Advertisement

އެފްއޭ ކަޕް: ލިވަޕޫލް، ސިޓީ އަދި ނިއުކާސަލް ގަދަ 16 އަށް

15 ފެބުރުވަރީ 2026 - 09:58 0


އެފްއޭ ކަޕް: ލިވަޕޫލް، ސިޓީ އަދި ނިއުކާސަލް ގަދަ 16 އަށް

15 ފެބުރުވަރީ 2026 - 09:58 0

ލަންޑަން (ފެބްރުއަރީ 15) - އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ކުޅުނު މެޗުތަކުން މޮޅުވެ، ލިވަޕޫލާއި މެންޗެސްޓާ ސިޓީ އަދި ނިއުކާސަލް ޔުނައިޓެޑުން ގަދަ 16 ބުރުގެ ޖާގައެއް ޔަގީންކޮށްފި އެވެ.

ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން 3-0 އިން ބްރައިޓަން އަތުން މޮޅުވިއިރު، ސިޓީން ވަނީ 2-0 އިން ސަލްފޯޑް ސިޓީ ބަލިކޮށްފަ އެވެ. އަދި، އެސްޓަން ވިލާ ދަނޑުގައި ނިއުކާސަލް އިން ކުރިހޯދީ 3-1 އިންނެވެ.

ލިވަޕޫލުން ރޭގެ މެޗުގައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑުނެގީ މިލޯސް ކާކޭޒް ދިން ބޯޅައަކުން ކާޓިސް ޖޯންސް ޖެހި ލަނޑުންނެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި ޑޮމިނިކް ސޮބޯސްލާއި ވަނީ ލަނޑެއް ޖަހައި، ލިވަޕޫލްގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި، އޭގެ ފަހުން، މުހައްމަދު ސަލާހު ވަނީ ޕެނަލްޓީއެއް ހޯދައި، އޭގެއިން ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

ސިޓީން ރޭ ލީޑުނެގީ ސަލްފޯޑުގެ އަލްފީ ޑޮރިންޓަން އަތުން ބައިކޮޅަށް ފުރަތަމަ ހާފުގައި ވަން ގޯލުންނެވެ. އަދި، ދެ ވަނަ ހާފުގައި، ސިޓީން ދެ ވަނަ ލަނޑު ޖެހީ މެޗުގެ ފަހުކޮޅުގަ އެެވެ. މިއީ، ޖެނުއަރީ ޓްރާންސްފާގައި އެ ޓީމަށް ގެނައި އިނގިރޭސި ޑިފެންޑަރު މާކް ގޭހީ ޖެހި ގޯލެކެވެ.

ނިއުކާސަލް އިން ރޭގެ މެޗުން މޮޅުވިއިރު، މި މެޗުގައި ލީޑުނެގީ އެސްޓަން ވިލާ އިންނެވެ. ޓަމީ އަބްރަހަމްގެ ލަނޑުން ލީޑުނެގި ނަމަވެސް، ފުރަތަމަ ހާފުގައި އެސްޓަން ވިލާގެ ކީޕަރު، މާކް ބިޒޯ އަށް ރަތެއް ދެއްކުމުން އެ ޓީމުން މެޗުގެ ބާކީ ބައި ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނެވެ. ދެ ވަނަ ހާފުގައި އޭގެ ފައިދާނަގައި، ނިއުކާސަލް އިން ތިން ލަނޑު ޖެހި އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، ސަންޑްރޯ ޓޮނާލީ ދެ ގޯލާއި ނިކް ވޯލްޓަމާޑާ އެވެ.