Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖު: ކުއާޓާގެ ފުރަތަމަ ޖާގަތައް ދުވާފަރާއި އޭދަފުށްޓަަށް

about 2 hours 0

އޭދަފުށީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ


ގޯލްޑަން ފުޓްސަލް ޗެލެންޖު: ކުއާޓާގެ ފުރަތަމަ ޖާގަތައް ދުވާފަރާއި އޭދަފުށްޓަަށް

about 2 hours 0

ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026ގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ޖާގަތައް ބ. އޭދަފުށްޓާއި ރ. ދުވާފަރުން ހޯދައިފި އެވެ.

އެ ގޮތުން، ގަދަ 16 ބުރުގެ މެޗުތައް މިއަދު ހަވީރު ފެށުނުއިރު، އޭދަފުށިން ވަނީ 1-0 އިން މައްޗަންގޯޅި ބަލިކޮށްފަ އެވެ. އަދި، ދުވާފަރުން ވަނީ 5-3 އިން ސ. ހިތަދޫ ބަލިކޮށްފަ އެވެ. މިއާ އެކު، ކުއާޓާ ފައިނަލުގައި ބ. އަތޮޅުގެ ޗެމްޕިއަން، އޭދަފުށްޓާއި ރ. ގެ ޗެމްޕިއަން، ދުވާފަރުން ވަނީ ބައްދަލުކުރަން ޖެހިފަ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، މައްޗަންގޯޅި ކޮޅަށް އޭދަފުށިން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ ފަހުކޮޅުގައި ކާމިޔާބުކުރީ އިޝާން އިބްރާހިމް (ސައްޓު) އެވެ. އޭރިއާ ރޮނގުކައިރިން ލިބުނު ބޯޅަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސައްޓު ވަނީ ގޯލުގެ ތެެރެއަށް ފޮނުވާލައިފަ އެވެ. މައްޗަންގޯޅީގެ އަހުމަދު ހުސެއިން (އައްމަޑޭ) އަށް ލިބުނު ބޯޅައެއް އޭދަފުށީގެ ކީޕަރު، އަބްދުﷲ ނާސިހު މަތަކުރިއިރު، ދެ ވަނަ ހާފުގައި އޭދަފުށީގެ އުނައިސް ޒުބައިރަށް ލިބުނު ރަނުގެ ފުރުސަތެއްގައި ގޯލު ޖެހޭ ގޮތެއްނުވި އެވެ.

ދުވާފަރު ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ


ދުވާފަރާއި ހިތަދޫގެ ކުރިމަތިލުން ފޯރިގަދަކޮށް ދިޔައިރު، ދެ ޓީމުން ވެސް މުހިންމު ވަގުތުތަކުގައި ގޯސްތަކެއް ހެދިތަން މި މެޗުގައި ފެނިގެންދިޔަ އެވެ. ހިތަދޫން ވެސް ލީޑެއް ނެގި މި މެޗުގައި އެ ޓީމުގެ ޝާޝް ޝަރީފް ދެ ލަނޑު ޖެހި އެވެ. އަނެއް ލަނޑު ޖެހީ މުހައްމަދު ސަބާހު މަންސޫރު (ސަބަޓީ) އެވެ.

އަނެއްކޮޅުން، ދުވާފަރުން ލަނޑުތައް ޖެހީ މުހައްމަދު ނޫހު އިބްރާހިމް، މުހައްމަދު ޖުމާން އަހުމަދު، އިބްރާހިމް އަނާން އަލީ، އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އަދި ހަސަން އަޒޫމް އަލީ (ޒޫމް) އެވެ. އަޒޫމް އަތުން މި މެޗުގައި ޕެނަލްޓީއެއް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.

ދުވާފަރާއި އޭދަފުށިން ބައްދަލުކުރާ ކުއާޓާ ފައިނަލް މެޗުތަކާއި އެހެން ކުއާޓާގެ މެޗުތައް އޮންނާނީ މި މަހު އަށް ވަނަ ދުވަހު އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16 ބުރުގައި މިރޭ ކުޅޭ މެޗުތައް:

20:00: ހދ. ނައިވާދޫ - މ. ދިއްގަރު

20:00: އއ. މަތިވެރި - ލ. އިސްދޫ

21:30: ތ. ތިމަރަފުށި - ހއ. މާރަންދޫ

21:30: ގއ. ދެއްވަދޫ - ވ. ކެޔޮދޫ

22:45: ދ. ކުޑަހުވަދޫ - ށ. ކަނޑިތީމު

22:45: ކ. ގާފަރު - މާލެ، ވިލިމާލެ