Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ އަށް ރަށުގެ ވަރުގަދަ ގަދަހިފުން

about 2 hours 0

މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވިލިމާލެ ޓީމުގެ ވައްޖެ އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ އަށް ރަށުގެ ވަރުގަދަ ގަދަހިފުން

about 2 hours 0

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ކުއާޓާ ފައިނަލުގެ ހަތަރު މެޗު ކުޅެވިގެންދާއިރު، މިއީ، މި ފަހަރުގެ މުބާރާތުގެ ގަދަ އަށް ޓީމުގެ ގަދަހިފުމެެވެ. މި އަހަރުގެ މުބާރާތް ހުރިހާ ގޮތަކުން ވެސް ޓީމުތަކަށް ޗެެލެންޖިންވެފައިވާއިރު، ގަދަ އަށް ޓީމުގެ ތެރޭގައި މުބާރާތް ކާމިޔާބުނުވާ ޓީމު ގިނަ އެވެ. އެ ގޮތުން، ގަދަ އަށެއް ތެރޭގައި ހިމެނޭ ހަ ޓީމަކީ މުބާރާތުގެ ތަށި ނުލިބި އޮތް ޓީމުތަކެވެ.

ބ. އޭދަފުށި - ރ. ދުވާފަރު

ކުއާޓާ ފައިނަލުގައި މިރޭ ކުޅޭ ބ. އޭދަފުށްޓަކީ މުބާރާތުގެ ޗެމްޕިއަންކަން 2023 ވަނަ އަހަރު ވެސް ހޯދާފައިވާ ޓީމެެކެވެ. ގަދަ އަށެއްގެ ތެރެއިން ތަށި އުފުލާލި ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ. އޭދަފުށިން މި ފަހަރުގެ ގޯލްޑަން ޗެރިޓީ ޝީލްޑް އުފުލާލިއިރު، އެ ޓީމުން ކުއާޓާގެ ޖާގައެއް ހޯދީ ގަދަ 16 ބުރުގައި މައްޗަންގޯޅި އަތުން 1-0 އިން މޮޅުވެގެންނެވެ. އޭދަފުށިން ވަނީ މި ފަހަރުގެ މުބާރާތުގައި ބ. އަތޮޅުގެ ތަށްޓާއި ޒޯން ތިނެއްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

އޭދަފުށްޓާ ދެކޮޅަށް ކުޅޭ ދުވާފަރަކީ ރ. އަތޮޅުގެ ޗެމްޕިއަންގެ އިތުރުން ޒޯން ދޭއްގެ ޗެމްޕިއަން ޓީމެވެ. ދުވާފަރުން ކުއާޓާ ފައިނަލުގެ ޖާގަ ހޯދީ ގަދަ 16 ބުރުގައި ސ. ހިތަދޫ ޓީމު 5-3 އިން ބަލިކޮށްފަ އެވެ. ދުވާފަރުން މުބާރާތުގެ ގަދަ ހަތަރެއްގެ ޖާގަ އެއް ހޯދަން ނުކުންނާނީ އޭދަފުށްޓާ ދެކޮޅަށް ޗެލެންޖިން މެޗަކަށެވެ.

އއ. މަތިވެރި - ހދ. ނައިވާދޫ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެެލެންޖުގެ ފައިނަލަށް މިދިޔަ އަހަރު ދަތުރުކުރި، ނައިވާދޫން މި ފަަހަރުގެ މުބާރާތުގައި ގިނަ ޗެލެންޖުތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެ ޓީމުން ވަނީ ހދ. އާއި ޒޯން އެކެއްގެ ތަށި މި ފަހަރު ވެސް ދިފާއުކޮށްފަ އެވެ. ގައުމީ ފުޓްސަލް ޓީމަށް ދިޔަ ގިނަ ކުޅުންތެރިންތަކެއް ނުލައި، އަދި އަނިޔާގެ ސަބަބުން މުހިންމު ކުޅުންތެރިންތަކެއް ނެތި ވެސް ނައިވާދޫން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުން ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ. ގަދަ 16 ބުރުގައި ނައިވާދޫން ވަނީ 2-1 އިން މ. އަތޮޅު ޗެމްޕިއަން، ދިއްގަރު އަތުން އުނދަގޫ މޮޅެއް ހޯދައިފަ އެވެ.

