Advertisement

އެމްޑީޕީގެ އިތުރު ތިން މެންބަރެއްގެ ނަން އިއްވައި ތަޅުމުން ނެރެފި


އެމްޑީޕީގެ އިތުރު ތިން މެންބަރެއްގެ ނަން އިއްވައި ތަޅުމުން ނެރެފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ހުށަހަޅާފައިވާ ބިލުގެ ބަހުސްގެ ތެރެއިން އިހުތިޖާޖު ކުރަމުންދިޔަ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ތިން މެންބަރެއްގެ ނަން އިއްވައި ތަޅުމުން ނެރެފި އެވެ.

އެ ބިލުގެ ބަހުސް ފެށުމާއެކު ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވައި ވަނީ ތަޅުމުން ނެރެފަ އެވެ. އެއަށް ފަހު ބިލުގެ ބަހުސް ކުރިއަށްގެންދިޔައިރު ދެވަނަ ފުރުސަތެއްގައި ވާހަކަ ދެއްކުމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުއަށް ރިޔާސަތުން ފުރުސަތު ދިނުމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެކަމާ އިއުތިރާޒު ކުރެއްވި އެވެ.

ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް ވަނީ އަމަލުކުރެއްވީ ގަވާއިދާ އެއްގޮތަށް ކަމަށް ވިދާޅުވެފަ އެވެ. އެއާއެކު ގޮނޑިން ތެދުވެ ރިޔާސަތުގެ ކުރިމަތީގައި ފިއްޓޭ އިހުތިޖާޖު ކުރަން ފެއްޓެވި އެވެ. އޭނާއާ އެމްޑީޕީ ޕީޖީ މެންބަރުން ބައިވެރިވި އެވެ.

އެ އިހުތިޖާޖުގެ ތެރެއިން ރިޔާސަތުން އިއްވީ ފިއްޓޭގެ ނަމާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އަދި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދުގެ ނަމެވެ. އިތުރު މެންބަރުންގެ ނަން އިއްވަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ރިޔާސަތުން ދެއްވި އެވެ.

އެހެންކަމުން އެމްޑީޕީ ޕީޖީގެ ހަތަރު މެންބަރުން ވަނީ ތަޅުމުން ނެރެފަ އެވެ. ބިލުގެ ބަހުސް ވަނީ އަލުން ފަށާފަ އެވެ.

އެ ބިލު މަޖިލިސް ކޮމިޓީން ދިރާސާކުރުމަށްފަހު އިއްޔެ އެންމެ ފަސް މިނެޓަށް ކުރިއަށްދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު އެ ބިލު ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށް، އެއްވެސް އިސްލާހެއް ނުގެނެސް އެވެ.

ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ މި ބިލުގައި ބުނެފައިވަނީ މީގެ ފަހުން މަޖިލިސް މެންބަރުން ހޮވަން ބާއްވާ އިންތިހާބު ބާއްވަން ޖެހޭނީ ރައީސުލްޖުމްހުރިއްޔާއަކު ހޮވަން ބާއްވާ ރިޔާސީ އިންތިހާބާއެކު ކަމަށެވެ.

މި ގޮތަށް މަޖިލީހުގެ ދައުރު ފެއްތުމަށް މީގެ ފަހުން އަލަށް ހޮވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭ ތާރީހު ޑިސެމްބަރު 1، އަށް ބަދަލުކުރަން މި ބިލުގައި ހިމަނާފައިވެ އެވެ. މިއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސް މަދުވާނެ އެވެ.

ވިހިވަނަ މަޖިލީހުގެ އުމުރު މި ބަދަލު އައިސްފިނަމަ ހަމަވާނީ ޑިސެމްބަރު 1، 2028، އަށެވެ. އެ ދުވަހުގެ ކުރިން އައު މަޖިލީހުގެ އިދާރީ ކަންކަން ފުރިހަމަކުރަން ވެސް ޖެހޭނެ އެވެ.