about 2 hours 0
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކުޑަހުވަދޫގެ ކޯޗު ރިއްޕެ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
about 2 hours 0
މިއަދު ފަށާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026ގެ ގަދަ 16 ބުރަށް ކުރިމަތިލާއިރު، ދ. ކުޑަހުވަދޫ އަށް ފައިދާ ބޮޑުކޮށް ފެންނަ އެއް ކަމަކީ އެ ޓީމުގައި ތަޖުރިބާ ހުރި ކުޅުންތެރިންނާ އެކު އޮތް ސްކޮޑެއް އޮތުން ކަމަށް ޓީމުގެ ކޯޗު، މުހައްމަދު ރިއްފަތު (ރިއްޕެ) ބުނެފި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އެންމެ މަދު މެޗު ކުޅެން ލިބޭ އެއް ޓީމަކީ ދ. ކުޑަހުވަދޫ އެވެ. ޒޯން ބުރާއި އަތޮޅު ބުރުގައި މަދު މެޗު ނިސްބަތުން ކުޅެން ލިބި، މުބާރާތުގެ ނޮކައުޓް ބުރަށް ނުކުންނަން ޖެހުމަކީ ކުޑަހުވަދޫ އަށް ބޮޑު ޗެލެންޖަކަށްވާ ކަމެކެވެ. އަދި، މި ފަަހަރު ކުޑަހުވަދޫގެ ތައްޔާރީތައް ވެސް ލަހުން ފެށުނުއިރު، އެ ޓީމުން ވަނީ، އަތޮޅު ޗެމްޕިއަންކަން ހޯދައި، ޒޯން ފަހެއްގެ ތަށި އުފުލާލައިފަ އެވެ.
"އަސްލު ޒޯން ބުރުގައި ވެސް މަދު މެޗުތަކެއް ކުޅެން ޖެހިފައި ރައުންޑް އޮފް 16 އަށް އަންނައިރު މިހާ މަދު މެޗު ކުޅެން ޖެހިފައި، ދެން މި ކުޅެން ޖެހެނީ ރަނގަޅު ޓީމުތަކާ އެހެންވީމަ، އެ އުނދަގޫ އަންނާނެ. އެކަމަކު އެ އަށް ރެޑީވެގެން ނުކުންނާނީ،" ޒޯން ފައިނަލުގައި ދިއްގަރު އަތުން މޮޅުވި މެޗަށް ފަހު، ރިއްޕެ ބުންޏެވެ.
"މި ފަހަރު އަސްލު ތަންކޮޅެއް ސްކޮޑު އެކުލަވާލުން ތަންކޮޅެއް ލަސްވީ، އެހެންނޫނިއްޔާ ރަނގަޅު، ދެން، މިފަހަރު ތަންކޮޅެއް ޓީމަށް ރަނގަޅު ޕްލޭޔަރުން ލިބިފައި ތިބީ. މި ފަހަރު ސްކޮޑުގެ މި ތަފާތު އެކްސްޕީރިއަންސް ގިނަ ކުޅުންތެރިން ތިބެފައި، އެ ތަފާތު ޓީމުން މި ފެންނަނީ،"
މި ފަަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ނޮކައުޓް ބުރުގައި ކުރިމަތިލާން ޖެހޭނީ ހުރިހާ ގޮތަކުން ބެލިޔަސް މީގެ ކުރިން ކުޅެފައި ނުވާނެ ފަދަ ޗެލެންޖިން މެޗުތަކެއް ކަމަށް ގިނަ ކޯޗުން އަންނަނީ ފާހަގަކުރަމުންނެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރިއްޕެ ބުނީ، މެޗުތައް ފަސޭހަވާނެ ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށެވެ.
"ވަރަށް ޓަފް، ހަަމަ އެއްވެސް މެޗެއް އެއްވެސް ބަޔަަކަށް އީޒީ (ފަސޭހަ) ވެގެން ނުދާތަން މި ފެންނަނީ، ވަރަށް ޓަފްވާނެ ކަމަށް މި ބަލަނީ،" ރިއްޕެ ބުންޏެވެ.
ގަދަ 16 ބުރުގައި މިރޭ ކުޑަހުވަދޫން ބައްދަލުކުރާނީ ށ. އަތޮޅުގެ ޗެމްޕިއަން ކަނޑިތީމާ އެވެ.
ގަދަ 16 ބުރުގެ މެޗުތައް:
16:00: ރ. ދުވާފަރު - ސ. ހިތަދޫ
16:00: ބ. އޭދަފުށި - މާލެ، މައްޗަންގޯޅި
20:00: ހދ. ނައިވާދޫ - މ. ދިއްގަރު
20:00: އއ. މަތިވެރި - ލ. އިސްދޫ
21:30: ތ. ތިމަރަފުށި - ހއ. މާރަންދޫ
21:30: ގއ. ދެއްވަދޫ - ވ. ކެޔޮދޫ
22:45: ދ. ކުޑަހުވަދޫ - ށ. ކަނޑިތީމު
22:45: ކ. ގާފަރު - މާލެ، ވިލިމާލެ
Comment