Advertisement

ޓައިމް މެގަޒިން އިން ހޮވި ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި މުއިއްޒު

މުހައްމަދު މުއިއްޒު: ޓައިމްސް އިން ހޮވި ސިއްހީ ދާއިރާގައި އެންމެ ނުފޫޒުގަދަ 100 ބޭފުޅުންގެ ތެރޭގައި މުއިއްޒު ވަނީ ހިމެނިވަޑައިގެންފައި -- ފޮޓޯ: ރައީސް އޮފީސް


ޓައިމް މެގަޒިން އިން ހޮވި ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި މުއިއްޒު

ޓައިމް މެގަޒިން އިން ހޮވި މި އަހަރުގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި މުހައްމަދު މުއިއްޒު ހިމެނިއްޖެ އެވެ.

ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި މުއިއްޒު ހިމެނިވަޑައިގަތީ ރާއްޖޭގައި ވޭޕް މަނާކޮށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަޅުއްވާފައިވާ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެންނެވެ.

މުއިއްޒުގެ ވެރިކަމުގައި 2024 ވަނަ އަހަރު ޖެނުއަރީ، 2007 ގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކަށް ދުންފަތުގެ އުފެއްދުންތައް ވިއްކުމާއި ގަތުމާއި އަދި ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ.

އޭގެއިތުރުން ވޭޕް އާއި އީ ސިގިރޭޓު އެތެރެކޮށް، ވިއްކައި، ބޭނުންކުރުން ވެސް 2024 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ވަނީ މަނާކޮށްފަ އެވެ.

މުއިއްޒު ޓައިމއަށް ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ސިއްހީ ސިޔާސަތުތައް ބިނާކޮށްފައި ހުރީ، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ބަލިޖެހުމުން ފަރުވާ ދިނުމުގެ މައްޗަށް ކަމަށެވެ.

ނަމަވެސް މި ސަރުކާރުން މަސައްކަތްކުރަނީ، ބަލިތަކުން ރައްކާތެރިވުމަށާއި ފަރުވާ ދިނުމަށް ހަމަހަމަ ސަމާލުކަމެއް ދެއްވުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މި ހުރިހާ ފިޔަވަޅުތަކެއް އެކުއެކީގައި ކުރެއްވުމުގެ މަގްސަދަކީ، ރާއްޖޭހެ ސިއްހީ ދާއިރާއަށާއި، ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް، މާނަހުރި، މިންކުރެވޭފަދަ، އަދި ވިލުންތެރި ކުރިއެރުންތަކެއް ހޯދުން،" މުއިއްޒު ވިދާޅުވި އެވެ.

ޓައިމް މެގަޒިންގައި ރާއްޖޭގައި ސެސޭޝަން ކްލިނިކްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ކަމަށް ބުނެފައިވާއިރު، އެ ތަންތަނުން އެދެވޭ ގޮތެއްގައި ހިދުމަތް ނުލިބޭ ކަމަށް ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ.

ރާއްޖެއިން މި އަހަރު 24 ގަޑިއިރު ހިދުމަތްދޭ މެންޓަލް ހެލްޕްލައިނެއް ގާއިމުކޮށްފައިވާ ކަމަށާއި މައިމީހާގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަށް، އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ބަލި އެރުން ނައްތާލި ފުރަތަމަ ގައުމުގެ ލަގަބުވެސް ރާއްޖެއަށް މިދިޔަ އަހަރު ލިބުުކަން ޓައިމްސް މެގަޒިން އިން ފާހަގަކުރި އެވެ.

ޓައިމްސް މެގަޒިން އިން ކޮންމެ އަހަރަކު ހޮވާ ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ ބޭފުޅުންގެ ތެރޭގައި މުއިއްޒުގެ އިތުރުން އިޖުތިމާއީ މަސައްކަތްކުރައްވާ ބޭފުޅުންނާއި ދިރާސާކުރައްވާ ބޭފުޅުން ވެސް ހިމެނެ އެވެ.

ދުންފަތާ ދެކޮޅަށް މުއިއްޒު ކުރައްވާ މަސައްކަތް ފާހަގަކުރައްވައި ވޯލްޑް ނޯ ޓޮބޭކޯ ޑޭއާ ގުޅިގެން މުއިއްޒުއަށް ހާއްސަ އެވޯޑެއް ވެސް މިދިޔަ އަހަރު ލިބުނެވެ. އެ އެވޯޑަކީ ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް، ޑރ. ޓެޑްރޯސް އަދަނޯމް ގެބްރިޔޭސުސް ދެއްވި އެވޯޑެކެވެ.