މީގެ ކުރިން ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އއ. އަތޮޅުގެ ޗެމްޕިއަން އަދި ޒޯން ހަތަރެއްގެ ވެސް ޗެމްޕިއަންކަން ހޯދާފައިވާ މަތިވެރިން ވަނީ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. މި ފަހަރު އެ ޓީމުން އެއް ފިޔަވަޅު ކުރިއަށް ޖެހިލަން މަސައްކަތްކުރާއިރު، ނައިވާދޫ އަކީ ރަނގަޅު ޗެލެންޖަކަށް ވާނެ އެވެ. މަތިވެރިން ގަދަ 16 ބުރުގައި 2-2 އިން ލ. އަތޮޅު ޗެމްޕިއަން އިސްދޫއާ އެއްވަރުވެ، މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ.

ތ. ތިމަރަފުށި - ގއ. ދެއްވަދޫ

ގައުމީ ފުޓްސަލް ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ދެއްވަދޫ އާއި ގޯލްޑަންގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ތިމަރަފުށީގެ ކުރިމަތިލުމަކީ މި ފަހަރުގެ މުބާރާތުގައި ފެންނާނެ އެންމެ ފޯރިގަދަ އެއް މެޗެވެ. ދެއްވަދޫން ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން ނެތި، ގއ. އަތޮޅުގެ ތަށި ހޯދުމަށް ފަހު، ޒޯން ހަތެއްގެ ޗެމްޕިއަންކަން ފުރަަތަމަ ފަހަރަށް ހޯދީ ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު އެވެ. އަދި، ގަދަ 16 ބުރުގައި ދެއްވަދޫން ވަނީ ވ. އަތޮޅުގެ ޗެމްޕިއަން، ކެޔޮދޫ އަތުން 4-2 އިން މޮޅުވެފަ އެވެ.

މިދިޔަ އަހަރު ގަދަ 16 ބުރުން ތިމަރަފުށި ކެޓިއިރު، އެ ޓީމު ވަނީ މި ފަހަރުގެ ގަދަ 16 ބުރުގައި، ހއ. ގެ ޗެމްޕިއަން މާރަންދޫ އަތުން 3-0 އިން މޮޅުވެފަ އެވެ. މިދިޔަ ތިން އަހަރަށް ބަލާއިރު ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ތިމަރަފުށި އަތުން ނޮކައުޓް ބުރުގައި މޮޅުވާ ޓީމެއް ވަނީ މުބާރާތް ކާމިޔާބުކޮށްފަ އެވެ. ތިމަރަފުށިން ތިން އަހަރަށް ފަހު، އަނެއްކާ ވެސް މުބާރާތުގެ ތަށި ހޯދަން މަސައްކަތްކުރާއިރު، ދެއްވަދޫ އަކީ އެންމެ ބޮޑު އެއް ޗެލެންޖަކަށްވާނެ އެވެ.

ދ. ކުޑަހުވަދޫ - ވިލިމާލެ

ވިލިމާލެ އާއި ކުޑަހުވަދޫ އަކީ މީގެ ކުރިން ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގައި ވެސް ކުޅެފައިވާ ޓީމުތަކެވެ. މި ދެ ޓީމަށް މުބާރާތުގެ މިހާ ހިސާބުގެ ތަޖުރިބާ މީގެ ކުރިން ލިބިފައިވާއިރު، ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ ވެސް މި ލެވަލްގެ މެޗުތަކުގައި ކުޅެ، ފެންވަރު ސާބިތުކޮށްފައިވާ ޓީމުތަކެވެ.

ވިލިމާލޭން ޒޯން އަށެއްގެ ޗެމްޕިއަންކަން ދިފާއުކުރިއިރު، ކުޑަހުވަދޫން ވަނީ ދ. އަތޮޅާއި ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ގަދަ 16 ބުރުގައި، ކުޑަހުވަދޫން ވަނީ 3-1 އިން ކަނޑިތީމު ބަލިކޮށްފަ އެވެ. ލަނޑެއް ނުޖެހި މެޗު އެއްވަރުވިއިރު، ވިލިމާލޭން ކުއާޓާގެ ޖާގަ ހޯދީ ޕެނަލްޓީ ޖަހައިގެން ކ. އަތޮޅުގެ ޗެމްޕިއަން އަދި މުބާރާތުގެ ފައިނަލުގައި ދެ ފަހަރު ކުޅެފައިވާ ގާފަރު ބަލިކޮށްފަ އެވެ.

ކުއާޓާ ފައިނަލް މެޗުތައް:

20:00 - ބ. އޭދަފުށި - ރ. ދުވާފަރު

20:00 - ހދ. ނައިވާދޫ - އއ. މަތިވެރި

22:00 - ތ. ތިމަރަފުށި - ގއ. ދެއްވަދޫ

22:00 - ދ. ކުޑަހުވަދޫ - ވިލިމާލެ