about 2 hours 0
ލީވާން އަލީ ނާސިރު
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
about 2 hours 0
އިއްޔެ އިއުލާނު ކުރެއްވި ލަގްޒަރީ 10 ރިސޯޓު ތަރައްގީކޮށް، ދިވެހި ކޮންމެ ރައްޔިތަކަށް އެތަނުގެ މިލްކުރެވިކަން ލިބޭ ސިޔާސަތަކީ އެއްވެސް އޮއްޓަރެއް ނެތް، އަދި ހިސާބުތަކުން ދިމާނުވާ "ހުސް ހާސަރު" ތަކެއްގެ ގޮތުގައި ސިފަކުރައްވައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް, ރައީސް މުހައްމަދު މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ، 2030 ވަނަ އަހަރަށް ރާއްޖޭގެ އާބާދީ 5 ލައްކައަށް ވުރެ މަތިވާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، އާބާދީގެ ބޮލަކަށް 400 ޑޮލަރު ބަހަން ބޭނުންވާ 200 މިލިއަން ޑޮލަރު، 10 ރިސޯޓުން ފައިދާގެ ގޮތުގައި ނެރޭނެ ގޮތެއް އެއްވެސް ހިސާބަކުން ނުފެންނަ ކަމަށެވެ.
ޓޫރިޒަމް ދާއިރާގައި ގިނަ އަހަރުތަކެއް އުޅުއްވި ފައިސަލް ވަނީ އެ ދާއިރާގެ އޮޕަރޭޝަނަލް ހަރަދުތަކާއި އާމްދަނީގެ ތަފްސީލީ ހިސާބުތަކެއް ދައްކަވައި، މުއިއްޒުގެ ރޭވުމަށް ގޮންޖައްސަވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މާލޭ ކައިރީގައި 150 ކޮޓަރީގެ ފައިވްސްޓާ ރިސޯޓެއް ހެދުމަށް ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ބޭނުންވާއިރު، 10 ރިސޯޓަށް 800 މިލިއަން ޑޮލަރު ހޯދަން ޖެހެއެވެ.
"ސޯޝަލް ހައުސިންއަށް ވެސް ފައިސާ ނުހޯދިގެން އުޅޭއިރު، ސަރުކާރުން ފައިވް ސްޓާ ރިސޯޓު ހަދަން މި ބޮޑު އަދަދު ހޯދާނެ ގޮތެއް ނުވިސްނުނު،" ފައިސަލް ވިދާޅުވިއެވެ.
އެވްރެޖްކޮށް ކޮޓަރިއެއް 500 ޑޮލަރަށް ވިއްކައިގެން، 65 ޕަސެންޓު އޮކިއުޕެންސީގައި ވެސް ލިބޭނީ 17-20 މިލިއަން ޑޮލަރުގެ އާމްދަނީއެއް ކަމަސާއި ޓެކްސްއާއި މުސާރަ އަދި ހިންގުމުގެ ހަރަދު ކެނޑުމަށްފަހު، ނަގާފައިވާ ލޯނުތައް އަދާކުރަން އެކަނިވެސް އަށް އަހަރު ހޭދަވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"މެދު ކެނޑުމެއް ނެތި މުޅި ދުނިޔެއަށް އިގުތިސާދީ ގޮތުން ކުރިމަތިވާ ގޮންޖެހުން ތަކާއި، ފަތުރުވެރި ކަމުގެ ދާއިރާގައި އޮތް ވާދަވެރި ކަމުގެ ތެރެއިން، 500 ޑޮލަރަށް ރޫމެއް އެވްރެޖު ޑެއިލީ ރޭޓެއްގެ ގޮތުގައި ވިއްކިދާނެތޯ؟" ފައިސަލް ވިދާޅުވި އެވެ.
