Advertisement

ޔޮޓުތަކާއި ސަފާރީތަކަށް ރައްކާތެރި ފަޅެއް ތަރައްގީކޮށްދޭން އަނެއްކާ ވެސް ސަރުކާރަށް ގޮވާލައިފި

ބޯޓިން އެސޯސިއޭޝަން ރައީސް، އިސްމާއިލް ޝަރީފް -- ފޮޓޯ: އަދަދު


ޔޮޓުތަކާއި ސަފާރީތަކަށް ރައްކާތެރި ފަޅެއް ތަރައްގީކޮށްދޭން އަނެއްކާ ވެސް ސަރުކާރަށް ގޮވާލައިފި

ބޯޓިން އިންޑަސްޓްރީއަށް ދިމާވެފައި ހުރިހާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދައިދެއްވައި އެ ސިނާއަތަށް ރައްކާތެރި ބަނދަރެއް ތަރައްގީ ކޮށްދެއްވުމަށް ބޯޓިން އެސޯސިއޭޝަންގެ ރައީސް، އިސްމާއިލް ޝަރީފް ސަރުކާރަށް ގޮވައިލައްވައިފި އެވެ.

މި އަހަރުގެ މެރިން އެކްސްޕޯ ހުޅުވުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ބޯޓިން އިންޑަސްޓްރީއަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރައްކާތެރި ފަޅެއް ނެތުން ކަމަށެވެ. އެހެންކަމުން އެކަމަށް ސަރުކާރުން ހައްލެއް ހޯއްދަވައިދެއްވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"ބޯޓިން އިންޑްސްޓްރީއަށް އެންމެ ބޮޑަށް ބޭނުން ޖެހިފައި މި ވަނީ ސޭފް ފަޅެއް، މެރީނާއެއްގެ ކަންތައް، އެކަމަށް ހައްލެއް ހޯދައިދެއްވުން އެއީ ބޯޓިން އިންޑަސްޓްރީގައި ތިބި ހުރިހާ ސަފާރީ އޯނަރުންނާއި ބޯޓު އޯނަރުންގެ އެދުމެއް،" ޝަރީފް ވިދާޅުވި އެވެ.

އެ ކަމަށް ހައްލެއް ހޯދުމަށް ރަނގަޅު ސިޔާސަތެއް އެކުލަވައިލުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުއްވާލައްވައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ބޯޓިން އިންޑަސްޓްރީއަކީ އެތައް ބިލިއަން ރުފިޔާގެ އަގުބޮޑު އިންޑަސްޓްރީއެއް ކަމަށެވެ. މެރިން އެކްސްޕޯއަކީ އޭގެ މިސާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބޯޓިން އިންޑަސްޓްރީއަށް ރައްކާތެރި ފަޅެއް ހޯދައިދިނުމަށް މީގެ ކުރިން ވެސް އެ އެސޯސިއޭޝަނުން ސަރުކާރަށް ގޮވާލައިފައިވެ އެވެ.

ބޯޓިން އިންޑްސްޓްރީއަށް ދިމާވެފައިވާ ރައްކާތެރި ފަޅެއް ނެތުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ކ. ދިޔަނެރު ފަޅުގައި މެރީނާއެއް ތަރައްގީ ކުރުމުގެ މަޝްރޫއުއެއް ސެޕްޓެމްބަރު 30، 2023 ގައި ކުރީ ސަރުކާރުން ފެށި އެވެ.

ނަމަވެސް، ވެރިކަން ބަދަލުވުމަށްފަހު އެ މަސައްކަތް އޮތީ އެއްކޮށް ހުއްޓިފަ އެވެ.