Advertisement

އޭޑީކޭ ހޮސްޕިޓަލުގައި އެޕިލެޕްސީއަށް ހާއްސަ ކްލިނިކެއް ހުޅުވައިފި


އޭޑީކޭ ހޮސްޕިޓަލުގައި އެޕިލެޕްސީއަށް ހާއްސަ ކްލިނިކެއް ހުޅުވައިފި

އޭޑީކޭ ހޮސްޕިޓަލުގައި އެޕިލެޕްސީ (ފިޓްޖެހޭ ބަލި) އަށް ހާއްސަ ކްލިނިކެއް ހުޅުވައިފި އެވެ.

މި ކްލިނިކުގައި އެތެރެހަށީގެ ބަލިތަކުގެ އިތުރުން، ސިކުނޑިއާއި ނާރުގެ ބަލިތަކަށް ހާއްސަ ޑރ. ނަޝީދާ ސައީދު އާއި ނަފްސާނީ ބަލިތަކާ ގުޅޭ ޑޮކްޓަރުގެ އިތުރުން ނަރުހުން ވެސް ތިބޭނެ އެވެ.

ކްލިނިކުގެ ހިދުމަތް ފެށުމުގެ ގޮތުން މިވަގުތު ހިދުމަތް ދޭން ނިންމާފައިވަނީ ކޮންމެ ހަފްތާއަކު އެއް ދުވަހު ދެ ގަޑިއިރަށެވެ. ތަރުހީބު ލިބޭވަރަކުން ހިދުމަތްދޭ ދުވަސްތައް އިތުރު ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ޑރ. ނަޝީދާ ސައީދު އަދަދު އަށް ވިދާޅުވީ މި ކްލިނިކުގެ ޒަރީޔާއިން އެޕިލެޕްސީ ހުންނަ މީހުންނަށް ވަށާޖެހޭ ފަރުވާ ދެވޭނެ ކަމަށެވެ.

"ވަރަށް ގިނަ މީހުންވެގެން މި ކްލިނިކް މި ފަށަނީ. ކޮންމެ ހަފްތާއަކު އެއް ދުވަހު އަދި މި ފަށަނީ. ދެ ގަޑިއިރަށް. ދެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިތުރުކުރަމުންދާނަން އިތުރަށް އަޅުގަނޑުމެންނަށް މީހުން ރަޖިސްޓާކުރާވަރުން. ހާއްސަ ގޮތެއްގައި ފިޓް ބަލި ތަހަންމަލުކުރަމުންދާ ކޮންމެ މީހަކަށްވެސް މި ކްލިނިކްގައި ރަޖިސްޓްރީ ކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.

ވީޑިއޯ އީއީޖީއެއް މެދުވެރިކޮށް ސިކުނޑީގެ ސިގްނަލްތައް ބަލާ ޓެސްޓެއް ހަދައި، ބައްޔަށް ފަރުވާ ދިނުމުގެ ކަންކަން ވެސް ކްލިނިކް މެދުވެރިކޮށް ކުރިއަށްދާނެ ކަމަށް ޑރ. ނަޝީދާ ވިދާޅުވި އެވެ.

މިގޮތުން އޭނާ ވިދާޅުވީ އެ ޓެސްޓުގެ ޒަރިއްޔާއިން ބަލިމީހާއަކީ ސާޖަރީއެއް ހަދަން ޖެހޭ މީހެއްތޯ ނުވަތަ އެ މީހަކަށް ދޭން އެންމެ ރަނގަޅީ ކޮން ފަރުވާއެއްކަން ވެސް ކްލިނިކުން ކިޔައިދެ އެވެ.

އެޕިލެޕްސީ ކްލިނިކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 1440 އަށް ގުޅުމަށް އޭޑީކޭ ހޮސްޕިޓަލުން އެދެ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބަލި މީހުންނަށް ފަސޭހައިން ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި، ބޭނުންތެރި އައު ހިދުމަތްތައް އަންނަނީ ތައާރަފްކުރަމުންނެވެ.