Advertisement

އަމާނާ ތަކަފުލްއިން މަސްވެރި އަދި މުދާ އުފުލާ އުޅަނދުތަކަށް "އޮޑި ބޫސްޓަ" ތައާރަފުކޮށްފި

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އާއި އަމާނާ ތަކަފުލްގެ އިސްވެރިން މިއަދު މެރިން އެކްސްޕޯގައި ހުރި އެ ކުންފުނީގެ ސްޓޯލްގައި.


އަމާނާ ތަކަފުލްއިން މަސްވެރި އަދި މުދާ އުފުލާ އުޅަނދުތަކަށް "އޮޑި ބޫސްޓަ" ތައާރަފުކޮށްފި

އަމާނާ ތަކަފުލްއިން މަސްވެރި އުޅަނދުތަކާއި މުދާ އުފުލާ އުޅަނދުތަކަށް ހާއްސަކޮށްގެން، އިތުރު ފައިދާތަކާއެކު "އޮޑި ބޫސްޓަ ތަކަފުލް" ތައާރަފުކޮށްފިއެވެ.

އިއްޔެ ފެށި އެކްސްޕޯގައި ތައާރަފުކުރި މި ޕެކޭޖަކީ އުޅަނދަށް ލިބޭ ގެއްލުމުގެ އިތުރުން، އުޅަނދު މަރާމާތަށް ނުވަތަ މަސައްކަތް ހުއްޓިފައި އޮންނަ ވަގުތުތަކުގައި އާމްދަނީއަށް ލިބޭ އުނިކަމުން ރައްކާތެރިކަން ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ހާއްސަ ހިދުމަތެކެވެ.

މި ޕެކޭޖުގެ ދަށުން އުޅަނދު ބޭނުންނުކުރެވި ހުންނަ ދުވަސްތަކުގައި "ލޮސް އޮފް ހަޔަރ" ގެ ގޮތުގައި މާލީ އެހީތެރިކަން ލިބިގެންދާނެ އެވެ. އެގޮތުން، ދުވާލަކު 3،000ރ. އާ ހަމައަށް، ގިނަވެގެން 40 ދުވަހުގެ މުއްދަތަށް އާމްދަނީގެ އިނާޔަތް ލިބެއެވެ.

މިއީ އަހަރަކު ޖުމްލަ 120،000ރ. ގެ މާލީ ރައްކާތެރިކަމެކެވެ. އަދި އުޅަނދު އެއްކޮށް ހަލާކުވެއްޖެ ހާލަތެއްގައި، އެއްވެސް "ވެއިޓިންގް ޕީރިއަޑް" އެއް ނެތި ބަދަލު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އުޅަނދުގެ އިތުރުން، އޭގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް މި ޕެކޭޖުގެ ދަށުން ސިއްހީ ރައްކާތެރިކަން ލިބިގެންދެއެވެ. މީގެ ތެރޭގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދުމަށް 100،000ރ. އާ ހަމައަށް ކަވަރޭޖް ލިބޭއިރު، މީގެ ފައިދާ އުޅަނދުގެ ވެރިފަރާތާއި، ކެޕްޓަން އަދި ފަޅުވެރިންނަށް ލިބޭނެއެވެ. މި މެޑިކަލް އެހީތެރިކަމަކީ ރާއްޖޭގެ އިތުރުން އިންޑިއާ އަދި ސްރީލަންކާގެ ހޮސްޕިޓަލްތަކުންވެސް ލިބޭނެ ހިދުމަތެކެވެ.

އުޅަނދު އިންޝުއަ ކުރުމުގައި ދެ ގޮތަކަށް ފުރުސަތު އޮވެއެވެ. އެއީ، އުޅަނދު އެއްކޮށް ހަލާކުވެއްޖެ ހާލަތެއްގައި ބަދަލު ލިބޭ "ޓޯޓަލް ލޮސް އޮންލީ" ކަވަރޭޖާއި، އުޅަނދަށް ލިބޭ އެކި ކަހަލަ ގެއްލުންތަކަށް ބަދަލު ލިބޭ "ފުލް ކަވަރ" އެވެ. މި ހިދުމަތް ދެނީ ބައިނަލްއަގުވާމީ މެރިން މިންގަނޑުތަކެއް ކަމަށްވާ "އިންސްޓިޓިއުޓް ޓައިމް ކްލޯޒަސް" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި ހިދުމަތާ ބެހޭ އިތުރު މައުލޫމާތު އަމާނާ ތަކަފުލްގެ ވެބްސައިޓުން ނުވަތަ އެ ކުންފުނީގެ ހޮޓްލައިން 3315262 އަށް ގުޅައިގެން ލިބޭނެއެވެ.