about 3 hours 0
ލީވާން އަލީ ނާސިރު
ރައީސް މުއިއްޒު: އެމަނިކުފާނު ހަތަރު ދުވަހުގެ ދަތުރެއްގައި ޖަރުމަނަށް ވަނީ ފުރާވަޑައިގެންފައި -- ފޮޓޯ: ރައީސް އޮފީސް
about 3 hours 0
ޖަރުމަނުވިލާތުގެ ރައީސް، ފްރޭންކް ވޯލްޓާ ސްޓެއިމާގެ ދައުވަތަކަށް މުހައްމަދު މުއިއްޒު ޖަރުމަނަށް މިއަދު ފުރާވަޑައިގެންފި އެވެ.
މުއިއްޒު ޖަރުމަނަށް ކުރައްވާ މި ދަތުރުގައި ޖަރުމަނުގެ ރައީސް، ސްޓްއިމާގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާ ރަސްމީ މަޝްވަރާތައް ކުރައްވަން ވަނީ ހަމަޖެހިފަ އެވެ.
އޭގެ އިތުރުން ދަތުރުގެ ތެރެއިން ޖަރުމަނުގައި ހުންނަ ހަމްބޯލްޓް ޔުނިވާސިޓީ އޮފް ބާލިންގައި ފެބްރުއަރީ 11، ގައި 'ކްލައިމެޓް ޗޭންޖް ވިތައުޓް ބޯޑާސް؛ ދިވެހިރާއްޖޭގެ ތަޖުރިބާ' މައުލޫއަށް މުއިއްޒު ތަގުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ހަމްބޯލްޓް ޔުނިވާސިޓީން ބުނީ އެ ތަގުރީރުގައި މޫސުމީ ބަދަލުތަކަށް ހޭނުމަށް ރާއްޖެއިން ގެންގުޅޭ އުސޫލުތަކާއި އެ ދާއިރާއިން ބައިނަލްއަގުވާމީ މުޖުތަމައުއަށް ލިބިދެވޭނެ މުހިންމު ފިލާވަޅުތަކަށް މުއިއްޒު އަލިއަޅުއްވައިލައްވާނެ ކަމަށެވެ.
މުއިއްޒުގެ އަރިހުގައި ޖަރުމަނަށް ސަރުކާރުގެ ވަޒީރުންނާއި ބައެއް ވިޔަފާރިވެރިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. ނަމަވެސް ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ދަތުރުގެ ތެރެއިން ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ފޯރަމްގައި ރާއްޖެއާއި ޖަރުމަނުގެ ވިޔަފާރިވެރިން ބައިވެރިވެ، ރާއްޖޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި އަހަރު ރާއްޖެއާއި ޖަރުމަނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭނެ އެވެ. ދެ ގައުމުގެ ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 5، 1966 ގަ އެވެ.
Comment