Advertisement

ޕޮލިސް ކޮމިޝަނަރު، ނަވީން ރިޓަޔާ ކުރައްވަން އުޅުއްވާކަން އަރިސް ބައެއް ބޭފުޅުންނާ ހިއްސާކުރައްވައިފި

15 ފެބުރުވަރީ 2026 - 14:39 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ނަވީން އައްޔަނުކުރި ދުވަހު ރައީސް އޮފީހުގައި -- ފޮޓޯ: ރައީސް އޮފީސް


ޕޮލިސް ކޮމިޝަނަރު، ނަވީން ރިޓަޔާ ކުރައްވަން އުޅުއްވާކަން އަރިސް ބައެއް ބޭފުޅުންނާ ހިއްސާކުރައްވައިފި

15 ފެބުރުވަރީ 2026 - 14:39 2

ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން އެ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވާފައިވާކަން އަރިސް ބައެއް ބޭފުޅުންނާ ހިއްސާކުރައްވައިފި އެވެ.

މި ނޫހަށް މައުލޫމާތު ދެއްވި، ނަވީންގެ އަރިސް ބައެެއް ބޭފުޅުން ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އެހެންނަމަވެސް، ޕޮލިސް ކޮމިޝަނަރުގެ މަގާމުން ނަވީން އިސްތިއުފާ ދެއްވަން ނިންމަވާފައި ވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

ޕޮލިސް ކޮމިޝަނަރުކަމުން ރިޓަޔާ ކުރައްވަން ނިންމަވާފައިވާކަން އަރިސް ބައެއް ބޭފުޅުންނާ ނަވީން ހިއްސާ ކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ތަހުގީގު ކުރި، ޕޮލްކޯގެ މައްސަލައާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓުގައި އެ ކޮމިޓީން ވަނީ ނަވީން ހިމެނޭހެން ފުލުހުންގެ އެގްޒެކެޓިވް ލެވެލްގެ އޮފިސަރުންތަކެއް ސަސްޕެންޑު ކުރަން ލަފާ ދީފަ އެވެ.

ނަވީންއަކީ މި ވެރިކަމުގައި ޕޮލިސް ކޮމިޝަނަރުކަމަށް އައްޔަނުކުރި ދެވަނަ ބޭފުޅާ އެވެ. މީގެ ކުރިން އެ މަގާމުގައި ހުންނެވީ އަލީ ސުޖާއު އެވެ. އެޕްރީލް 26، ގައި އޭނާ އިސްތިއުފާދެއްވީ އާއިލީ ބައެއް ޒިންމާތަކުގެ އިތުރުން އޭޕްރީލް 18، ގެ ފަތިހު ހެންވޭރު އިމާރާތެއްގެ މަތިން ވެއްޓި ބޮޑެތި އަނިޔާއެއް ވި ހައްވާ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.

ފުލުހުން މަދަނީ ހިދުމަތެއްގެ ގޮތުގައި ވަކިން އުފެއްދުމުގެ ކުރިން ނަވީން އުޅުއްވީ އެމްއެންޑީއެފްގަ އެވެ. ފުލުހުންގެ ހިދުމަތާ ނަވީން ގުޅިވަޑައިގެންނެވީ 2006 ވަނަ އަހަރު އެވެ. އޭނާ ވަނީ ފުލުހުންގެ ހެޑް އޮފް ހިއުމަން ރިސޯސް ޑިޕާޓުމެންޓާއި ހެޑް އޮފް ސެންޓްރަލް އޮޕަރޭޝަންސްގެ މަގާމުގެ އިތުރުން ފޮރެންސިކް ސާވިސް ޑައިރެކްޓޮރޭޓުގެ ވެރިޔާގެ މަގާމު ފުރުއްވައިފަ އެވެ.

ނަވީން ވަނީ ގާނޫނީ ދާއިރާއިންނާއި ލީޑަޝިޕްގެ ދާއިރާއިން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއިން މަތީ ތައުލީމު ހާސިލު ކުރައްވައިފަ އެވެ.