މެޑްރިޑް (މާޗް 13) - ރެއާލް މެޑްރިޑްގެ ކޯޗުކަން ދާއިމީ ކޮންޓްރެކްޓެއްގައި ހަވާލުކުރާނެ ކޯޗެއް ހޯދުމުގެ މަސައްކަތް އެ ކްލަބުން ކުރަމުން އަންނައިރު، އެކުލަވާލާފައިވާ ކޯޗުންގެ ޝޯޓްލިސްޓުގައި، އިޓަލީގެ ކޯމޯގައި ރަނގަޅު މަސައްކަތެއް ކުރަމުން އަންނަ ޒުވާން ކޯޗު، ސެސްކް ފަބްރެގަސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ އަހަރުގެ މެއި މަހު، ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ރެއާލުން ގެނައި އަލޮންސޯ އަށް އެ ކްލަބްގައި އެއް އަހަރު ވެސް ނުހުރެވުނެވެ. މިދިޔަ ޖެނުއަރީ މަހު އަލޮންސޯ ވަކިކޮށް، ރެއާލްގެ ކޯޗުކަން މި ސީޒަނުގެ ނިޔަލަށް ހަވާލުކުރީ ރެއާލްގެ ދެ ވަނަ ޓީމުގެ ކޯޗަކަށް ހުރި ކުރީގެ ކުޅުންތެރިޔާ، އަލްވާރޯ އާބެލޯއާ އެވެ.
ރެއާލަށް އަލޮންސޯ ކޯޗުކޮށްދިން 34 މެޗުގެ ތެރެއިން އެ ޓީމުން ވަނީ 24 މެޗުން މޮޅުވެފަ އެވެ. ހަ މެޗުން ބަލިވިއިރު، ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
އާ ކޯޗެއް ހޯދުމުގެ މަސައްކަތް ރެއާލުން ކުރަމުން އަންނައިރު، ރެއާލްގެ ސީނިއާ މެނޭޖްމަންޓުން ބޭނުންވާ ކޯޗުންގެ ޝޯޓްލިސްޓެއް ވަނީ އެކުލަވާލައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، އެ ލިސްޓުގައި ހިމެނޭ ބައެއް ނަންތަކަކީ، ކުރިން ރެއާލަށް ކޯޗުކޮށްދިން ޒިނެދިން ޒިދާން، ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް އަދި ކޯމޯގައި ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ ފަބްރެގަސް އެވެ.
މީގެ 14 ވަރަކަށް މަސް ކުރިން، ކޯމޯގެ ކޯޗުކަން ފަބްރެގަސް، 38، އަށް ދިނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ކޯމޯ އިން 21 އަހަރަށް ފަހު، އިޓަލީގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ، ފަބްރެގަސްގެ ކޯޗުކަމުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދި އެވެ. ފަބްރެގަސްގެ ކޯޗުކަމުގައި، ކޯމޯ އިން އިޓާލިއަން ލީގުގެ 10 ވަނައިގައި މި ނިމުނު ސީޒަން ނިންމިއިރު، ޗެމްޕިއަންކަން ހޯދި، ނަޕޯލީ ވެސް ބަލިކޮށްފައިވެ އެވެ.
ކުރިން އާސެނަލާއި ބާސެލޯނާ އަދި ޗެލްސީ އަށް ކުޅުނު ފަބްރެގަސް އަށް ދާދި ފަހުން، އިޓަލީގެ އިންޓަ މިލާންގެ ކޯޗުކަން ހުށަހެޅުމުން ވެސް އޭނާ އެ އޮފާ ދޫކޮށްލި އެވެ. ޔުވެންޓަސް އިން ވެސް ފަބްރެގަސްއާ ވާހަކަ ދެއްކިއިރު، އޭނާ ކޯމޯގައި މަޑުކުރީ ފެށި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށެވެ.
އާސެނަލްގެ ލެޖެންޑަރީ ފޯވާޑް، ތިއަރީ އޮންރީ އާއި ފަބްރެގަސްގެ ހިއްސާ އޮންނަ ކޯމޯ އަކީ ރަނގަޅު ލެވަލެއްގައި ހިންގަމުން އަންނަ ކްލަބެކެވެ. ކެރިއަރުގެ ކޮންމެ ވެސް ހިސާބަކުން، އެހެން ޗެލެންޖުތައް ވެސް ނަގަން ޖެހޭކަން ގަބޫލުކުރާ ކަމަށާއި އެކަމަކު، މި ވަގުތު ފޯކަސް އަކީ ކޯމޯ ކަމަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވެސް ފަބްރެގަސް ވަނީ ބުނެފަ އެެވެ.
Comment