Advertisement

ދެން އޮތް ލެވަލަށް ދާން ނައިވާދޫ އަށް ބޭނުންވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި

14 ފެބުރުވަރީ 2026 - 10:06 0


ދެން އޮތް ލެވަލަށް ދާން ނައިވާދޫ އަށް ބޭނުންވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި

14 ފެބުރުވަރީ 2026 - 10:06 0

ހދ. ނައިވާދޫން މިހާތަނަށް ހާސިލްކޮށްފައިވާ ކާމިޔާބީތަކަށް ބަލާއިރު، އެ ޓީމު އެއް ހަރުފަތް މައްޗަށް ޖައްސާލައި، ދެން، އޮތް ލެވަލަށް ގެންދިއުމަށްޓަކައި މަދުވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި ކަމަށް އެ ޓީމުގެ ކޯޗު، މުހައްމަދު ނާޝިދު އަހުމަދު ނަސީމް (ނާއްޓެ) ބުނެފި އެވެ.

ނައިވާދޫ އަކީ ގޯލްޑަން ފުޓްސަލް ޗެލެންޖާއި ޒޯން އެކެއްގެ އެންމެ ކާމިޔާބު ޓީމެވެ. އަތޮޅާއި ޒޯނު ލެވަލްގައި ނައިވާދޫއާ އަރާ ހަމަކުރެވޭނެ ބައެއް ނެތެވެ. ނައިވާދޫން ވަނީ މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ކުޅެފަ އެވެ. އެކަމަކު ފައިނަލް މެޗުގައި، ކ. ކާށިދޫ އަތުން 4-1 އިން ނައިވާދޫ ވަނީ ބަލިވެފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތާރީހުގައި ޖެހިޖެހިގެން ދެ އަހަރު ފައިނަލު ކުޅޭ ތިން ވަނަ ޓީމުގެ ޝަރަފް ނައިވާދޫން ހޯދީ ސެމީ ފައިނަލުގައި، 2024 ވަނަ އަހަރުގެ ޗެމްޕިއަން، އަދި މި އަހަރުގެ ޗެރިޓީ ޝީލްޑް އުފުލާލި ބ. އޭދަފުށި ބަލިކޮށްފަ އެވެ.

މި އަހަރުގެ ފައިނަލުގައި ނައިވާދޫން މިރޭ ކުޅޭނީ، މުޅިން އަލަށް ފައިނަލުގައި ކުޅޭ ގއ. ދެއްވަދޫއާ ދެކޮޅަށެވެ.

ނައިވާދޫގެ ކޯޗުކަމާ ހަވާލުވެ ހުރި ނާއްޓެ ބުނީ، މިދިޔަ އަހަރުގެ ފައިނަލުން ބަލިވި ހިސާބުން ފެށިގެން އަޒުމު ކަނޑައެޅީ މި އަހަރުގެ ފައިނަލުގައި ކުޅުމަށް ކަމަށެވެ. އަދި، އެ ދުވަހުން ފެށި މަސައްކަތް ކާމިޔާބު ކުރެވުނީ އެތައް ކަމަކާ ރަނގަޅަށް ކުރިމަތިލައިގެންކަމަށް ނާއްޓެ ވަނީ ފާހަގަކޮށްފަ އެވެ.

"ދެން، ވަރަށް ދުވަހުގެ މަސައްކަތާއި އަހަރެމެންގެ ސަޕޯޓަރުންގެ ހެޔޮދުއާއާ އެކީގައި، ދެން، ވަރަށް އުނދަގޫ މެޗެއް. ހަމަ ވަރަށް ބައިވަރު ގޮތްގޮތުން، ގައުމީ ޓީމުގެ ވަރަށް ގިނަ ޕްލޭޔަރުން އެބަތިބި އެ މީހުންގެ، ހަމަ އަހަރެމެން ޓީމުގައި ތިބި ޕްލޭޔަރުންނާ ވެސް އެއްގޮތަށް ވަރަށް ބައިވަރު ކަންކަން ދަސްކޮށްގެން ހަމަ ވަރަށް ބޮޑަށް މެޗަށް ރެޑީވެގެން އަހަރެމެން މި ތިބީ،" ނާއްޓެ ބުންޏެވެ.

ނައިވާދޫ އަށް މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެލެންޖު ބޮޑު އަހަރެކެވެ. އެންމެ ޓީމު ގިނައިން ވާދަކުރާ އެއް އަތޮޅުގައި، ނައިވާދޫން ކުޅެން ޖެހުނީ، ގައުމީ ފުޓްސަލް ޓީމަށް ދިޔަ ޓީމުގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ، ގޯލްކީޕަރު، އިބްރާހިމް ނާޖިހު (ހޭޓް)، އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި އަހުމަދު ހަމީދު (އައްމަޑޭ) ނުލަ އެވެ. އަދި، މިދިޔަ އަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި، ޝާއިން އަށް އަނިޔާގެ ސަބަބުން މި ފަަހަރުގެ މުބާރާތުގައި ނުކުޅެވުނެވެ.

ރަނގަޅު ސްކޮޑަކާ އެކީ ކުރި މަސައްކަތުން އަތޮޅު ޗެމްޕިއަންކަން ދިފާއުކޮށް ނައިވާދޫން ޒޯން ފުރަތަމަ މެޗު ކުޅުނު ފަހުން، ގައުމީ ޓީމުގެ ކުޅުންތެރިން ޓީމާ ގުޅި ސްކޮޑު ހަމަޔަކަށް އެޅުނީ އެވެ.

