about 13 hours 0
ލީވާން އަލީ ނާސިރު
އެފްއައިޔޫގެ ވެރިޔާގެ މަގާމުން ވަކިކުރި ސާޖިދު: އޭނާ މަގާމުން ވަކިކުރީ ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވި، އެ މައްސަލަ އެމްއެމްއޭއިން ބެލުމަށްފަހު -- ފޮޓޯ: އިމިގްރޭޝަން
about 13 hours 0
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާ އިސްމާއިލް ސާޖިދު މަގާމުން ވަކިކުރި މައްސަލައިގައި އެމްއެމްއޭއާ ދެކޮޅަށް ވަޒީފާއާބެހޭ ޓްރައިބުނިލަށް އޭނާ މިދިޔަ ހަފްތާގައި މައްސަލަ ހުށަހަޅައިފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ސާޖިދު މަގާމުން ވަކިކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގަ އެވެ. އޭނާ މަގާމުން ވަކިކޮށްފައި ވަނީ އެ މައްސަލަ ބެލި އެމްއެމްއޭގެ އެތެރޭގެ ކޮމިޓީން އޭނާ އެ މަގާމުން ވަކި ކުރަން ދިން ލަފަޔާ އެއްގޮތަށް ގަވަރުނަރު، އަހުމަދު މުނައްވަރު އެވެ.
ނަމަވެސް ސާޖިދުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް އޭނާ މިދިޔަ މަހު 31، ގައި ނެރުނު ބަޔާނެއްގައި ވިދާޅުވީ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.
ސާޖިދު ވިދާޅުވީ އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާމައްސަލަ އެމްއެމްއޭގެ ކޮމިޓީއަކަށް ހުށަހަޅައި ސާބިތުވާ ކަމަށް ނިންމީ، އެ މައްސަލަ ހުށަހެޅި ފަރާތުން ދޮގުތަކެއް ހަދާފައިވާކަން އެނގެން އޮއްވާ ކަމަށެވެ.
އެފްއައިޔޫގެ ވެރިޔާގެ މަގާމުން ސާޖިދު ސަސްޕެންޑުކުރީ މިދިޔަ މަހު 29، ގަ އެވެ. އޭނާގެ މައްސަލަ ބަލަން ފަށައި މަގާމުން ސަސްޕެންޑުކުރީ ޑިސެމްބަރު 25، 2025 އިން ފެށިގެންނެވެ.
ސްޓަރަކްޗަރަލް ބަދަލެއްގެ ތެރެއިން ކަމަށް ބުނެ އެފްއައިޔޫގެ ކުރީގެ ވެރިޔަކަށް ހުރި އަބްދުالله އަޝްރަފްގެ ބަދަލުގައި ސާޖިދު އެ މަގާމަށް ހަމަޖެއްސީ އޯގަސްޓު 3، ގަ އެވެ.
ސާޖިދު އެ މަގާމަށް ހަމަޖެއްސީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް އެފްއައިޔޫއިން އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ލީކުވިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.
އެފްއައިޔޫއަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި ގާއިމުކޮށްފައިވާ ޔުނިޓެކެވެ.
އެ ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ މާލީ މުއާމަލާތްތައް މޮނީޓަރުކޮށް، އެފަދަ މުއާމަލާތެއް މެދުވެރިކޮށް ކުށް ކުރުމަށް އަރައިގަނޭތޯ ދެނެގަނެ، މަނީ ލޯންޑާ ކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އިދާރާތަކާ އެކު މަސައްކަތް ކުރުމެވެ.
Comment