about 2 hours 0
މިއަދު ހެނދުނު ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ޝަރީފު ވާހަކަ ދައްކަވަނީ.
about 2 hours 0
މުޅި ބޯޓިން އިންޑަސްޓްރީއަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ދިޔަނެރު ފަޅު ތަރައްގީކޮށް، އެ ސިނާއަތަށް ރައްކާތެރި ބަނދަރެއް ލިބިގެން ދިއުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިސްމާއީލް ޝަރީފު ގޮވާލައްވައިފިއެވެ.
މިއަދު ވިލިމާލޭގައި ބޭއްވި މޯލްޑިވްސް މެރިން އެކްސްޕޯގެ ސްޕޮންސަރުންނާއެކު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، ކަނޑުދަތުރުފަތުރާއި ބޯޓިން ސިނާއަތަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފަޅުގެ ދަތިކަން ކަމަށެވެ. އަދި ސަރުކާރުގެ ތެރެއިން މިކަމަށް ފަހި ފުރުސަތުތަކެއް ހަމަޖެހިގެން ދިއުމަކީ މުޅި ސިނާއަތުގެ އުންމީދެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"[އުއްމީދަކީ] މުޅި ބޯޓިން އިންޑަސްޓްރީއަށް ދިމާވެފައިވާ ފަޅުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެން ދިއުން، ރައީސް [މުއިއްޒު]ގެ ވައުފުޅާ އެއްގޮތަށް ދިޔަނެރު ފަޅު ތަރައްގީ ކުރެވި ބޯޓިން އިންޑަސްޓްރީއަށް ސޭފް ހަބަރެއް ލިބިގެން ދިއުން، ވިޔަފާރީގެ ކުދި، މެންދުފަންތީގައި ކިންތިކުރެވިފައިވާ ބޯޓިންގެ ވިޔަފާރީގައި ހިމެނޭ އެންމެހާ ވިޔަފާރިތަކަށް ކުރިއެރުވުމަށް ފަހި ފުރުސަތުތަކެއް ސަރުކާރުގެ ތެރެއިން ހަމަޖެހިގެން ދިއުން،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "މޯލްޑިވްސް މެރިން އެކްސްޕޯ" އަކީ ހަމައެކަނި އާދައިގެ މައުރަޒެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ ނޫ އިގުތިސޯދުގެ މައިބަދަ ކަމަށްވާ މެރިން އިންޑަސްޓްރީގެ ކުރިއެރުމާއި، އައު އީޖާދުތަކާއި، ވިޔަފާރިތަކުގެ ގުޅުން ބަދަހިކޮށްދޭ މައިގަނޑު މަންސަ ކަމަށެވެ.
މިއަހަރުގެ އެކްސްޕޯގެ މަގުސަދުތަކުގެ ތެރޭގައި މެރިން ސިނާއަތުގެ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އާލާތްތައް ތައާރަފްކުރުމާއި ބޯޓު ބަނުމާއި އިންޖީނުގެ ހިދުމަތްދޭ ފަރާތްތަކަށް މާކެޓް ހޯދައިދިނުން އަދި ޒުވާނުން މި ދާއިރާއަށް ޝައުގުވެރިކުރުވައި ވަޒީފާގެ ފުރުސަތުތައް ދެއްކުން ހިމެނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޝަރީފު ވަނީ އެކްސްޕޯގެ ކާމިޔާބީގެ އަސާސަކީ ސްޕޮންސަރުންނާއި ޕާޓްނަރުން ކުރައްވާ އިތުބާރުކަން ފާހަގަކުރައްވައި، އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއަހަރުގެ އެކްސްޕޯއަކީ މިހާތަނަށް ބޭއްވޭ އެންމެ ފައިދާހުރި ހަރަކާތަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ޚާއްޞަކޮށް ވިޔަފާރީގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މި ދާއިރާގައި ކުރިއަށްދިއުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބުމަކީ ބޯޓިން އިންޑަސްޓްރީ އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment