Advertisement

ޕީއެންސީ ޓިކެޓުގައި އިންތިހާބަށް ވާދަކުރި ރައޫފް އާއި ކްރިމިނަލް ކޯޓުގެ ގާޒީ ޝަފީއު ހައި ކޯޓުގެ ފަނޑިޔާރުކަމަށް

ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރި އަބްދުއްރައޫފް އާއި ޝަފީއު --


ޕީއެންސީ ޓިކެޓުގައި އިންތިހާބަށް ވާދަކުރި ރައޫފް އާއި ކްރިމިނަލް ކޯޓުގެ ގާޒީ ޝަފީއު ހައި ކޯޓުގެ ފަނޑިޔާރުކަމަށް

ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި މިދިޔަ މަޖިލިސް އިންތިހާބުގައި ވާދަކުރި އަބްދުއްރައޫފް އިބްރާހިމް އާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އިސްމާއިލް ޝަފީއު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކޮށްފި އެވެ.

ހައިކޯޓުގެ ބެންޗުން ދެ މަގާމު ހުސްވީ، ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޓަޔާކުރެއްވުމާއި، ފަނޑިޔާރު މުހައްމަދު ފައިސަލް އިސްތިއުފާ ދެއްވުމުންނެވެ. މި ދެ ބޭފުޅުން ވެސް މަގާމުން ވަކިވެވަޑައިގަތީ ތުހުމަތު ކުރެވޭ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފަށާފައި ވަނިކޮށް ކަމަށް އަދަދު ނޫހަށް އެނގިފައިވެ އެވެ.

ފަނޑިޔާރުކަމުގެ ދެ މަގާމު ހުސްވުމާ ގުޅިގެން އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން، މުއްދަތު ހަމަވުމުގެ ކުރިން 19 ބޭފުޅަކު ކުރިމަތިލެއްވި އެވެ.

އޭގެ ތެރެއިން ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖޭއެސްސީން ނިންމި ރައޫފް ވަނީ މީގެ ކުރިން ވެސް ހައި ކޯޓުގެ ފަނޑިޔާރުކަން ކޮށްފަ އެވެ. އޭނާ ފަނޑިޔާރުކަމުން 2022 ވަނަ އަހަރު އިސްތިއުފާ ދެއްވީ ސުލޫކީ މައްސަލައެއް ސާބިތުވެ، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި އޮއްވަ އެވެ.

ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ރައޫފް ވަނީ 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ކެޔޮދޫ ދާއިރާއަށް ވާދަކުރައްވާފަ އެވެ. ނަމަވެސް އިންތިހާބުގައި އޭނާ ވަނީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ނިއުޝާދުއާ ވާދަކޮށް ނާކާމިޔާބުވެފަ އެވެ.

ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2019 ވަ އަހަރު ފޮނުވި ނަންތަކުގެ ތެރޭގައި ވެސް ރައޫފްގެ ނަން ހިމެނުނެވެ. ނަމަވެސް އޭނާ އައްޔަނުކުރަން ޖޭއެސްސީން ލަފާ ނުދިނީ ތިން ޝަކުވާއެއް އޭނާއާ މެދު ހުށަހެޅުމުންނެވެ.

ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަނު ކުރި ޝަފީއު ކްރިމިނަލް ކޯޓުގެ ގާޒީކަން ކުރައްވަމުން ގެންދަވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެންނެވެ. އޭނާ ވަނީ އޭގެ ކުރިން ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރެއްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.