"ނައިވާދޫ ޓީމުގައި އެންމެ ބޮޑު އެއް ކަމަކީ، އަހަރެމެންގެ ސްކޮޑު، ވަރަށް ބޮޑަށް އަހަރެމެންނަށް މުޅި ސްކޮޑުގެ ހުރިހާ ޕްލޭޔަރުންނަށް އިތުބާރު އެބައޮތް. ވަކި ޕްލޭޔަރަކަށް ޑިޕެންޑްވެގެން، ނޫނީ ވަކި ހަތަރެއް ލައިގެން ކުޅޭކަށް އެއްވެސް އިރެއްގައި ނުވިސްނަން، އެންމެ ޕޮޒިޓިވް އެއް ކަމަކީ، އަހަރެމެންގެ ސްކޮޑު ބޮޑުވެފައި، އެ ހުރިހާ ޕްލޭޔަރުން ވެސް ކޮންމެ ވަގުތެއްގައި ވެސް ބޭނުންކޮށްލެވޭތީވެ. އެ ހަމަ އެންމެ މުހިންމު އެއް ކަމަކީ،" ނާއްޓެ ބުންޏެވެ.

ނައިވާދޫ އަކީ ގޯލްޑަން އަށް ބަލާއިރު ވަރަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ތައްޔާރުވާ ޓީމެކެވެ. ރާއްޖޭގެ އެންމެ ގިނަ ރަށް ވާދަކުރާ މި މުބާރާތުގައި ކާމިޔާބެއް ލިބުން ވެގެންދާނީ ނައިވާދޫގެ ކުޅިވަރު ތާރީހުގައި ހާއްސަ ކަމަކަށެވެ.

ނާއްޓޭ ބުނީ، މިއީ، ނައިވާދޫގެ ކުޅިވަރު ހަޔާތުގައި ވެސް ހާއްސަ ކާމިޔާބެއް ހާސިލްކުރަން ލިބޭ ފަހަރެއް ކަމަށެވެ.

"އަސްލު މިހާރު ހަމައެކަނި އަނެއްހެން ބުނަންޏާ މުޅި ރާއްޖޭގައި ކުޅޭ ލެވަލްގައި ނުލިބޭ އެތި. ދެން، ސަޕޯޓަރުން ވަރަށް ކުރިއްސުރެން ވެސް ވަރަށް ބޭނުންވެފައި ހުރި އެއްޗެއް މިހާ ބޮޑު މުބާރާތެއްގައި މުޅި ރާއްޖެ އަށް ބާއްވާއިރު އޭގެ ތަށި. ކޮންމެ މުބާރާތެއްގައި ވެސް ނައިވާދޫ ކުޅެންޏާ އެބަ ފެނޭ އެ. އެ ސަޕޯޓަރުންނަށްޓަކައި، ވެސް މުޅި ޓީމަށް ވަރަށް މުހިންމު ތަށްޓެއް މިއީ،" ނާއްޓެ ބުންޏެވެ.

މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ވެސް ނައިވާދޫ ޓީމަށް ކުޅެފައިވާ ނާއްޓެ ބުނީ، ބޮޑު ކާމިޔާބެއް ހޯދުމަށްޓަކައި، ނައިވާދޫން ކުރާ މަސައްކަތުގައި އަނެއްކާ ވެސް މި އޮތީ ރަނގަަޅު ފުރުސަތެއް ލިބިފައި ކަމަށެެވެ.

"ވަރަށް ގިނަ ދުވަހުގެ އުންމީދުތައް ހާސިލްވާން މި އޮތީ އެންމެ ފިޔަވަޅެއް ގާތަށް އައިސްފައި، ދެން، އަސްލު މި ހިސާބުން ފެށިގެން ނައިވާދޫގައި މި ފުޓްސަލް އެހެން ލެވަލަކަށް ގެންދަން، އަސްލު ޔަންގް ޖެނެރޭޝަން އަކަށް ވެސް ވަރަށް މުުހިންމު އެއްޗަކަށް ވެގެންދާނެ މި ކާމިޔާބީ މިހާރު ހަމަ، މި ސާފް (ފުޓްސަލް) ޗެމްޕިއަންޝިޕާ ވެސް އެކީގައި ނައިވާދޫ އަށް މި އައިސްފައި އޮތް ރޫހާ އެކީގައި، ކުރިއަށް އޮތް ޖީލުތަކަށް މި ފުޓްބޯޅަ އާއި ފުޓްސަލް ދެން އޮތް ލެވަލަށް ގެންދަން ހަަމަ މި ތަށްޓަކީ، ކޮންމެ ހެން ވެސް ނައިވާދޫ އަށް ބޭނުންވާ އެއްޗެއް،" ނާއްޓެ ބުންޏެވެ.

ދެއްވަދޫ އާއި ނައިވާދޫ ފައިނަލަށް ދިއުމާ އެކު، ޖެހިޖެހިގެން ދެ ވަނަ ފަހަރަށް މި މުބާރާތުން އާ ޗެމްޕިއަނެއް ފެނިގެންދާނެ އެވެ. މިއީ، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ 10 ވަނަ މުބާރާތެވެ، މީގެ ކުރިން މި މުބާރާތުގެ ތަށި ހޯދާފައިވަނީ، ތ. ތިމަރަފުށި ތިން ފަހަރުގެ އިތުރުން، ލ. ގަން، ބ. އޭދަފުށި، ބ. ހިތާދޫ، މާފަންނު، ހެންވޭރު އަދި ކ. ކާށިދޫ އެވެ.

މިރޭގެ ފައިނަލުގައި ނައިވާދޫން ދެއްވަދޫއާ ކުޅޭ މެޗު ފަށާނީ 20:30 ގަ އެވެ.