about 12 hours 0
ޔޫ.އެސް.އެސް އަބްރަހަމް ލިންކަން އެއާކްރާފްޓް ކެރިއަރު 2019 ވަނަ އަހަރު ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަނީ
about 12 hours 0
މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، އެމެރިކާއިން އެ ސަރަހައްދަށް އަސްކަރީ މަނަވަރުތަކާއި ހަތިޔާރު ޖަމާކުރަމުންދާ ދަނޑިވަޅެއްގައި، އެމެރިކާއާއެކު މަޝްވަރާކުރުމަށް ބޭނުންވާ އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާކަމަށް އިރާނުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އިރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ އަލީ ލާރިޖާނީ ހޮނިހިރު ދުވަހު ވިދާޅުވީ، މީޑިއާތަކުން ދައްކަމުންދާ "ހަނގުރާމައިގެ ހާލަތުގެ" ބަދަލުގައި، މަޝްވަރާތަކަށް މަގުފަހިވާނެ އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އިރާނުން މަޝްވަރާކުރަން ބޭނުންވާކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އިރާނުން ނިއުކްލިއާ ޕްރޮގްރާމާ މެދު މަޝްވަރާކުރަން ދެކޮޅު ހަދާނަމަ، "ބޭނުންވެއްޖެ ހިނދެއްގައި ބާރުގެ ބޭނުންކުރަން" ތައްޔާރަށް އޮތް ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ.
މި ނުތަނަވަސްކަމުގެ ތެރޭގައި، ހޮރްމޫޒް ކަނޑުއޮޅީގައި އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ބާއްވަން އުޅޭ އަސްކަރީ ތަމްރީނުތަކާ ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ މިއަށް ރައްދު ދެއްވަމުން ވިދާޅުވީ، އަމިއްލަ ސަރަހައްދުގައި އީރާނުގެ ފައުޖުތަކުން އަމަލުކުރަންވީ ގޮތް ބުނެދިނުމުގެ ހައްގު ބޭރުގެ ބާރުތަކަށް ނޯންނާނެ ކަމަށާއި، ބޭރުގެ ފައުޖުތައް ސަރަހައްދުގައި ތިބުމަކީ މަސްރަހު އިތުރަށް ގޯސްވާ ކަމެއް ކަމަށެވެ.
މަސްރަހު ފިނިކުރުމުގެ ގޮތުން ގަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން ވަނީ ތެހެރާނަށް ވަޑައިގެން ލާރިޖާނީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ގަތަރުން ވަނީ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށްޓަކައި ޑިޕްލޮމެޓިކް ވަސީލަތްތައް ބޭނުންކޮށްގެން މައްސަލަތައް ހައްލުކުރުމަށް ބާރުއަޅާފައެވެ. އިރާނުން ބުނަމުންދަނީ އެމެރިކާއާއެކު މަޝްވަރާކުރަން ތައްޔާރަށް އޮތީ ޓްރަމްޕް ދެއްވަމުންދާ އިންޒާރުތައް ހުއްޓާލުމުން ކަމަށެވެ.
Comment