Advertisement

ބީލަމަށް ނުލައި 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ބަހާލި އުސޫލު ހާމަކުރަން ދެކޮޅު ހަދައިފި

ޕްރޮޖެކްޓުތައް ބަހާލަން ސަރުކާރުން ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު އާއި މަޖިލިސް ރައީސް އަދި ބައެއް މިނިސްޓަރުން --- ފޮޓޯ: ރައީސް އޮފީސް


ބީލަމަށް ނުލައި 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ބަހާލި އުސޫލު ހާމަކުރަން ދެކޮޅު ހަދައިފި

ސަރުކާރު ހިންގާ ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނާ ގުޅުން ހުރި ކުންފުނިތަކަށް 2.7 ބިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއުތައް ބަހާލި ސިންގަލް ސޯސް ޕްރޮކިޔުމަންޓު އުސޫލުގެ ދަށުން ޕްރޮޖެކްޓުތައް ހަވާލުކުރުމުގައި އިކޮނޮމިކް ކައުންސިލުން ގެންގުޅޭ އުސޫލު ހާމަކުރުމަށް ރައީސް އޮފީހުން ދެކޮޅު ހަދައިފި އެވެ.

ހުޅުވާލާފައިވާ ބީލަމަކަށް ނުގޮސް، ސިންގަލް ސޯސް ޕްރޮކިޔުމަންޓު އުސޫލުގެ ދަށުން މަޝްރޫއުތައް ހަވާލުކުރުމުގައި އިކޮނޮމިކް ކައުންސިލުން އަމަލުކުރަން ޖެހޭ އުސޫލަކީ އާންމުކޮށް ފެންނަން އޮތް އުސޫލެއް ނޫނެވެ. މ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރުޓީއައި ގާނޫނު) ގެ ދަށުން އެ އުސޫލު ހޯދުމަށް އަދަދު ނޫހުން ރައީސް އޮފީހުގައި އެެދުނީ ނޮވެމްބަރު 27، 2025 ގަ އެވެ.

ރައީސް އޮފީހަށް ފޮނުވި އާރުޓީއައި


1.⁠ ⁠ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމާއި އެފަދަ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު 2. ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން މަޝްރޫއުއެއް ކުރިއަށް ގެންދިޔުމަށް ކަނޑައަޅައިދިނުމަށް އެދި އިކޮނޮމިކް ކައުންސިލަށް، މިނިސްޓްރީތަކުން ހުށަހެޅި ހުށަހެޅުމާއި ރިޕޯޓު (ގާނޫނުގެ ދަށުން އުނިކުރަން ޖެހޭ ބައެއް އުނިކުރުމަށް ފަހު ވިޔަސް) 3. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.20 ވަނަ މާއްދާގެ ށ. ގެ 1 ގެ ދަށުން ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން މަޝްރޫއުއެއް ކުރިއަށް ގެންދިޔުމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހަޅުމުގައި ފުރިހަމަވާންޖެހޭ ކަންކަމާ ގުޅޭ ރިޕޯޓު 4. ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން މަޝްރޫއުއެއް ކުރިއަށް ގެންދިޔުމަށް ވަކި ފަރާތެއް ހޮވުމަށް ފަހު އިކޮނޮމިކް ކައުންސިލުގެ ހުއްދަ އަށް އެދި ހުށަހެޅި ހުށަހެޅުން 5. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.20 ވަނަ މާއްދާގެ ބ. ގެ 3 ވަނަ ނަންބަރުގެ ދަށުން ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން މަޝްރޫއުއެއް ކުރިއަށް ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމުގައި ފުރިހަމަވާންޖެހޭ ކަންކަމާ ގުޅޭ ރިޕޯޓު

އެ އާރުޓީއައިއަށް މިއަދު ރައީސް އޮފީހުން ޖަވާބު ދީފައިވާއިރު އެ ޖަވާބުގައި އޮތީ އަދަދު ނޫހުން ހޯދަން އެދުނު މައުލޫމާތަކީ އާރުޓީއައި ގާނޫނުގެ 32 ވަނަ މާއްދާގެ ހ. ގެ ހަތަރުވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ މައުލޫމާތެއް ކަމަށެވެ. އެ މާއްދާގައި ބަޔާންކުރާ ފަދަ މައުލޫމާތު ނުދީ ހިފެހެއްޓުމުގެ އިހުތިޔާރު އިދާރާތަކަށް ލިބެ އެވެ.

ރައީސް އޮފީހުން ހަވާލާދިން މާއްދާ


އެ މައުލޫމާތެއް ހާމަކޮށްފި ކަމުގައިވާނަމަ، ކެބިނެޓުގެ ނިންމުމެއް ނުވަތަ ކެބިނެޓުގައި ހިނގައިދިޔަ މަޝްވަރާތަކުގެ ތަފްސީލު ނުވަތަ އެ މަޝްވަރާތަކުގައި ކާކު ބުނީ ކީކޭކަން ހާމަވެގެންދާ ފަދަ މައުލޫމާތު.

އެހެންކަމުން، އެ މައުލުމާތު ހާމަކުރުމަށް ރައީސް އޮފީހުން ވަނީ ދެކޮޅު ހަދާފަ އެވެ. ނަމަވެސް މި އާރުޓީއައި ހުށަހަޅައި ރައީސް އޮފީހުން ޖަވާބު ދިނުމަށް ހޭދަވި މުއްދަތުގެ ތެރޭގައި މި ނޫހަށް ވަނީ ސައްހަކަން ކަށަވަރުކުރެވިފައިވާ އެ އުސޫލުގެ ދެލި ކޮޕީއެއް ލިބިފަ އެވެ.

ބީލަމަށް ނުލައި ޕްރައިވެޓް ކުންފުނިތަކަށް ސަރުކާރުން ބަހާލި 206 މަޝްރޫއުތަކުގެ ތެރެއިން 746 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކުރީ ޕީއެންސީއަށް ނިސްބަތްވާ ފަސް މަޖިލިސް މެންބަރެއްގެ ކުންފުންޏަށެވެ. އެއީ ޖުމުލަ 15 މަޝްރޫއެކެވެ.