ބޯންމައުތުން މެޗުގެ ފަހު ވަގުތު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ގެޓީއިމޭޖަސް
މެންޗެސްޓާ (ޖެނުއަރީ 25) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އަތުން 2-0 އިން ކުރިހޯދައި، މެންޗެސްޓާ ސިޓީން ހަތަރު މެޗަށް ފަހު މޮޅެއް ހޯދިއިރު، ފަހު ވަގުތު ބޯންމައުތުން ޖެހި ގޯލާ އެކު އެ ޓީމުން 3-2 އިން ލިވަޕޫލް ބަލިކޮށްފި އެވެ.
ރޭގެ ނަތީޖާތަކަށް ފަހު، ސިޓީން ވަނީ އެއް ވަނައިގައި އޮތް އާސެނަލަށް ވުރެން އެއް މެޗު އިތުރަށް ކުޅެ، އެ ޓީމާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފަ އެވެ. އާސެނަލަށް 22 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް ވަނީ 23 މެޗުން 46 ޕޮއިންޓް ލިބިފަ އެެވެ. ތިން ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވަނީ 22 މެޗުން 43 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ލިވަޕޫލަށް 23 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ.
ބޯންމައުތުގެ ވައިޓާލިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުން ދެ ގޯލުގެ ލީޑެއްނެގި އެވެ. އެ ގޮތުން، 26 ވަނަ މިނިޓްގައި އެވަނިލްސަން ވަނީ ބޯންމައުތުގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ. އަދި، 33 ވަނަ މިނިޓްގައި، އަލެކްސް ޖިމެނޭޒް ބޯންމައުތަށް ދެ ވަނަ ލަނޑެއް ޖަހައިދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވާޖިލް ވެން ޑައިކް ވަނީ ލިވަޕޫލަށް ލަނޑެއް ޖަހައިދީ އުންމީދެއް ހޯދައިދީފަ އެވެ.
މެޗުގެ 80 ވަނަ މިނިޓްގައި ޑޮމިނިކް ސޮބޯސްލާއި ލިވަޕޫލަށް އެއްވަރުކޮށްދިންއިރު، މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި އަމީން އަދްލީ ޖެހި ގޯލުން ބޯންމައުތު ވަނީ މެޗުން މޮޅުވެ، ލިވަޕޫލުން ބަލިނުވެ ދަމަހައްޓަމުން އައި 13 މެޗުގެ ރެކޯޑަށް ނިމުން ގެނެސްފަ އެވެ. ލިވަޕޫލުން ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެފައިނުވެ އެވެ.
ހަތަރު މެޗަށް ފަހު ސިޓީން ލީގުގައި ހޯދި ފުރަތަމަ މޮޅުގައި ވެސް މި ފަހަރުގެ ޓްރާންސްފާގައި ބޯންމައުތުން އެ ޓީމާ ގުޅުނު އެންޓޮއިން ސެމެންޔޯ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މަޓެއުސް ނޫނޭޒް ދިން ބޯޅައަކުން ހަ ވަނަ މިނިޓްގައި އޮމަރު މާމޫޝް ވަނީ ސިޓީ އަށް ލީޑުނަގައިދީފަ އެވެ. އަދި، އިތުރު ވަގުތުގެ ތެރޭގައި ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ސެމެންޔޯ ވަނީ ސިޓީގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.
Comment