about 2 hours 0
ޑރ. ނަޝީދާ ސައީދު
about 2 hours 0
ދަރިއަކު ހޯދުމަކީ ކޮންމެ އަންހެނެއްގެވެސް އެންމެ ބޮޑު އެއް ހުވަފެނެވެ. އެޕިލެޕްސީ ހުންނަ ފަރާތްތަކަށް މި ދަތުރުގައި ބައެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ޒަމާނީ ސިއްހީ ނިޒާމުގެ އެހީގައި ރައްކާތެރިކަމާއެކު މި އުންމީދު ހަގީގަތަކަށް ހެދިދާނެއެވެ. ގިނަ އަދަދެއްގެ މާބަނޑުވުންތަކަކީ ރާވައިގެން ވާ ކަމެއް ނޫން ކަމުން، ދަރިމައިވެދާނެ އުމުރުފުރައިގެ އެޕިލެޕްސީ ބަލިމީހުންނަށް ފުރަތަމަ ފަހަރަށް ބޭސް ލިޔެދޭ ހިސާބުން ފެށިގެން މާބަނޑުވުމުގެ ކުރިން ދޭންޖެހޭ ކައުންސަލިން ފަށަންވާނެ އެވެ.
އާއިލާއެއް ފަށަން ނިންމާ ހިސާބުން، އެންމެ މުހިންމު ކަމަކީ ނިއުރޮލޮޖިސްޓަކާ (ސިކުނޑިއާއި ނާރުގެ ހާއްސަ ޑޮކްޓަރަކާ) މަޝްވަރާކުރުމެވެ. މިގޮތުން ޑޮކްޓަރު ތިބާގެ ބަލީގެ ހާލަތަށް ރިއާޔަތްކޮށް، ބޭނުންކުރާ ބޭހަށް ބަދަލުތަކެއް ގެނެސްފާނެއެވެ. އެކި ފަރުވާތަކުގެ ފައިދާއާއި ނުރައްކަލާ ދެމެދު އޮންނަ ބެލެންސް ކޮންމެ ބަލި މީހަކަށް ވަކިވަކިން ބަލަން ވާނެއެވެ. ދަރިމައިވެދާނެ އުމުރުފުރައިގެ އެޕިލެޕްސީ އަދި ހާއްސަކޮށް ފޯލިކް އެސިޑް ބޭނުންކުރުމަށް ލަފާދެއްވާނެއެވެ.
ފޯލިކް އެސިޑްގެ މުހިންމުކަން:
ފިޓު ޖެހުމަށް ބޭނުންކުރާ ބައެއް ބޭސްތަކުގެ ސަބަބުން، ދަރިމައިނުވުމަށް ބޭނުންކުރާ ބޭސް ފެއިލްވުމުގެ ނުރައްކާ ބޮޑުވެދާނެއެވެ. އަދި ބައެއް ބޭސްތަކުން ހޯމޯނަލް ކޮންޓްރަސެޕްޝަން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކޮށްފާނެއެވެ. އެހެންކަމުން ދެ ބޭހުގެ ޑޯޒް ވެސް އެޖަސްޓް ކުރަން ޖެހިދާނެ، ނުވަތަ ބޭހުގެ ވައްތަރު ބަދަލުކުރަން ޖެހިދާނެއެވެ. މިއީ ނިއުރޮލޮޖިސްޓާ މަޝްވަރާކޮށްގެން ނިންމަން ޖެހޭ ކަމެކެވެ.
މާބަނޑު ދުވަސްވަރު ފިޓުޖެހުމަކީ މަންމައަށާއި ދަރިފުޅަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. ފިޓުޖެހޭ ވަގުތު ވެއްޓުމުގެ ސަބަބުން އަނިޔާވުމަކީ އެންމެ ބޮޑު އެއް ބިރެވެ. މީގެ އިތުރުން، ފިޓުޖެހޭ ވަގުތު ދަރިފުޅަށް ލިބޭ އޮކްސިޖަން މަދުވުމުގެ ފުރުސަތު އޮވެއެވެ.
އެޕިލެޕްސީ ހުރުމަކީ ކޮންމެހެން ސިޒޭރިއަން ހަދަންޖެހޭ ސަބަބެއް ނޫނެވެ. ގިނަ މީހުން މައްސަލައެއް ނެތި އާދައިގެ ގޮތަށް ވިހައެވެ. ނަމަވެސް، ވިހެއުމުގެ ތެރޭގައި ސިއްހީ އެހީތެރިން ވަރަށް ގާތުން މޮނީޓަ ކުރާނެއެވެ.
ކުރުކޮށް ބުނާނަމަ، ބަލި ކޮންޓްރޯލް ކުރެވިފައިވާނަމަ އަދި ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރާނަމަ، އެޕިލެޕްސީއާއެކުވެސް ދުޅަހެޔޮ، އުފާވެރި މަންމައަކަށް ވެވިދާނެއެވެ.
ޑރ. ނަޝީދާ ސަޢީދަކީ އެތެރެހަށީގެ ބަލިތަކުގެ އިތުރުން، ސިކުނޑިއާއި ނާރުގެ ބަލިތަކަށް ހާއްސަ ވެވަޑައިގެންފައިވާ ތަޖުރިބާކާރު ޑޮކްޓަރެކެވެ.
Comment