Advertisement

ދިވެހި އިންވެސްޓުމެންޓްއިން ބްރޯކަރޭޖް ހިދުމަތްތަކެއް ތައާރަފްކޮށްފި


ދިވެހި އިންވެސްޓުމެންޓްއިން ބްރޯކަރޭޖް ހިދުމަތްތަކެއް ތައާރަފްކޮށްފި

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ) އިން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި މުއާމަލާތްކުރުމަށްޓަކައި، ގަވާއިދުތަކަށް ފުރިހަމައަށް ފެތޭ ވަރުގަދަ ބްރޯކަރޭޖް ހިދުމަތްތަކެއް ތައާރަފްކޮށް މާލީ އާ މަންސައަކަށް ނުކުމެއްޖެއެވެ.

މި ހިދުމަތް އާންމުންނަށް ހުޅުވާލިތާ މަސްތަކެއް ވެފައިވާއިރު، ޑީއައިޕީގެ ހިދުމަތްތަކުގެ ތެރޭގައި ހިއްސާ ގަނެވިއްކުމުގެ ފުރުސަތު މިހާރު ވަނީ ފުރިހަމައަށް ހިމަނާފައެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި، އައު އަހަރަކީ ޑީއައިޕީ އާއި އެ ކުންފުނިން މެނޭޖްކުރާ ދިނަފް ފަންޑަށް ވެސް ކާމިޔާބު އަހަރެކެވެ. އަދި ބްރޯކަރޭޖް ހިދުމަތުން އުންމީދީ ނަތީޖާތަކެއް ފެންނަމުން ދިއުމަކީ ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި 23.44 މިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވެއެވެ. މީގެ ތެރޭގައި އެންމެ ބޮޑު ތަރުހީބެއް ލިބުނީ ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހިއްސާއަށެވެ.

ފާއިތުވި ތިން އަހަރުގެ ތެރޭގައި ގިނަ ހިއްސާތަކުގެ ފައިދާ ނުވަތަ ޑިވިޑެންޑް ޔީލްޑު 7 ޕަސެންޓަށް އުފުލިފައި ވާއިރު، އީޕީއެސް ރޭޝިއޯތައް ވެސް ހުރީ އިންވެސްޓަރުން ގަޔާވާފަދަ ރަނގަޅު މިންވަރެއްގައި ކަމަށް ޑީއައިޕީން ބުންޏެވެ.

"މިއީ ކުރިއަރަމުން އަންނަ މި ބާޒާރުގައި ފުރުސަތުތައް ހުރިކަން ހާމަކޮށްދޭ ކަމެއް،" އެ ކުންފުނިން ބުންޏެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕްލެޓްފޯމް "ވިޔަނަ" ގެ އެޑްވައިޒަރީ ޕާޓްނަރެއްގެ ގޮތުގައި ޑީއައިޕީ ހަރަކާތްތެރި ވާއިރު، "ފިޑޯ ބޮންޑް" އިޝޫކުރުމާއި އޭގެ މުއާމަލާތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވަނީ ޑީއައިޕީގެ ބެލުމުގެ ދަށުންނެވެ.

ބާޒާރުގެ މިހާރުގެ މިސްރާބަށް ބަލާއިރު، އިންވެސްޓްމަންޓްތަކުން 7 ޕަސެންޓަށްވުރެ މަތީގެ ނަފާއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

ޑީއައިޕީން އިން ދަނީ އަމިއްލަ ފަރުދުންނާއި މުއައްސަސާތަކަށް ބޭނުންވާ މާލީ ލަފައާއި، މާކެޓް ރިސާޗް އަދި އިގްތިސާދީ މާހައުލަށް ފެތޭ މާލީ ރޭވުންތައް އެކުލަވާލައިދެމުންނެވެ. ރާއްޖޭގެ ހިއްސާގެ ބާޒާރަކީ ކުޑަ ބާޒާރެއް ނަމަވެސް، މިއީ މާލީ ގޮތުން ކުރިއަރަން ބޭނުންވާ ފަރާތްތަކަށް އޮތް ރަނގަޅު ފުރުސަތެކެވެ.