން ފުލުހުންގެ އެގްޒެކެޓިވް ލެވެލްގެ އޮފިސަރުންތަކެއް ސަސްޕެންޑު ކުރަން ލަފާ ދީފަ އެވެ.
ނަވީންއަކީ މި ވެރިކަމުގައި ޕޮލިސް ކޮމިޝަނަރުކަމަށް އައްޔަނުކުރި ދެވަނަ ބޭފުޅާ އެވެ. މީގެ ކުރިން އެ މަގާމުގައި ހުންނެވީ އަލީ ސުޖާއު އެވެ. އެޕްރީލް 26، ގައި އޭނާ އިސްތިއުފާދެއްވީ އާއިލީ ބައެއް ޒިންމާތަކުގެ އިތުރުން އޭޕްރީލް 18، ގެ ފަތިހު ހެންވޭރު އިމާރާތެއްގެ މަތިން ވެއްޓި ބޮޑެތި އަނިޔާއެއް ވި ހައްވާ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.
ފުލުހުން މަދަނީ ހިދުމަތެއްގެ ގޮތުގައި ވަކިން އުފެއްދުމުގެ ކުރިން ނަވީން އުޅުއްވީ އެމްއެންޑީއެފްގަ އެވެ. ފުލުހުންގެ ހިދުމަތާ ނަވީން ގުޅިވަޑައިގެންނެވީ 2006 ވަނަ އަހަރު އެވެ. އޭނާ ވަނީ ފުލުހުންގެ ހެޑް އޮފް ހިއުމަން ރިސޯސް ޑިޕާޓުމެންޓާއި ހެޑް އޮފް ސެންޓްރަލް އޮޕަރޭޝަންސްގެ މަގާމުގެ އިތުރުން ފޮރެންސިކް ސާވިސް ޑައިރެކްޓޮރޭޓުގެ ވެރިޔާގެ މަގާމު ފުރުއްވައިފަ އެވެ.
ނަވީން ވަނީ ގާނޫނީ ދާއިރާއިންނާއި ލީޑަޝިޕްގެ ދާއިރާއިން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއިން މަތީ ތައުލީމު ހާސިލު ކުރައްވައިފަ އެވެ.
Comment