Advertisement

އެމްޑީޕީގެ ދެ ވެރިކަމުގައި ހުޅުވާފައި ހުރި އެއްވެސް މިސްކިތެއް ނުހުންނާނެ: ފަލާހު


އެމްޑީޕީގެ ދެ ވެރިކަމުގައި ހުޅުވާފައި ހުރި އެއްވެސް މިސްކިތެއް ނުހުންނާނެ: ފަލާހު

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދެ ވެރިކަމުގައި ރާއްޖޭގައި ހުޅުވާފައި ހުރި އެއްވެސް މިސްކިތެއް ނުހުންނާނެ ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދަނީ ޓެރަރިޒަމްގެ ގާނޫނަށް އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހުގެ ބަހުސެވެ. އެއީ މިސްކިތަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލެކެވެ.

އެ ބަހުސްގައި ވާހަކަ ދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވަނީ އެމްޑީޕީއަކީ ދީނާ ދުރު ޕާޓީއެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ. މިދިޔަ ސަރުކާރުގައި އަޅަން ފެށި މިސްކިތްތަކަށް ފައިސާ ނެގުމަށް ފަހު މަސައްކަތްތައް ހުރީ ހުއްޓާލާފައި ކަމަށް ފަލާހު ވިދާޅުވި އެވެ.

"އެއްވެސް މިސްކިތެއް އެމްޑީޕީގެ ދެ ވެރިކަން ނިމުނީ، އެއްވެސް މިސްކިތެއް ނުހުންނާނެ އެމްޑީޕީގެ ދެ ވެރިކަމުގައި ހުޅުވާފައި ހުރި، މިސްކިތެއް. ތަޅުލިއްޔާ ތަޅުލާފައި ހުންނަނީ،" ފަލާހު ތުހުމަތު ކުރެއްވި އެވެ.

އެމްޑީޕީއަކީ މިސްކިތްތަކާ ދުރު ބައެއް ކަމަށާއި އެ ޕާޓީއަކީ "ނުލަފާ ބައެއްގެ" ގޮތުގައި ފަލާހު ސިފަކުރެއްވި އެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ނުދިނުމަށް ފަލާހު އެދިވަޑަގަތެވެ.

"ކުރިއަށް މި އޮތީ ދިވެހި ރައްޔިތުންނަށް އެމްޑީޕީ ދިވެހިރާއްޖެއިން ފުހެލުމަށް ލިބޭ ފުރުސަތު މިއީ، ގިނަ ފުރުސަތެއް ނުލިބޭނެ، އެހެންވީމާ ހުރިހާ ބޭފުޅުން ނޯ ޖަހަންވީ،" ފަލާހު ވިދާޅުވި އެވެ.

މިފަދަ ތުހުމަތެއް ފަލާހު ކުރެއްވި ނަމަވެސް އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމުގެ މަޝްރޫއުތައް ހިންގައި މިސްކިތްތައް ހުޅުވާފައިވެ އެވެ.