Advertisement

އިއުލާން ނުކުރި ނަމަވެސް ހަރަދު ކުޑަކުރުމަށް މަސައްކަތް ކުރާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

ފިނޭންސް މިނިސްޓަރު ޒަމީރު އަދި ރައީސް މުއިއްޒު. ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް މިއަދު ޒަމީރު ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް


އިއުލާން ނުކުރި ނަމަވެސް ހަރަދު ކުޑަކުރުމަށް މަސައްކަތް ކުރާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދައުލަތުގެ މާލިއްޔަތަށް ނޭދެވޭ އަސަރުތަކެއް ކުރަމުން އަންނާތީ ހަރަދު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެއީ އިއުލާން ކޮށްގެން ކުރާނެ ކަމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ އިމްޕޯޓަށް ބަރޯސާވާ ގައުމެއް ކަމަށްވާއިރު މެދުއިރުމަތީގެ ހަނގުރާމައާއެކު ތެލުގެ އަގު އުފުލި ދުނިޔޭގެ ބާޒާރުގައި އެހެނިހެން ތަކެތީގެ އަގުތައް ވެސް ވަނީ ބޮޑުވަމުންނެވެ.

އެއާއެކު ދުނިޔޭގެ އެންމެ ތަނަވަސް ގައުމުތަކުން ވެސް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އިއުލާންކޮށްފައިވާއިރު އެފަދަ ފިޔަވަޅުތަކެއް ދިވެހި ސަރުކާރުން ނާޅާތީ އާންމުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

"ހަނގުރާމައާ އެއްކޮށް ކޭޝްފްލޯއަށް އެބަ އާދޭ ބަދަލުތަކެއް، އެހެންވެ އެއަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ސެންސިޓިވް ވެގެން މިދަނީ. ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ މަސައްކަތް އެބަކުރަން، އަޅުގަނޑު ކުރީ ދުވަހު ވެސް ދެންނެވިހެން އިއުލާން ކޮށްގެން އެކަމެއް ނުކުރަން،" ޒަމީރު ވިދާޅުވި އެވެ.

އޭގެ ތެރޭގައި ދަތުރުފަތުރު ހަރަދު ކުޑަކުރުން ހިމެނޭ ކަމަށް ޒަމީރު މިއަދު ހާމަކުރެއްވި އެވެ. ފޮރިން މިނިސްޓްރީ ފިޔަވައި އެހެން މިނިސްޓްރީތަކުން ރާއްޖޭން ބޭރަށް ދަތުރުކުރުން މަޑުޖައްސާލާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ފަންޑެޑް ދަތުރު ނޫނިއްޔާ މިވަގުތަށް ހުއްދައެއް ނުދެން. އެކަމު ފޮރިން އެފެއާޒްއިން ކުރައްވަން ޖެހޭ ދަތުރުތައް ކުރައްވާނެ. ދެން ހުރި ދަތުރުތައް މަޝްވަރާ އަރުވަނީ އޮންލައިންކޮށް ބައިވެރިވުމަށް،" ޒަމީރު ވިދާޅުވި އެވެ.

ހަނގުރާމަ މާދަމާ ހުއްޓުނު ނަމަވެސް ކުރިން އޮތް އާންމު ހާލަތަށް ރުޖޫއަވުމަށް ހަތަރު މަސްދުވަސް ނަގާނެ ކަމަށް އެނަލިސްޓުންނާ ހަވާލާދީ ޒަމީރު ވިދާޅުވި އެވެ.

"މިދިޔަ ދުވަސްތަކުގައި މި އައި ޝޮކު، ރެވެނިއު މިސްމެޗާއި މަސައްކަތް ކުރަން އެބަ ޕްލޭނަކަށް. އެ ޕްލޭން ޕަބްލިޝްއެއް ނުކުރެވޭނެ، މާކެޓް ސެންސިޓިވް، ބޮރޯ ކުރަން ޖެހޭތީ، އެކަމު އޭގެ މައިގަނޑު ބައިތައް އަޅުގަނޑުމެން ހާމަކުރާނަން،" ހަރަދު ކުޑަކުރުމާ ގުޅޭގޮތުން ޒަމީރު ވިދާޅުވި އެވެ.

ރާއްޖެއަށް ވުރެ މާ މާލީ ގޮތުން ބާރުގަދަ، ރިޒާވުތައް ވަރުގަދަ ގައުމުތަކުން ވެސް އަންނަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އޭގެ ތެރޭގައި ޗައިނާ، ޖަޕާން، ފިލިޕީންސް، ދެކުނު ކޮރެއާ، މެލޭޝިއާ، އިންޑޮނީޝިއާ، އިންޑިއާ އާއި ހުޅަނގާއި އެމެރިކާ އަދި އެފްރިކާގެ ގައުމުތައް ހިމެނެ އެވެ.

އެ ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ތަރައްގީގެ ބައެއް މަޝްރޫއުތައް މަޑުޖައްސާލުމާއި، ދައުލަތުން ބޮޑު މުސާރަ ލިބޭ މީހުންގެ މުސާރަތައް ކުޑަކުރުމާއި، ސަބްސިޑީތައް ކޮންޓްރޯލް ކުރުމާއި، ހަކަތަ އިގުތިސޯދު ކުރުމުގެ ފިޔަވަޅުތައް ހިމެނެ އެވެ.

މުއިއްޒުގެ ސަރުކާރުން ހަރަދު ކުޑަކުރުމުގައި ފަހަތު ފަޔަށް ބުރަވަމުން އަންނަނީ އެޕްރީލް މަހުގެ ކުރީކޮޅު އޮންނަ އިންތިހާބާ ގުޅިގެން ކަމަށް އިދިކޮޅު ޕާޓީތަކުން އަންނަނީ ބުނަމުންނެވެ. އެ އިންތިހާބާ ދިމާކޮށް އެތައް ސަތޭކަ މުވައްޒަފުންނެއް ސަރުކާރުން އަންނަނީ ހިއްސާ އޮންނަ ކުންފުނިތަކަށް ނަގަމުންނެވެ.