ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓު ހިންގާ އިމާރާތް. -- ފޮޓޯ: އަދަދު
ބަރަކާތްތެރި ރަމަޟާން މަހަކީ މުސްލިމުންނަށް ލިބޭ މުގައްދަސް ފުރުސަތެކެވެ. އެއީ އަޅުކަމާއި، ތަރާވީސް ނަމާދާއި، އާއިލީ ގުޅުންތައް ބަދަހިކުރުމަށް ލިބޭ ހާއްސަ ދުވަސްތަކެކެވެ. މިފަދަ މާތް މަހެއްގައި، ދިވެހި ސަރުކާރުގެ ސިޔާސަތަކީ ދައުލަތުގެ މުވައްޒިފުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މަސައްކަތު ގަޑި މަދުކޮށް، އަދި ރަމަޟާން މަހުގެ ފަހު ދިހައެއް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސެވުމެވެ. ނަމަވެސް، "ވާނުވާ" ބަންދުގައި ތިބޭ މީހުންގެ މައްސަލަތައް އަވަސްކުރުމަށާއި ކޯޓުތަކުގެ ބެކްލޮގް ފިލުވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ރޭގަނޑު ޝަރީއަތްތައް ކުރިއަށްގެންދަން ފެށުމަކީ ޝަރުއީ ދާއިރާގެ މުވައްޒިފުންނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.
އަދުލު އިންސާފު ގާއިމުކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވާ ފަނޑިޔާރުންނާއި، ކޯޓުތަކުގެ މުވައްޒިފުންނާއި، ގާނޫނީ ވަކީލުންނަކީވެސް އެހެން މުވައްޒިފުންނެކޭ އެއްފަދައިން އިންސާނީ ކަރާމާތާއި ހައްގުތަކެއް ލިބިގެންވާ ބައެކެވެ. މުޅި ދައުލަތުގެ މުވައްޒިފުންނަށް ރަމަޟާން މަހުގެ ލުއިތައް ލިބެމުންދާއިރު، ޝަރުއީ ދާއިރާގެ މީހުން ރޭގަނޑު މަސައްކަތްކުރަން ޖެހުމަކީ އެ ފަރާތްތަކަށް ލިބެންޖެހޭ ހާއްސަ އިނާޔަތްތަކުން މަހުރޫމްވުމެކެވެ. މިއީ އެ ފަރާތްތަކުގެ އާއިލީ ވަގުތާއި، އަޅުކަމުގެ ވަގުތުތަކަށް އެރޭ ހުރަހެކެވެ.
ޝަރީއަތެއް ހިންގުމަށްޓަކައި ފަނޑިޔާރަކު އޭނާގެ މަސައްކަތަށް ނުކުންނަންޖެހޭނަމަ އެ ފަނޑިޔާރަކާއެކު ކޯޓުގެ އެތައް މުވައްޒަފަކު މަސައްކަތަށް ނުކުންނަންޖެހޭނެ އެވެ. ކޯޓު އޮފިސަރުންނާއި ސެކިއުރިޓީންނާއި އޮފީސް ހުޅުވާ ލައްޕާ މުވައްޒަފު ވެސް ހުންނަންޖެހޭނީ ޑިއުޓީގަ އެވެ. މި އެންމެންނަކީ ވެސް ރޯދަ މަހުގެ އަޅުކަންތައް ފުރިހަމަކުރާނޭ، ދިވެހި މުސްލިމުންނެވެ.
އަޅުގަނޑު ގަބޫލުކުރަމެވެ. އަނެއްކާ ވެސް ރޯދަ މަހެއް ލައިގަންނައިރު، އެތައް ބައެއްގެ މައްސަލަތައް ނުހިނގައި، ޖަލުގައި ބަންދުވެފައި ތިބެންޖެހުމަކީ ދެރަ ކަމެކެވެ. އެމީހުންގެ މައްސަލަތައް އަވަހަށް ހިންގަން ޖެހެ އެވެ. އެހެންނަމަވެސް މައްސަލަތައް އަވަސްވުމާ އެއްވަރަށް މައްސަލަތައް ނިންމުމުގައި އިންސާފުވެރިވުމަކީ ވެސް މުހިންމު ކަމެކެވެ. ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނިންމާންޖެހޭ ވަކި ވަގުތެއް ކަނޑައެޅުމެއް ނެތި، އެކަން ކުރަންވާނީ 'އެކަށީގެންވާ އަވަސްމިނެއްގައި' ކަމަށް ބުނެފައި އެއޮތީ އަދުލުއިންސާފު ގާއިމުކުރުމުގެ މަސައްކަތުގެ ހުރިހައި ދިމާލަކަށް ރިއާޔަތްކުރުމަށް ބާރު އެޅުމަށެވެ.
