about 2 hours 0
about 2 hours 0
ސެވިލް، ސްޕެއިން (ފެބްރުއަރީ 6) - ސްޕެއިނުގެ ތަޖުރިބާކާރު ޑިފެންޑަރު، ސާޖިއޯ ރާމޯސް، އޭނާގެ ކެރިއަރުގައި ދެ ފަހަރެއްގެ މަތިން ކުޅުނު ކްލަބް، ސެވިއްޔާގެ މެޖޯރިޓީ ހިއްސާ ގަންނަން ކުރިއަށްގެންދާ ޑީލުގެ ކަންކަން މަޑުޖައްސާލައިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރާމޯސް އާއި ފައިވް އިލެވެން ކެޕިޓަލްސް ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމް އަކުން ސެވިއްޔާގެ 65 ޕަސެންޓް ހިއްސާ ގަންނަން ކޮށްފައިވަނީ، ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ބިޑެކެވެ. އެ ޑީީލުގެ މަޝްވަރާތައް ހަލުވި ދުވެއްޔެއްގައި ފުރަތަމަ ފަށައިގަނެގެން ކުރިއަށްދިޔަ ނަމަވެސް ފަހުން އައިސް އެ ޑީލުގެ ކަންކަން އަންނަނީ ދިގުލަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން، ޑީލުގެ ކަންކަން މަޑުޖެހިފައި އޮތް އެންމެ ބޮޑު ސަބަބަކީ، މި ވަގުތު ލީގު ތާވަލުގެ ރެލިގޭޝަން ޒޯނާ ގާތުގައި ސެވިއްޔާ އޮތުމުންނެވެ.
ސެވިއްޔާ އިން ސްޕެނިޝް ލީގުގެ 15 ގައި އޮތްއިރު، ރެލިގޭޝަނުގައި އޮތް ޓީމުތަކާއި ސެވިއްޔާއާ ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެެކެވެ. އެހެންކަމުން، ސެވިއްޔާގެ ޑީލް، ރާމޯސް ހިމެނޭ ކޮންސޯޓިއަމް އިން ނިންމުމާ މެދު ފައިނަލް ގޮތެއް ކަނޑައެޅޭނީ ސީޒަން ނިމުމުންނެވެ.
އެކާވީސް ވަނަ ގަރުނުގައި ފެނިގެންދިޔަ އެންމެ ފުރިހަަމަ އެއް ޑިފެންޑަރު، ރާމޯސް، ސީނިއާ ކުލަބު ކެރިއަރު ފެށީ ސެވިއްޔާ އިންނެވެ. އެ ކުލަބުގެ ސީނިއާ ޓީމަށް ދެ އަހަރު ކުޅުމަށް ފަހު ސްޕެއިންގެ ރެއާލް މެޑްރިޑަށް އޭނާ ބަދަލުވީ 2005 ވަނަ އަހަރު އެވެ.
ރެއާލްގައި 16 އަހަރު ކުޅުމަށް ފަހު އޭނާ އެކުލަބު ދޫށްލީ 2021 ގަ އެވެ. އެ ފަހަރު، ހިލޭ ޓްރާންސްފާއެއްގައި ބަދަލުވީ، ފްރާންސްގެ ޕީއެސްޖީ އަށެވެ.
ޕީއެސްޖީ ދޫކޮށްލައި، ފަހުން ސެވިއްޔާ އަށް ކުޅުމަށް ފަހު، މިދިޔަ ސީޒަން ނިމުމުން ހުރީ ޓީމަކާ ނުގުޅި އެވެ. މޮންޓަރޭ އަށް ބަދަލުވީ، މިދިޔަ އަހަރުގެ ކުރީކޮޅުގަ އެވެ. އަދި، މިދިޔަ އަހަރު ނިމުމުން، ރާމޯސް ވަނީ މޮންޓަރޭ ދޫކޮށްލައިފަ އެވެ.
Comment