about 8 hours 0
ލީވާން އަލީ ނާސިރު
ހުޅުމާލެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުން: އެ ގުދަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި -- ފޮޓޯ: އެމްއެންޑީއެފް
about 8 hours 0
ހުޅުމާލޭ ޗަނބޭލީ-5 ގޯޅިތެރޭގައި ހުރި ގުދަނެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ބޮޑެތި ގެއްލުންތަކެއް ލިބި، 21 މީހަކަށް ވަގުތީ ބޯހިޔާވެހިކަން ހަމަޖައްސައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ރޭ ދަންވަރު 3:30 ހާއިރު އެ އަލިފާނުގެ ހާދިސާ ހިނގީ ގުދަނުގެ ބޭރުގައި ހުރި ކުނިތަކެއްގައި ރޯވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ގުދަނުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް، ގުދަން ތެރެއަށް އަލިފާންގަނޑު ފެތުރުނު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
"އަލިފާނުގެ ސަބަބުން ގުދަނުގެ ބިއްލޫގަނޑު ތަޅައިގެންގޮސް ގުދަނުގެ ތެރެއަށް އަލިފާންގަނޑު ފެތުރި އެތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި،" އެމްއެންޑީއެފް އިން ބުންޏެވެ.
ހަ ފަންގިފިލާއަށް ހަދާފައި ހުރި އިމާރާތުގައި ގުދަން ހުރީ ތިރީގަ އެވެ. ނަމަވެސް ކަރަންޓުގެ މައްސަލަ ދިމާވުމުން އެންޑީއެފްއޭއިން އެހީތެރިކަން ފޯރުކޮށްދިނީ ދެ އެޕާޓްމަންޓަކުން 21 މީހުންނަށެވެ. އެ މީހުންނަށް ބޯހިޔާވެހިކަމުގެ އިތުރުން ކެއިންބުއިމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފަ އެވެ.
އަލިފާން ރޯވުމުގެ ރިޕޯޓް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔާ ސްޓޭޝަނަށް ލިބުމާއެކު، ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް 10 ވަރަކަށް މިނެޓު ތެރޭގައި އަލިފާން ނިއްވާލާފަ އެވެ. ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވެ އެވެ.
Comment