ގާނޫނީ ދާއިރާގެ މަސައްކަތަކީ ނަފްސާނީ ގޮތުން ނުހަނު ބުރަ މަސައްކަތެކެވެ. ގާނޫނީ ވަކީލަކު އޭނާގެ މައްސަލައަކާ މެދު ފިކުރުކުރާއިރު، ކޮންމެ ފަނޑިޔާރަކު މަދުވެގެން 500 އެއްހާ މައްސަލައާ މެދު ފިކުރު ހިންގަވަން ޖެހެ އެވެ. ހަސްމުންނާއި، ވަކީލުންނާއި، ހެކިން ދައްކާ ވާހަކަތަކަށް ފުންކޮށް ވިސްނަވައި، އިންސާފުވެރި ނިންމުމެއް ނިންމުމަކީ ސިކުނޑި ތާޒާކަންމަތީ ހުރެގެން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. މި ދާއިރާގައި ވޭތުވެދިޔަ 25 އަހަރުގެ ތަޖުރިބާއަށް ބަލާއިރު، މިފަދަ ބުރަ މަސައްކަތެއް ރޭގަނޑާއި ދުވާލު ހުއްޓިނެތި ކުރަންޖެހުމުން ފަނޑިޔާރުންނާއި ވަކީލުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޝަރީއަތުގެ ނިޒާމުގެ ހައިބަތު ގެއްލި، އަދުލުވެރިކަމަށް ބުރޫއެރުމަކީ އެކަށީގެންވާ ކަމެކެވެ.
މި ހަގީގަތްތަކަކީ ދާއިރާގެ ކަންކަމާ ހަވާލުވެވަޑައިގެން ތިއްބެވި ފަރާތްތަކަށް ނޭނގި އޮންނާނެ ކަންކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެހެންކަމުން، މިކަމުގައި ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިސްނެގުން މުހިންމެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ސުޕްރީމް ކޯޓާ މަޝްވަރާކޮށް، ހުރިހާ ފަރާތްތަކަކަށް އިންސާފުވެރި އަދި ލުއިފަސޭހަ ހައްލެއް ހޯއްދަވައިދެއްވަން ޖެހެ އެވެ. ފަނޑިޔާރުންނާއި، ކޯޓުތަކުގެ ގާނޫނީ އަދި އިދާރީ މުވައްޒިފުންނަށް ކުރިމަތިވާ ދަތިތަކާ މެދު ބާ ކައުންސިލުން ބަސްބުނެ، އެ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
"ވާނުވާ" ބަންދާއި ބެކްލޮގް ފިލުވުމަކީ މުހިންމު ކަމެއް ނަމަވެސް، އެކަން ކުރަންވާނީ އެ ނިޒާމު ހިންގަން ތިބި މީހުންނަށް ނާއިންސާފު ނުވާނެ ގޮތަކަށެވެ. އިންސާފު ހޯދައިދިނުމުގެ ދަތުރުގައި ބޭއިންސާފުވެރިވާނަމަ، އެ ދަތުރުން ރަނގަޅު މަންޒިލަކަށް ވާސިލުވެވިދާނޭކަމަށް ދެކިގެން ނުވާނެ އެވެ. އަދުލު އިންސާފު ގާއިމުކުރަން ތިބި މީހުންނަށް އިންސާފު ނުލިބޭ ތަނެއްގައި، ރައްޔިތުންނަށް ފުރިހަމަ އިންސާފެއް ލިބިދާނެތޯ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment