Advertisement

ރާމޯސް އަށް ކޮންޓްރެކްޓެއް ދިނުމާ މެދު ޔުނައިޓެޑުން މަޝްވަރާކުރަނީ

about 20 hours 0


ރާމޯސް އަށް ކޮންޓްރެކްޓެއް ދިނުމާ މެދު ޔުނައިޓެޑުން މަޝްވަރާކުރަނީ

about 20 hours 0

މެޑްރިޑް (ޑިސެމްބަރު 10) - މެކްސިކޯގެ ކްލަބް މޮންޓަރޭ ދޫކޮށްލުމަށް ނިންމާފައިވާ، ސްޕެއިނުގެ ލެޖެންޑަރީ ޑިފެންޑަރު، ސާޖިއޯ ރާމޯސް އަށް ކޮންޓްރެކްޓެއް ދިނުމާ މެދު މެންޗެސްޓާ ޔުނައިޓެޑުން މަޝްވަރާކުރަމުން އަންނަ ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

އުމުރުން 39 އަހަރުގެ ރާމޯސް، މޮންޓަރޭއާ އެކު ހަދާފައިވާ އެއްބަސްވުން އޮތީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. އެ ކްލަބާ އެކު ކޮންޓްރެކްޓް އާ ކުރަން ރާމޯސް ބޭނުމެއްނުވާކަން އެ ޓީމަށް ވަނީ އަންގައިފަ އެެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރާމޯސް ނިންމާފައިވަނީ އަލުން ޔޫރަޕްގެ ކްލަބަކަށް ކުޅުމަށެވެ. އަދި، އޭނާގެ އޭޖެންޓް ވާހަކަ ދައްކަމުން އައި އެއް ކްލަބަކީ އިޓަލީގެ އޭސީ މިލާން އެވެ. އަދި، މިހާރު އަންނަނީ މެންޗެސްޓާ ޔުނައިޓެޑާ އެކު ވެސް ކޮންޓްރެކްޓެއްގެ ވާހަކަތައް ފަށައިފަ އެވެ.

ޔުނައިޓެޑާއި މިލާނާ އެކު، ރާމޯސް ވާހަކަ ދައްކަނީ، ހަ މަހުގެ ކޮންޓްރެކްޓެއް ހެދުމަށެވެ. އެއީ، އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުޅޭ ވޯލްޑް ކަޕަށް ދާ ސްޕެއިން ޓީމުގެ ސްކޮޑުން ޖާގަ ހޯދުމަށްޓަކަ އެވެ.

އެކާވީސް ވަނަ ގަރުނުގައި ފެނިގެންދިޔަ އެންމެ ފުރިހަަމަ އެއް ޑިފެންޑަރު، ރާމޯސް، ސީނިއާ ކުލަބު ކެރިއަރު ފެށީ ސެވިއްޔާ އިންނެވެ. އެ ކުލަބުގެ ސީނިއާ ޓީމަށް ދެ އަހަރު ކުޅުމަށް ފަހު ސްޕެއިންގެ ރެއާލް މެޑްރިޑަށް އޭނާ ބަދަލުވީ 2005 ވަނަ އަހަރު އެވެ. ރެއާލްގައި 16 އަހަރު ކުޅުމަށް ފަހު އޭނާ އެކުލަބު ދޫށްލީ 2021 ގަ އެވެ. އެ ފަހަރު، ހިލޭ ޓްރާންސްފާއެއްގައި ބަދަލުވީ، ފްރާންސްގެ ޕީއެސްޖީ އަށެވެ. ޕީއެސްޖީ ދޫކޮށްލައި، ފަހުން ސެވިއްޔާ އަށް ކުޅުމަށް ފަހު، މިދިޔަ ސީޒަން ނިމުމުން ހުރީ ޓީމަކާ ނުގުޅި އެވެ.

އެކަމަކު، ކުރިން މެންޗެސްޓާ ސިޓީ އާއި ބަޔާން މިއުނިކަށް ކުޅުނު މާޓިން ޑެމިކޭލިސް ކޯޗުކޮށްދޭ މޮންޓެރޭގެ އޮފާ މި އަހަރު ކުރީކޮޅުގައި ލިބުމުން ރާމޯސް ވަނީ ގަބޫލުކޮށްފަ އެވެ.

ރެއާލަށް އަލުން ދިއުމަށް ތަކުރާރުކޮށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ރެއާލުގެ އޮފާއެއް އޭނާ އަށް ނުދޭން އެ ކްލަބްގެ މެނޭޖްމަންޓުން ކުރިން އޮތީ ނިންމައިފަ އެވެ.