ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މި އަހަރުގެ ރިޔާސީ ބަޔާން އިއްވި ޖަލްސާގައި: ޒަމީރުގެ ވަޒީރުކަމުގައި ކުރިން ޝާއިއުކުރަމުން އައި ބައެއް ރިޕޯޓުތައް ޝާއިއުކުރުން ވަނީ ހުއްޓާލާފައި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކޮންމެ ހަފުތާއެއްގައި ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ހަރަދުގެ ތަފާސްހިސާބުތައް ހިމަނައިގެން ފިނޭންސް މިނިސްޓްރީން އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު އާންމުނުކުރާ މައްސަލަ އަނެއްކާ ވެސް ބޮޑުވެއްޖެ އެވެ.
މީގެ ކުރިން ވެސް ގަވާއިދުން ވީކްލީ ފިސްކަލް ރިޕޯޓުތައް އާންމުނުކުރާ މައްސަލަ ބޮޑުވި އެވެ. މި މައްސަލަ އެންމެ ބޮޑުވީ ފަހަރު، ޖޫން 2024 އިން ފެށިގެން ތިން މަހަށް ވުރެ ދިގު މުއްދަތަކަށް މި ރިޕޯޓުތައް ޝާއިއުކުރުން ހުއްޓާލި އެވެ.
އެ ފަހަރު މި ރިޕޯޓު ޝާއިއުނުކުރާ ސަބަބު ހާމަނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ތިބުމަށް ފަހު ސަރުކާރުން ބުނީ، ރިޕޯޓު ނެރުން ހުއްޓާލަން ޖެހުނީ ކުރީ ސަރުކާރުން ހަރަދުތަކެއް ރެކޯޑު ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައި ހުރުމުން ކަމަށެވެ.
އޭގެ ފަހުން އަލުން ވީކްލީ ފިސްކަލް ރިޕޯޓުތައް އާންމުކުރަން ފެށި ނަމަވެސް ދޭތެރެއަކުން ހަފުތާ ދެ ހަފުތާ ވަންދެން ރިޕޯޓުތައް ޝާއިއުނުކޮށް ތިބެ އެވެ. އަދަދު ނޫހުން ވާނީ މި ވާހަކަ ވަރަށް ގިނަ ފަހަރު ރިޕޯޓުކޮށްފަ އެވެ.
ފިނޭންސުގެ ވެބްސައިޓުގައި އެންމެ ފަހުން މީގެ ރިޕޯޓެއް ޝާއިއުކޮށްފައި ވަނީ މިދިޔަ މަހުގެ 19 ގަ، އެވެ. އެއީ މިދިޔަ އަހަރުގެ އެންމެ ފަހު ހަފުތާގެ ރިޕޯޓެވެ.
މި އަހަރު ފެށިގެން ހަ ހަފުތާ ނިމި، ހަތް ވަނަ ހަފުތާ ފަށައިގެން އުޅޭއިރު، އަދި މި އަހަރުގެ ފުރަތަމަ ހަފުތާގެ ރިޕޯޓު ވެސް ފެންނާކަށް ނެތެވެ. އެއީ ކީއްވެގެންތޯ ސާފުކުރަން ފިނޭންސް މިނިސްޓްރީގައި ސުވާލުކުރުމުން އެ ސަބަބެއް ވެސް ނުބުންޏެވެ.
ވީކްލީ ފިސްކަލް ރިޕޯޓެއް ނޫނީ މީރާގެ ރިޕޯޓެއް ވެސް ފެންނަން ނެތުމުން މި އަހަރު ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ހަރަދުގެ އެއްވެސް މައުލޫމާތެއް ނޭނގެ އެވެ.
މި ރިޕޯޓުތައް ގަވާއިދުން އާންމުނުކުރާ މައްސަލައިގެ އިތުރުން، ގްރީން ފަންޑު ރިޕޯޓު ޝާއިއުކުރުން ހުއްޓާލި މައްސަލަ ވެސް އެބައޮތެވެ.
ގްރީން ފަންޑު ރިޕޯޓަކީ، ގްރީން ޓެކްސްގެ ގޮތުގައި ލިބޭ ފައިސާގެ އަދަދާއި، ފަންޑުގެ ޖުމްލަ އާއި، ފަންޑުން ހަރަދުކުރަމުންދާ ފައިސާ އެ ފައިސާ ހަރަދުކުރާ ޕްރޮޖެކްޓުތަކުގެ މައުލޫމާތު ހިމެނޭ ރިޕޯޓެކެވެ. ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން، މި ރިޕޯޓުތައް ޝާއިއުކުރުން ހުއްޓާލާފަ އެވެ.
މާލީ ހާމަކަމުގައި ސަރުކާރުން ފަހަތަށް ފިޔަވަޅު އަޅާ ކަމުގެ ކަންބޮޑުވުން ބޮޑުއިރު، މި އަހަރަކީ ސަރުކާރުގެ ހަރަދުތަކަށް ފާރަވެރިވާން މުހިންމު އަހަރެކެވެ. ސަބަބަކީ ތާރީހުގައި ވެސް ދައްކަން ނުޖެހޭ ވަރުގެ ގިނަ ދަރަނި، މި އަހަރު އަނބުރާ ދައްކަން ޖެހުމާއި، އެކަމަށް ގިނަ އަދަދަކަށް ފައިސާ ބޭނުންވުމެވެ.
މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓު ފައިނޭންސް ކުރަން 26.2 ބިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ. ފައިނޭންސިންގެ ގޮތުގައި ހޯދާ ފައިސާއިން 12.9 ބިލިއަން ރުފިޔާ ހަރަދުކުރަނީ ލޯނުތައް އަނބުރާ ދެއްކުމަށެވެ. ބާކީ 8.8 ބިލިއަން ރުފިޔާ އެއީ ޑެފިސިޓު ފޫބައްދަން ހޯދަން ޖެހޭ ފައިސާ އެވެ.
މިހެން ނަމަވެސް، އަބޫ ދާބީ ފަންޑަށް ވިއްކާފައިވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑު ރޯލްއޯވާ ކޮށްދޭން ނިންމާފައިވާ ކަމަށް ސަރުކާރުން އިއުލާންކޮށްފައިވާތީ، ދަރަނި އަދާކުރަން ކުރާ ޖުމްލަ ހަރަދު ކުރިއަށް ވުރެ މަދުވާނެ ކަމަށް ބެލެވެ އެވެ.
Comment