15 ފެބުރުވަރީ 2026 - 12:21 0
ލީވާން އަލީ ނާސިރު
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: މިހާތަނަށް އިންތިހާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ މައްސަލައެއް ސަމާލުކަމަށް ނާންނަ ކަމަށް އެ ކޮމިޝަނުން ބުނޭ -- ފޮޓޯ: އިލެކްޝަންސް
15 ފެބުރުވަރީ 2026 - 12:21 0
އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާގެ އިންސާފުވެރިކަމާމެދު ސުވާލުއުފެދޭ މައްސަލައެއް ސަމާލުކަމަށް ނާންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު އަދަދު އަށް ވިދާޅުވީ ކައުންސިލް އިންތިހާބާ ގުޅިގެން ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން އެއްވެސް މައްސަލައެއް މިހާތަނަށް އެ ކޮމިޝަނަށް ރަސްމީކޮށް ހުށަހަޅާފައި ނުވާ ކަމަށާއި އެއްވެސް މައްސަލައެއް ސަމާލުކަމަށްވެސް ނާންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އިންތިހާބާ ގުޅިގެން ކެންޑިޑޭޓުންނަށް ނުފޫޒު ފޯރުވާ އެފަދަ އެއްވެސް މައްސަލައެއް ރަސްމީކޮށް ހުށަހަޅައިފިނަމަ އެ އޮންނަ އުސޫލުގެ ތެރެއިން މައްސަލަ ބަލާނެ ކަމަށެވެ.
"ނޫސް ނޫހުގައިއާއި ނޫނިއްޔާ ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް އެބަ އުޅެއޭ ހަބަރު އެބަ ފެތުރޭއޭ ކެންޑިޑޭޓުންނަށް ނަހަމަގޮތުގައި ކެންޑިޑޭޓުން ގަތުމާއި ނޫނީ ވަޓްއެވާ އެ ހިނގާ ކަންތައްތަކެއް. ކަރަޕްޝަން ކަންތައްތަކެއްގެ ވާހަކަ،" ޒާހިދު ވިދާޅުވި އެވެ.
"އެ އެއްޗެހި މިވާ ގޮތަކީ އަޅުގަނޑުމެންނަށް އުސޫލެއްގެ ގޮތުން ކޮމިޝަންއަށް މައްސަލަ ހުށަހެޅިގެން، މައްސަލަ ބެލީމާ، މައްސަލައެއް އަތުވެއްޖެއްޔާ އަޅުގަނޑުމެން އެ މައްސަލައެއް އެ އޮންނަގޮތަކަށް ބަލަމުން ގެންދާނެ. މިހާތަނަކަށް އަދި އަޅުގަނޑުމެންނަކަށް އެއްވެސް މައްސަލައެއް އައިއްސަކާ ނެތް،"
އިންތިހާބުގައި ވޯޓުލާ މީހުންނަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފިނަމަ އަމަލުކުރަންޖެހޭ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާ ޒާހިދު ވިދާޅުވީ މިހާތަނަށް އެފަދަ ކަމެއް ތަހުގީގު ނުކުރަނީސް އިންތިހާބުގެ އިންސާފުވެރިކަމާމެދު އެއްޗެއް މިވަގުތު ބުނަން ނޭނގޭ ކަމަށެވެ.
"އިންތިހާބުގެ ވޯޓުދިނުމަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތްތަކަކީ އެ މަސައްކަތް ކޮށްގެން އޭގެއިން އެއަށް އެއްވެސް މީހަކު އެކަހަލަ ކަމެއް ކުރަންޏާ ގާނޫނުގައި އެބަހުރި ވަރަށް ތަފްސީލްކޮށް އެވާހަކަ ލިޔެފައި ދެއްތޯ. އެކަންކަމާ ބެހޭގޮތުން އެކަހަލަ މައްސަލަތަކެއް އަޅުގަނޑުމެންނަށް އައިސް އެ ތަހުގީގުކޮށް ބަލައި މިކަންކަން ކުރުމުގެ ކުރިއަކުން އަދިއެއް އިންތިހާބުގެ އިންސާފުވެރިކަމާ މެދު އެއްޗެއް ބުނާކަށެއް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ޒާހިދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ އިންސާފުވެރިކަން ކަށަވަރުކުރުމަށް އަމަލުކުރަމުންދަނީ އެހެން ގައުމުތަކުގައި ވެސް އިންތިހާބު ބޭއްވުމަށް ގެންގުޅޭ ހުރިހާ މިންގަނޑުތަކަށް ތަބާވެގެން ކަމަށެވެ.
ކައުންސިލް އިންތިހާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުން ގަތުމަށް ސަރުކާރުން މިލިއަނުން ފައިސާ ހުށަހަޅަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކުރެ އެވެ. އެ ޕާޓީން ބުނީ މިއީ މިހާތަނަށް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ފައިސާ ހުށަހަޅައިގެން ކެންޑިޑޭޓުން ގަތުމުގެ މަސައްކަތްކުރާ ހަމައެކަނި ފަހަރު ކަމަށެވެ.
މީގެއިތުރުން ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަމުންދާއިރު، ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދުނުކުރާ މުވައްޒަފުން އެހެން ރަށްތަކަށް ދަނީ ބަދަލުކުރަމުންނެވެ. އެހެން ރަށްތަކަށް ބަދަލުކުރާ މުވައްޒަފުންގެ ޗިޓްތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
Comment