about 10 hours 0
about 10 hours 0
ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން އިސްކޮށް ތިބި ސިޓީތަކުން އެހީތެރިކަމަށް ނޭދޭހާ ހިނދަކު، އެ ސިޓީތަކުގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއަށް ވަދެނުގަތުމަށް ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓަރަމްޕް އަންގައިފި އެވެ.
ހޮނިހިރު ދުވަހު ނެރުއްވި މި އަމުރަކީ މިނިއަޕޮލިސް ސިޓީއަށް ބޯޑަ ޕެޓްރޯލް އަދި އިމިގްރޭޝަން އެޖެންޓުން ގިނަ އަދަދަކަށް ފޮނުވުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި، ފެޑެރަލް އެޖެންޓުންގެ އަތުން ދެ މީހަކު މަރުވުމާ ގުޅިގެން ނިންމި ނިންމުމެކެވެ.
ޓްރަމްޕްގެ 'ޓްރޫތް ސޯޝަލް' ޕްލެޓްފޯމްގައި ވިދާޅުވީ، ސިޓީތަކުން އެދިއްޖެ ހާލަތެއްގައި މެނުވީ މުޒާހަރާތަކުގައި ބައިވެރިނުވުމަށް ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯމްއަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް، ފެޑެރަލް ސަރުކާރުގެ އިމާރާތްތައް ދިފާއުކުރުމުގައި އެޖެންޓުން ވަރަށް ހަރުކަށިވާނެ ކަމަށާއި، އޮފިސަރުންނަށް ހަމަލާދީ އުޅަނދުފަހަރަށް ގެއްލުންދޭ މީހުންނަށް ބޮޑެތި އަދަބުތައް ލިބޭނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިނިއަޕޮލިސްގައި ކުރިއަށްގެންދާ އިމިގުރޭޝަން އޮޕަރޭޝަނަކީ އެމެރިކާގެ ތާރީހުގައިވެސް ހިންގާ މިފަދަ އެންމެ ބޮޑު އޮޕަރޭޝަނެވެ. މި އޮޕަރޭޝަންގެ ތެރޭގައި ޖެނުއަރީ މަހުގެ ކުރީކޮޅު ރެނޭ ގުޑް އަދި އަލެކްސް ޕްރެޓީ ނަމަކަށް ކިޔާ ދެމީހުން މަރުވުމާ ގުޅިގެން އާންމުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
އެޖެންޓުން ބުނާ ގޮތުގައި އެމީހުން ބަޑިޖެހީ ނުރައްކަލެއް ކުރިމަތިވުމުންނެވެ. ނަމަވެސް މަންޒަރު ދުށް މީހުންނާއި ވީޑިއޯތަކުން އެކަމާ މެދު ސުވާލު އުފެދެއެވެ.
މިނެސޯޓާގެ އެޓަނީ ޖެނެރަލް ކީތު އެލިސަން ވަނީ މި އޮޕަރޭޝަނަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް ފެޑެރަލް ފަނޑިޔާރަކު ނިންމެވީ މައްސަލަ ކުރިއަށް ދާއިރުވެސް އޮޕަރޭޝަންތައް ހުއްޓާލަން ނުޖެހޭނެ ކަމަށެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ޓްރަމްޕްގެ މި ފަހުގެ ނިންމުމަކީ މަސްލަހަތު ފިނިކުރުމަށް އެޅުއްވި ފިޔަވަޅެކެވެ. ނަމަވެސް، މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ ފެޑެރަލް އެޖެންޓުން އެ ސިޓީން އެއްކޮށް ބޭރުނުވަނީސް މުޒާހަރާތައް ނުހުއްޓޭނެ ކަމަށެވެ.ތޯ؟
Comment