ރާއްޖޭގެ ގެސްޓްހައުސް ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދޭން ނިންމާފައިވާ "ގެސްޓްހައުސް އެވޯޑްސް 2026" އަށް ކުރިމަތިލުމަށް ބޭނުންވާ މައިގަނޑު ޝަރުތުތައް އާންމުކޮށްފިއެވެ.
މި އެވޯޑަކީ ގެސްޓްހައުސްތަކާއި، އެ ދާއިރާގައި މަސައްކަތްކުރާ ފަރުދުންގެ އިތުރުން ލޯކަލް ޓޫރިޒަމް ކުރިއަރުވާ ރަށްރަށަށް ހާއްސަކޮށްގެން ދޭ އެވޯޑެކެވެ.
އެމްއައިބީން ބުނި ގޮތުގައި އެވޯޑަށް ކުރިމަތިލާ ފަރާތްތައް ތިން ދާއިރާއަކަށް ބަހާލައިގެން ޝަރުތުތައް ވަނީ ކަނޑައަޅާފައެވެ.
1. ގެސްޓްހައުސް ކެޓަގަރީގެ ޝަރުތުތައް
ގެސްޓްހައުސްތަކަށް ހާއްސަ އެވޯޑްތަކަށް ކުރިމަތިލާ ފަރާތްތަކުން ތިރީގައިވާ ކަންކަން ފުރިހަމަވާންޖެހެއެވެ:
- ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނީ ދަށުން ރަޖިސްޓްރީވެފައިވާ، ސައްހަ ލިޔެކިޔުން ހުރި ތަނަކަށްވުން
- މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކޮށްފައިވާ ސައްހަ ގެސްޓްހައުސް އޮޕަރޭޓިން ލައިސަންސެއް އޮތުން
- ޓޫރިޒަމް ސިނާއަތުގެ ސިއްހީ، ސަލާމަތީ އަދި ތިމާވެށީގެ މިންގަނޑުތަކަށް އަމަލުކުރާކަމުގެ ލިޔެކިޔުންތައް ހުށަހެޅުން
- މީރާގެ "ޓެކްސް ކްލިއަރެންސް" ރިޕޯޓާއި، ޕެންޝަނާ ބެހޭ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް އަމަލުކުރާކަމުގެ ލިޔެކިޔުންތައް ހުށަހެޅުން
- އެވޯޑަށް ހުށަހަޅާ ތާރީހާ ހަމައަށް މަދުވެގެން 12 މަސްދުވަހު މެދުކެނޑުމެއް ނެތް ގޮތުގައި ހިންގަމުންދާ ތަނަކަށްވުން
- އޮންލައިން ޓްރެވަލް އެޖެންސީ ތަކުގައި ހަރަކާތްތެރިކޮށް އޮތުން.
2. ފަރުދީ ކެޓަގަރީގެ ޝަރުތުތައް
ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ އެވޯޑަށް ކުރިމަތިލެވޭނީ:
- ދިވެހި ރައްޔިތަކަށްވުން
- އެމްއައިބީ ނުވަތަ އެވޯޑް އިންތިޒާމުކުރާ ކްރޯ މޯލްޑިވްސްއާ އެއްވެސް މަސްލަހަތު ފުށުއެރުމެއް ނެތްކަމުގެ އިގުރާރެއް ހުށަހެޅުން
3. ރަށު ފެންވަރުގެ ކެޓަގަރީގެ ޝަރުތުތައް
ގެސްޓްހައުސް ފަތުރުވެރިކަން ކުރިއަރާފައިވާ ރަށްރަށަށް ދޭ އެވޯޑަށް ޝަރުތު ހަމަވާނީ:
- ރަށު ފެންވަރުގައި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މެދުކެނޑުމެއް ނެތް ހަރަކާތްތަކެއް ހިންގާކަމުގެ ހެކި ހުށަހެޅުން.
- އެ ރަށެއްގައި އޮޕަރޭޓްކުރާ ގެސްޓްހައުސް ކޮޓަރީގެ ޖުމްލަ އަދަދު މަދުވެގެން 50 އަށްވުރެ މަދުނުވުން.
މި ވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖުލައި 15، 2026 ގައެވެ. އެވޯޑްތައް ދިނުން އޮންނާނީ އަންނަ އޮކްޓޫބަރު މަހު ބާއްވާ އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްގައެވެ.
Comment