ރައީސް މުހައްމަދު މުއިއްޒު
ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުގެ އިސްކުރައްވާނީ އަވައްޓެރި ގައުމުތަކާއި އިސްލާމީ ގައުމުތައް ކަމަށް ރައީސް މުހައްމަދު މުއިއްޒު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
"ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި މި ސަރުކާރުން އިސްކުރަނީ އަވައްޓެރިންނާއި އިސްލާމީ ގައުމުތަކާ ގުޅުން ބަދަހިކުރުމުގެ ވިސްނުން،" ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން މުއިއްޒު ވިދާޅުވި އެވެ.
ތާރީހީ ގޮތުން ބަލާއިރު ރާއްޖެއިން އެންމެ ގާތީ އަވައްޓެރި އިންޑިއާއާ އެވެ. އެކަމަކު، މިފަހުން ޗައިނާއާއެކު އޮތް ގުޅުން ދަނީ ވަރަށް ބޮޑަށް ބަދަހިވަމުންނެވެ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ އަދި ވެރިކަމުގެ ފުރަތަމަ ކުއާޓަރުގައި ތަންފީޒު ކުރީ "ޕްރޯ ޗައިނާ" ޕޮލިސީއެކެވެ.
އެކަމަކު، ޗައިނާއަކީ މުސްލިމް ގައުމެއް އަދި ރާއްޖެއާ އަވައްޓެރި ގައުމެއް ވެސް ނޫނެވެ. ހާރިޖީ ގުޅުންތައް ބިނާ ކުރުމުގައި އަވައްޓެރިންނަށް އިސްކަން ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއިރު އޭގެ ތެރޭގައި ޗައިނާ ހިމެނޭ ކަމެއް ނުވަތަ ނުހިމެނޭ ކަމެއް ނޭނގެ އެވެ.
އޭގެ އިތުރުން، ހާރިޖީ ގުޅުންތައް ބަދަހި ކުރުމުގައި ވިޔަފާރި އާއި އިގްތިސާދީ ފުރުސަތުތައް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރިޔާސީ ބަޔާނުގައި މުއިއްޒު ވިދާޅުވި އެވެ.
"ބުރަވަނީ ވިޔަފާރި އާއި އިގްތިސާދީ ފުރުސަތުތައް ހޯދުމަށް، ބޭރުގެ ބައިވެރިންނާއެކު އެއްބާރުލުން އިތުރުކުރުމަށް. ބަރޯސާވަނީ މަޝްވަރާގެ މަތިވެރި އުސޫލުތަކަށާއި ޑިޕްލޮމަސީގެ ރިވެތި ހަމަތަކަށް. އަދި މިކަންކަމުގައި އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދެނީ ރާއްޖޭގެ ނަން ބޭރު ދުނިޔޭގައި އުފުލައި ދިވެހިންގެ މަޞްލަޙަތު އިސްކުރުމަށް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އާއި ޗައިނާއާ ގުޅުން އުފެދުނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައި ސަރުކާރުން އިންޑިއާއާ މައްސަލަ ޖެހި ޗައިނާއާ ގާތް ގުޅުމެއް ބާއްވަން ފެށި ހިސާބުންނެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ "އިންޑިއާ އައުޓް" ގެ ނަމުގައި ކުރި ކެމްޕެއިނަކަށްފަހު އެވެ.
ވެރިކަމަށް ވަޑައިގަތުމަށްފަހު ޗައިނާއަށް ކުރެއްވި ދަތުރުން އެނބުރި މާލެ ވަޑައިގެން ޖެނުއަރީ، 2024، ގައި މުއިއްޒު ވަނީ ރާއްޖެއިން އިންޑިއާއާ ފެޔަށް ޖެހުމުގެ މަގުޗާޓެއް އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި، ކާބޯތަކެއްޗާއި ބޭސް އެތެރެ ކުރުމުގައި އިންޑިއާއަށް ބަރޯސާވެފައި އޮތުން ހުއްޓުމަކަށް ގެނައުން ހިމެނެ އެވެ.
އޭގެ ފަހުން ރާއްޖެ އާއި އިންޑިއާއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. އެކަމަކު، ކުރިން ބެލެވުނު މިންވަރަށް ޗައިނާގެ ފަރާތުން އެހީތެރިކަން ނުލިބުމާއި އިގްތިސާދު ދަށްވެ، އިތުރު ފައިސާ ނުލިބުމުން އިންޑިއާއާ އަލުން ގުޅުން ބަދަހި ކުރަން ސަރުކާރަށް މަޖުބޫރުވީ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment