ޕޯޗްގަލްގެ އިންތިހާބީ ރައީސް ސެގޫރޯ
ޕޯޗުގަލްގައި ބޭއްވުނު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު، ސޯޝަލިސްޓް ޕާޓީގެ ކެންޑިޑޭޓް އެންޓޯނިއޯ ހޯސޭ ސެގޫރޯ ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި 63 އަހަރުގެ ސެގޫރޯ ވަނީ ވޯޓުގެ 66 ޕަސެންޓު ކާމިޔާބު ކުރައްވައި، ކުރިއަށް އޮތް ފަސް އަހަރުގެ ދައުރެއް ކަށަވަރު ކުރައްވާފައެވެ.
އޭނާއާ ވާދަ ކުރެއްވި އަންދްރޭ ވެންޗޫރާއަށް ލިބިވަޑައިގަތީ 34 ޕަސެންޓު ވޯޓެވެ. ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިއީ މިދިޔަ އަހަރު ބޭއްވުނު އާންމު އިންތިހާބުގައި ވެންޗޫރާގެ 'ޗެގާ' ޕާޓީއަށް ލިބުނު 22.8 ޕަސެންޓާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
މީގެ އިތުރުން ވެންޗޫރާ އަކީ ޕޯޗުގަލްގެ ތާރީހުގައި އިންތިހާބެއްގެ ދެވަނަ ބުރަށް ދަތުރުކުރި ކަނާތު ފިޔަހީގެ ފުރަތަމަ ކެންޑިޑޭޓެވެ.
މި އިންތިހާބު ބޭއްވުނު ދުވަސްވަރަކީ ޕޯޗުގަލަށް ބާރުގަދަ ތޫފާންތަކަކާއި ފެންބޮޑުވުމުގެ ހާދިސާތަކެއް ކުރިމަތިވި ދުވަސްވަރެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ވޯޓުލުން ފަސްކުރަން ޖެހުނު ނަމަވެސް، ވޯޓުލާން ނުކުތް މީހުންގެ އަދަދަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.
ވެންޗޫރާ ވަނީ ސަރުކާރުން މޫސުމީ ކާރިސާތަކާ ކުރިމަތިލުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ، މުޅި އިންތިހާބު ފަސްކުރުމަށް ގޮވާލާފައެވެ. ނަމަވެސް ސެގޫރޯ ވަނީ ވެންޗޫރާ މަސައްކަތް ކުރަނީ ރައްޔިތުން ވޯޓުލާން ނުކުތުން ހުއްޓުވަން ކަމަށް ތުހުމަތު ކުރައްވާފައެވެ.
ޕޯޗުގަލްގެ ރައީސްގެ މަގާމަކީ ބޮޑަށް ރަމްޒީ މަގާމެއް ނަމަވެސް، ސިޔާސީ ގޮތުން ނުތަނަވަސްކަން ބޮޑުވާ ހާލަތްތަކުގައި ޕާލަމެންޓް އުވާލައި އަވަސް އިންތިހާބެއް އިއުލާނު ކުރުމުގެ ބާރު ރައީސަށް ލިބިގެންވެއެވެ. މިއީ މިހާރު އޮތް ކަނާތު ފިޔައިގެ މައިނޯރިޓީ ސަރުކާރަށް ގާނޫނުތައް ފާސްކުރުމުގައި ދަތިތަކެއް ހުރި ދަނޑިވަޅެއްގައި ވަރަށް މުހިންމު ބާރެކެވެ.
ސެގޫރޯއަކީ މެދުމިނުގެ ވިސްނުމުގެ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، އޭނާ ވިދާޅުވީ އަމާޒަކީ ޑިމޮކްރެޓިކް ހަމަތައް ހިމާޔަތްކޮށް ސިޔާސީ ހަމަޖެހުން ގާއިމުކުރުން ކަމަށެވެ. އޭނާ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ އަންނަ މާޗު މަހުގެ ކުރީކޮޅުގަ އެވެ.
Comment