Advertisement

ޕެންޝަން އޮފީސް މެދުވެރިކޮށް 'މަނީ ލޯންޑަ' ކުރަން އުޅޭކަމުގެ ބޮޑު ތުހުމަތެއް ޔާމީން ކުރައްވައިފި

ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރުން


ޕެންޝަން އޮފީސް މެދުވެރިކޮށް 'މަނީ ލޯންޑަ' ކުރަން އުޅޭކަމުގެ ބޮޑު ތުހުމަތެއް ޔާމީން ކުރައްވައިފި

ދިވެހި ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެ، ހަރަދުތައް ހަމަޖެއްސުމަށްޓަކައި ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ޕެންޝަން ފަންޑުގެ ތެރެއިން ނުސީދާކޮށް ފައިސާ އުފައްދަން ކުރާ މަސައްކަތަކީ "މަނީ ލޯންޑަ" ކުރުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވައިފި އެވެ.

ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން މި ތުހުމަތު ކުރެއްވީ، ޕެންޝަން ފަންޑުގައި ހުރި އެތައް ބިލިއަން ރުފިޔާ ސަރުކާރުގެ ބޭނުމަށް ނެގުމަށް މަސައްކަތް ކުރަމުންދާތީ އެވެ.

ޕެންޝަން އޮފީހުގެ ޗެއާމަން އަހުމަދު އިނާޒު އިއްޔެ އިސްތިއުފާ ދެއްވީ ވެސް 'މަނީ ލޯންޑަ' ކުރަން އުޅޭތީ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ޕެންޝަން އެޑްމިނިސްޓްރޭޝަނުން ވަރަށް ރަނގަޅު އިލްމީ ބޭފުޅަކު އިސްތިއުފާ ދީފަ އެ ދިޔައީ އެތާ ތެރެއިން މަނީ ލޯންޑަ ކުރަން މަސައްކަތް ކުރީމަ،" އިނާޒު އިސްތިއުފާ ދެއްވުމާ ގުޅުވައި ޔާމީން ވިދާޅުވި އެވެ.

އިނާޒު އިސްތިއުފާ ދެއްވީ ސަރުކާރުން ބޭނުންވާ ފައިސާ ދޭން ޕެންޝަން ބޯޑުގެ ބައްދަލުވުން ބާއްވަން ކައިރިވަމުން ދަނިކޮށެވެ.

ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާ ކަމަށް ބުނި ނަމަވެސް، އިގްތިސާދީ މާހިރުން ބުނާ ގޮތުގައި ޕެންޝަން އޮފީހުގެ ތެރެއިން ބޮންޑުތަކަށް ސަބްސްކްރައިބްކޮށްގެން ފައިސާ ހޯދުމަކީ ނުސީދާ މަގަކުން ފައިސާ ޗާޕުކުރުމެވެ.

ނަމަވެސް އެއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ރައީސް މުއިއްޒާއި ސަރުކާރުގެ އިސްވެރިން ބުނަމުންދާތީ އެކަމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މިހާރު މުއިއްޒު ހުންނެވީ ފައިސާ ޗާޕް ނުކުރާނަމޭ ވިދާޅުވި ބަހުގެ "އަޅަކަށް" ވެފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. ފައިސާ ހޯދޭނެ އެ ނޫން ގޮތެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.

"ހިސާބު އަކުރުތަކެއް ދޮގެއް ނުހަދާނެ. ދައުލަތުން ފައިސާ ނެތްކަމަކީ އެންމެންނަށް އެނގޭ ކަމެއް،" ޔާމީން ވިދާޅުވި އެވެ.

އިގުތިސަދު އޮތީ ފުނޑިފައި ކަމަށާއި ފައިސާ ލިބޭނެ ގޮތެއް ވެސް ނެތްކަމަަށް ޔާމީން ވިދާޅުވި އެވެ.

"ފައިސާ ހޯދަންވެސް އެބަޖެހޭ. އެހެން ނޫނީ މުސާރަ ދެވޭނެ ގޮތެއްވެސް ނެތް،" ޔާމީން ވިދާޅުވި އެވެ.

ދައުލަތުގައި ފައިސާ ނެތުމަކީ އުފާކުރާ ކަމެއް ނޫން ކަމަށާއި، އޭގެ ހުރިހާ ގެއްލުމެއްގެ ނިމުން އަންނާނީ ސީދާ ރައްޔިތުންނަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ދައުލަތުގެ މާލީ ހާލަތާ ގުޅޭ ގޮތުން ޔާމީން ވިދާޅުވީ، ދައުލަތުގެ ފައިސާ ނެތިގެން ސުކޫކު ހޯދަން މަސައްކަތް ކުރި ނަމަވެސް 14 އިންސައްތަ އާއި 17 އިންސައްތަ ފަދަ ބޮޑު ރޭޓެއްގައި ވެސް ފައިސާ ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.

ރާއްޖޭގެ އެތެރޭގެ ބޭންކުތަކުން ވެސް ޓީ-ބިލް ގަތުމުގެ ޝައުގުވެރިކަން މިހާރު ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިނާޒުއަކީ ފައިސާ ޗާޕު ކުރަން އުޅޭ މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވި ތިން ވަނަ މެންބަރެވެ. މީގެ ކުރިން ބޯޑު މެންބަރު އަޝްރަފް ރަޝީދާއި އަހުމަދު ސަރުވަޝް އާދަމް ވެސް ވަނީ ހަމަ އެ މައްސަލައިގައި އިސްތިއުފާ ދެއްވައިފަ އެވެ.

އޭގެ އިތުރުން، ފައިސާ ޗާޕު ކުރުމުގެ މުއާމަލާތާ ގުޅޭ ލިޔުމެއްގައި ސޮއި ކުރައްވަން ދެކޮޅު ހެއްދެވުމަށްފަހު ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަން އޮފިސަރު ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.