about 2 hours 0
ލީވާން އަލީ ނާސިރު
މައުރޫފް ޒާކިރު މަޖިލިސް ތަޅުމުގައި އިހުތިޖާޖުކުރަނީ: އޭނާގެ ނަން އިއްވައި ތަޅުމުން ވަނީ ނެރެފައި
about 2 hours 0
ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބިލު އެޖެންޑާކުރުމާއެކު އިހުތިޖާޖުކުރުމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވައި ތަޅުމުން ނެރެފި އެވެ.
މައުރޫފްގެ ނަން އިއްވާފައިވަނީ ތަކުރާރުކޮށް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެންގެވުމަށްފަހު އެވެ. އޭނާ ތަޅުމުން ނެރުނީ މަޖިލިސް ސެކިއުރިޓީންނެވެ.
މިއަދު މަޖިލީހުގައި ކުރިއަށްދަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގެ މަސައްކަތެވެ.
އެ ބިލު މަޖިލިސް ކޮމިޓީން ދިރާސާކުރުމަށްފަހު އިއްޔެ އެންމެ ފަސް މިނެޓަށް ކުރިއަށްދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު އެ ބިލު ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށް، އެއްވެސް އިސްލާހެއް ނުގެނެސް އެވެ.
ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ މި ބިލުގައި ބުނެފައިވަނީ މީގެ ފަހުން މަޖިލިސް މެންބަރުން ހޮވަން ބާއްވާ އިންތިހާބު ބާއްވަން ޖެހޭނީ ރައީސުލްޖުމްހުރިއްޔާއަކު ހޮވަން ބާއްވާ ރިޔާސީ އިންތިހާބާއެކު ކަމަށެވެ.
މި ގޮތަށް މަޖިލީހުގެ ދައުރު ފެއްތުމަށް މީގެ ފަހުން އަލަށް ހޮވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭ ތާރީހު ޑިސެމްބަރު 1، އަށް ބަދަލުކުރަން މި ބިލުގައި ހިމަނާފައިވެ އެވެ. މިއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސް މަދުވާނެ އެވެ.
20 ވަނަ މަޖިލީހުގެ އުމުރު މި ބަދަލު އައިސްފިނަމަ ހަމަވާނީ ޑިސެމްބަރު 1، 2028، އަށެވެ. އެ ދުވަހުގެ ކުރިން އައު މަޖިލީހުގެ އިދާރީ ކަންކަން ފުރިހަމަކުރަން ވެސް ޖެހޭނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment