Advertisement

ތިލަފުށީ ވިޔަފާރި ބަނދަރު ފަރުމާކުރަން ޗައިނާގެ ސީއެޗްއީސީއާ ހަވާލުކޮށްފި

about 2 hours 0

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާނާއި ސީއެޗްއީސީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ: ސީއެޗްއީސީއަކީ ތިލަފުއްޓަށް 120 ހެކްޓަރު އިތުރުކުރަން ހިންގި ޕްރޮޖެކްޓުގެ ކޮންޓްރެކްޓަރެއް --- ފޮޓޯ: އެމްޕީއެލް


ތިލަފުށީ ވިޔަފާރި ބަނދަރު ފަރުމާކުރަން ޗައިނާގެ ސީއެޗްއީސީއާ ހަވާލުކޮށްފި

about 2 hours 0

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިން އެންޑް ސާވޭގެ މަސައްކަތް ޗައިނާ ހާބާ އިންޖިނިއަރިން (ސީއެޗްއީސީ) އާ ހަވާލުކޮށްފި އެވެ.

ތިލަފުށީ ވިޔަފާރި ބަނދަރާ ގުޅޭ އެއްބަސްވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސޮއިކުރީ، އަންނަ އަހަރުގެ ނޮވެމްބަރުގައި ތިލަފުށީ ޕޯޓުގެ އޮޕަރޭޝަންތައް ފަށާނެ ކަމާއި އެ މަސައްކަތް ބަޔަކާ ހަވާލުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި އިއުލާނު ކުރައްވާފައި ވަނިކޮށެވެ.

އެމްޕީއެލްއިން "ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓް" ގެ ނަން ދީފައިވާ މި ފިޔަވަހީގައި ހިމެނޭ މަސައްކަތްތަކަކީ 650 މީޓަރުގެ ކީ ވޯލް އަކާއި، 125 މީޓަރުގެ މަގަތު ފާލަމަކާއި އެކްސް-ރޭ ފެސިލިޓީގެ އިތުރުން އޮޓޮމޭޓެޑް ވަސީލަތްތަކާއި ބޮންޑަޑް ވެއާހައުސްއެއް ގާއިމްކުރުމެވެ.

އެމްޕީއެލްއިން ބުނި ގޮތުގައި ސީއެޗްއީސީއާ ހަވާލުކުރީ ބަނދަރުގެ ޑިޒައިން މަސައްކަތެވެ. އެމްޕީއެލްއިން ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށޭނީ މި މަސައްކަތް ނިމުމުންނެވެ. ނަމަވެސް ޑިޒައިން މަސައްކަތް ނިންމަން ދިން މުއްދަތު ސާފުކޮށް ނުދޭތީ، އެ މަސައްކަތް ފެށޭނެ ދުވަހެއް އަދި ނޭނގެ އެވެ.

އަންނަ އަހަރު ތިލަފުއްޓަށް ބަނދަރު ބަދަލުކުރަން އަމާޒު ހިފާފައިވާއިރު، ޖާގައިގެ ދަތިކަމުގެ މައްސަލަ އިންތިހާއަށް އޮތް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމަކީ ވޭތުވީ ހުރިހާ ސަރުކާރެއްގެ ވެސް ސިޔާސަތެކެވެ. ނަމަވެސް އެއްވެސް ސަރުކާރެއްގައި އޭގެ އަމަލީ މަސައްކަތް ނުހިނގަ އެވެ.

ވިޔަފާރި ބަނދަރު ތިލަފުށީގައި ގާއިމުކުރުމުގެ ވިސްނުން ފުރަތަމަ ގެންގުޅުނީ ޔާމީން ސަރުކާރުގަ އެވެ. ނަަމަވެސް ފަހުން ވެރިކަމަށް އައި ސޯލިހު ސަރުކާރުން ވަނީ ބަނދަރު ގުޅީފަޅަށް ބަދަލުކުރަން ނިންމާފަ އެވެ. އެ ސަރުކާރުން މިކަމަށް ބޭނުންވާ 400 މިލިއަން ޑޮލަރު އިންޑިއާއިން ހަމަޖައްސާ، ބަނދަރު ތަރައްގީކުރާނެ ބަޔަކު ހޯދުމުގެ މަރުހަލާތައް ވެސް ހިންގި އެވެ.

ނަމަވެސް މި ސަރުކާރުން ވަނީ ސިިޔާސަތު ބަދަލުކޮށް، ބަނދަރު ބަދަލުކުރާނެ ތަނަކީ ތިލަފުށި ކަމުގައި ކަނޑައަޅާފަ އެވެެ. އަދި، ބަނދަރު ތަރައްގީކުރަން ވެގެން ސަރުކާރުގެ ބޮޑު ފަސް ކުންފުންޏެއް ހިއްސާވާ ގޮތަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކޮމްޕެނީ (މިޑް ފްރީ ޒޯން) ގެ ނަމުގައި ކުންފުންޏެއް އުފެއްދި އެވެ.

މިޑް ފްރީ ޒޯން ކުންފުނި އުފައްދައިގެން، ސަރުކާރާއި އެމްޕީއެލްއިން ބޭރުގެ އިންވެސްޓަރަކު ހޯދަންމަސައްކަތް ކުރި އެވެ. މިކަމަށް ޝައުގުވެރިކަން ފާޅުކުރި އިންވެސްޓަރުންގެ ތެރޭގައި ފިލިޕީންސްގެ އިންޓަނޭޝަނަލް ކޮންޓެއިނާ ޓާމިނަލް ސާވިސަސް އިންކް ހިމެނެ އެވެ. މި ކުންފުންޏާ ބަނދަރުގެ މަސައްކަތް ހަވާލުކުރަން، ބައެއް މަޝްވަރާތައް ލިޔެކިޔުންތައް ބަދަލުކުރި ކަމަށް އަދަދު އިން ވާނީ އޭރު ރިޕޯޓުކޮށްފަ އެވެ.

ތިލަފުށީގައި 20 ހެކްޓަރުގެ ސަރަހައްދެއްގައި ގާއިމުކުރާ މި ޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރަން އެތައް މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، މި ޕްރޮޖެކްޓަށް ފަންޑުކުރާ ގޮތެއް އަދި ސާފެއް ނުވެ އެވެ.