about 2 hours 0
ލީވާން އަލީ ނާސިރު
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް: މުއިއްޒުއަކީ ދިގުދެމިގެންދާ ވެރިކަމެއް ކުރުމަށް ގާނޫނުތައް ފުނޑުފުނޑުކޮށްލައިގެން ހުންނަވާނެ ބޭފުޅެއް ކަމަށް މައުރޫފް ވިދާޅުވި
about 2 hours 0
ގާނޫނުއަސާސީއާ ކުޅެމުންދަނީ ރިޔާސީ ދައުރު ދިގުކުރުމަށް ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ ދައުރު ކުރުކޮށްފިނަމަ، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތައް ފަސް އަހަރުގެ ތެރޭގައި ނުފުއްދޭތީ އެ ދައުރު ދިގުކުރާނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލިސްގެ ދައުރަކީވެސް ކުޑަކޮށްފައި އޮތް އެއްޗެކޭ، އެއަކަށް ޗެލެންޖެއް ނުކުރެއޭ، ސުޕްރީމް ކޯޓު އޭތި ބަލައިގަނެފިއޭ، ރައްޔިތުން އޭތި ބަލައިގަނެފިއޭ، މަޖިލިސް އޭތި ބަލައިގަނެފިއޭ ދެން އެހެންވީމާ ރައީސުލްޖުމްހޫރިއްޔާގެ ވެވަޑައިގެންފައިވާ ވައުދުތައް ފަސް އަހަރުގެ ދައުރެއްގައި ނުފުއްދޭތީވެ ރައީސް ދައުރު ދިގުކޮށްލުމަށްޓަކައި ގާނޫނު އަސާސީއާ ކުޅެންފެށީ މިގޮތަށް،" އޭނާ ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ ރައްޔިތުން ނިކުމެ މި ސަރުކާރު ހަމަ މަގަށް ނާޅުވައިފިނަމަ، މުހައްމަދު މުއިއްޒުއަކީ ދިގުދެމިގެންދާ ވެރިކަމެއް ކުރުމަށް ގާނޫނުތައް ފުނޑުފުނޑުކޮށްލައިގެން ހުންނަވާނެ ބޭފުޅެއް ކަމަށެވެ.
"ރައްޔިތުން ވިސްނާ، ރައްޔިތުން އަޅުގަނޑުމެންނާއެކު ނިކުމެ މި ސަރުކާރު ހަމަ މަގަށް ނާޅުވައިފިކަމުގައިވާނަމަ ރައީސުލްޖުމްހޫރިއްޔާއަކީ ދިގުދެމިގެންވާ ވެރިކަމެއް ކުރުމަށް ގާނޫނުތައް ފުނޑުފުނޑު ކޮށްލައިގެން ހުންނާނެ މީހެއް މި ރާއްޖޭގެ މިވަގުތުގެ ރައީސުލްޖުމްހޫރިއްޔާއަކީ،" އޭނާ ވިދާޅުވި އެވެ.
ޑިމޮކްރަސީ ރާއްޖެއަށް އައިސް ރައްޔިތުންނަށް ރައްޔިތުންގެ ހަގީގީ ބާރު ބެނުންކޮށްލަން ލިބޭ ހަމައެކަނި ފުރުސަތަކީ ވޯޓުލުމުގެ ފުރުސަތު ކަމަށްވާއިރު، ހައްގު ނިގުޅައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ ދައުރު ދަންމާލަން މުއިއްޒު ބޭނުންވަނީ ވެވަޑައިގެންފައިވާ ވައުދުތައް ދައުރު ނިމެންވާއިރަށް ވެސް ނުފުއްދޭނެތީ ކަމަށާއި އެކަމާ ދެކޮޅަށް ރައްޔިތުން ނިކުމެ އިހުތިޖާޖު ވެސް ކުރަން ޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު އެއްވެސް އިސްލާހެއް ނުގެނެސް ވަނީ ފާސްކޮށްފަ އެވެ.
މި ގޮތަށް މަޖިލީހުގެ ދައުރު ފެއްތުމަށް މީގެ ފަހުން އަލަށް ހޮވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭ ތާރީހު ޑިސެމްބަރު 1، އަށް ބަދަލުކުރަން މި ބިލުގައި ހިމަނާފައިވެ އެވެ. މިއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސް މަދުވާނެ އެވެ.
20 ވަނަ މަޖިލީހުގެ އުމުރު މި ބަދަލު އައިސްފިނަމަ ހަމަވާނީ ޑިސެމްބަރު 1، 2028، އަށެވެ. އެ ދުވަހުގެ ކުރިން އައު މަޖިލީހުގެ އިދާރީ ކަންކަން ފުރިހަމަކުރަން ވެސް ޖެހޭނެ އެވެ.
މި ބިލު ތަސްދީގުކުރުމާއެކު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެ ވޯޓު ނަގާނެ ކަމަށް ބެލެވެނީ އަންނަ އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބުގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment