ރައީސް މަސްއޫދު ޕެޒެޝްކިއާން
އިރާނުގެ ނިއުކްލިއާ މައްސަލައިގައި އެމެރިކާއިން އެ ގައުމަށް އިހުތިރާމް ކުރުމަށް އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ގޮވާލައްވައިފި އެވެ.
އޯމާންގައި ކުރިއަށްދިޔަ ނުސީދާ މަޝްވަރާތަކަށްފަހު، އަންނަ ހަފުތާގައި އަނެއްކާވެސް ނިއުކްލިއާ މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުން ދާއިރު، އިރާނުން ބުނަމުންދަނީ އެ ގައުމުގެ މިނިވަންކަމަށް އުނިކަން އަންނަ އެއްވެސް ކަމަކަށް އެއްބަސްނުވާނެ ކަމަށެވެ.
އާދީއްތަ ދުވަހު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޕެޒެޝްކިއާން ވިދާޅުވީ، އިރާނުގެ ނިއުކްލިއާ ސިޔާސަތު ބިނާވެފައިވަނީ ބައިނަލްއަގުވާމީ މުއާހަދާތަކުން ލިބިދޭ ހައްގުތަކުގެ މައްޗަށް ކަމަށެވެ.
"އިރާނުން އަބަދުވެސް އިހުތިރާމަށް އިހުތިރާމުން ޖަވާބުދޭނެ، ނަމަވެސް ބާރުގެ ބޭނުންކޮށްގެން ދައްކާ ވާހަކަތަކަށް ދުވަހަކުވެސް ކިޔަމަނެއް ނުވާނެ،" އެމަނިިކުފާނު ވިދާޅުވިއެވެ.
އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، އާންމު ބޭނުންތަކަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްގު އިރާނުން ދޫކޮށްނުލާނެއެވެ.
އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނާ އާއެކު މަސްކަޓްގައި ބޭއްވި ބައްދަލުވުމުގައި، މަޝްވަރާ ނޫން އެހެން މަގެއް ނެތްކަން ހާމަކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ސަރަހައްދުގައި އެމެރިކާއިން އަސްކަރީ ބާރު ގަދަކުރަމުންދާ ދިއުމަށް އިރާނުން ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ. އިރާނުގެ އަސްކަރީ ކޮމާންޑަރު މޭޖަ ޖެނެރަލް އަބްދުއްރަހީމް މޫސަވީ ވިދާޅުވީ، އުރާނަށް ހަމަލާއެއް ދީފިނަމަ މުޅި ސަރަހައްދު ހަނގުރާމައެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށާއި، އިރާނުން އޮތީ އެމެރިކާއާއެކު ދިގުދެމިގެންދާ ހަނގުރާމައަކަށް ތައްޔާރަށް ކަމަށެވެ.
ބޭރުގެ ބާރުތަކާއެކު މަޝްވަރާތައް ކުރިއަށްދާއިރު، އިރާނުގެ އެތެރޭގެ މަސްރަހު އޮތީ ވަރަށް ނުތަނަވަސްކޮށެވެ. އިގްތިސާދީ ދަތިތަކާއި ފައިސާގެ އަގު ވެއްޓުމާ ގުޅިގެން ކުރި މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ.
އިރާނު ސަރުކާރުން 3,117 މީހުން މަރުވި ކަމަށް ބުނާއިރު، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ބުނާ ގޮތުގައި އެ އަދަދު 7,000 އަށްވުރެ މައްޗަށް އަރައެވެ. އަދި އދ. ގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި 20,000 އަށްވުރެ ގިނަ މީހުން މަރުވެފައިވުން އެކަށީގެންވެއެވެ.
Comment