މިވަރު ރިސޯޓެއްގެ އޮޕަރޭޝަން ކިރިޔާ ހިފަހައްޓާލެވޭނީ 50 ޕަސެންޓު އޮކިއުޕަންސީ މުޅި އަހަރުގެ ތެރޭގައި ހިފެހެއްޓިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ މިއަދާ ހަމައަށް ދެމި އޮތީ، މި ސިނާއަތުގައި އަމިއްލަ ފަރާތްތަކުން ކުރި ބުރަ މަސައްކަތުން ކަމަށާއި މިހާތަނަށް އައިއިރު، ސަރުކާރުން ޓޫރިޒަމް ސިނާއަތަށް ވަދެގެން ކުރި ކޮންމެ މަސައްކަތަކުން އޮތީ އިންތިހާ އަށް ގެއްލުން ލިބިފައި ކަމަށް، މުއިއްޒުގެ ބޮޑު ޕްލޭން ވެސް ފައިލްވާނެ ކަމަށް އިޝާރާތް ކުރެއްވުމުގެ ގޮތުން ފައިސްލ ވިދާޅުވި އެވެ.
"ތަންދޮރު އޮޅުން ނުފިލުވައި، ހަމަ ހިތަށް އެރި ކޮންމެ އެއްޗެއް ރިޔާސީ ބަޔާނުގައި ވިދާޅުވީމާ، ރައްޔިތުން ކުރިމަތީގައި އިތުބާރު ގެއްލި، ވެރިޔަކަށް ހުންނަ މީހަކު ވިދާޅުވާ އެއްވެސް އެއްޗަކަށް ސަމާލުކަމެއް ނުދޭނެ،" އޭނާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ހިމެނޭ ކަންކަމަށް އިޝާރާތް ކުރައްވައި، ފައިސަލް ވަނީ ކުރިން ވެފައިވާ ބޮޑެތި ވައުދުތަކަށް ވީގޮތާ މެދު ވެސް ސުވާލު އުފައްދަވާފައެވެ. އެގޮތުން ބިއްލޫރި ޓަނަލާއި، އައްޑޫ ބްރިޖާއި، ބަންކަރިންގެ ޚިދުމަތާއި، ޑިވެލޮޕްމަންޓް ބޭންކް އަދި ވިލިނގިއްޔާއި ތިނަދޫ ގައި ހަދާނެ ކަމަށް ބުނި އިންޓަނޭޝަނަލް އެއާޕޯޓު ކޮބައިތޯ އޭނާ ސުވާލު ކުރެއްވިއެވެ.
ފައިސަލް ވިދާޅުވީ، ތަންދޮރު އޮޅުން ނުފިލުވައި ހިތަށް އެރި ކޮންމެ އެއްޗެއް ރިޔާސީ ބަޔާނުގައި ވިދާޅުވުމުން، ރައްޔިތުންގެ ކުރިމަތީގައި ގައުމުގެ ވެރިމީހާގެ އިތުބާރު ގެއްލި، ދައްކަވާ ވާހަކަތަކަށް ސަމާލުކަން ނުދޭނެ ކަމަށެވެ.
ޤައުމުގެ އިގުތިސާދު ރަނގަޅު ކުރުމަށްޓަކައި ފައިސަލް ވަނީ ސަރުކާރަށް ތިން އިރުޝާދެއް ދެއްވާފައެވެ. އެއީ ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ކުޑަކުރުމާއި ސިޔާސީ ބޭނުމުގައި ވަޒީފާ އިތުރުކުރުން ހުއްޓާލުން އަދި އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށް ހިތްވަރު ދިނުމެވެ.
ފައިސަލް ވިދާޅުވީ، ރިޔާސީ ބަޔާނަކީ ރައްޔިތުންނަށް އުންމީދެއް ގެނުވައިދޭ، ހަގީގީ ސިޔާސަތުތަކެއް ހާމަކުރާ އެއްޗަކަށް ވާންޖެހޭނެ ކަމަށާއި، ނުވާނެ ވަރުގެ ކަންކަން ދައްކައިގެން ރައްޔިތުންނަށް ކަންކަން އޮޅުވާލައިގެން ނުވާނެ ކަމަށެވެ.
Comment