19 ފެބުރުވަރީ 2026 - 06:07 1
19 ފެބުރުވަރީ 2026 - 06:07 1
ބާމިންހަމް (ފެބްރުއަރީ 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ލީގުގެ ފުލުގައި އޮތް ވުލްވްސް އިން ފަހަތުން އަރައި، ލީގުގެ އެއް ވަނައިގައި އޮތް އާސެނަލްއާ 2-2 އިން އެއްވަރުކޮށްފި އެވެ.
ރޭގެ މެޗުން މޮޅުވެ، ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު އޮތް އާސެނަލް މި ވަގުތު ކުރީގައި އޮތީ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެން އެއް މެޗު އިތުރަށް ކުޅެ، ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ.
އާސެނަލަށް 27 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 26 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެސްޓަން ވިލާ އަށް 26 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 26 މެޗުން 45 ޕޮއިންޓް ލިބިފައިވެ އެވެ.
ވުލްވްސްގެ މޮލިނެއުކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފަސް ވަނަ މިނިޓްގައި ޑެކްލަން ރައިސް ދިން ބޯޅައަކުން އާސެނަލަށް ލީޑުނަގައިދިނީ ބުކާޔޯ ސަކާ އެވެ. ދާދި ފަހުން އާސެނަލާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް އާ ކުރި ސަކާ ލަނޑެއް މި ޖެހީ 15 މެޗަށް ފަހު އެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެންް 11 މިނިޓް ތެރޭ އާސެނަލްގެ ޕިއޭރޯ ހިންކަޕިއޭ ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ، މެޗުގެ 56 ވަނަ މިނިޓްގައި ހިންކަޕިއޭ ޖެހި މި ލަނޑު ބަލައިގަތީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.
އާސެނަލުން ދެ ގޯލުގެ ލީޑެއް ނެގިތާ ފަސް މިނިޓް ތެރޭ، މެޗުގެ 61 ވަނަ މިނިޓްގައި ހޫގޯ ބުއޭނޯ އޭރިއާ ރޮނގުމަތިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލާ އެކު ވުލްވްސް އިން އުންމީދެއް ހޯދި އެވެ.
އިތުރު ވަގުތުގެ ހަތަރު ވަނަ މިިނިޓްގައި، އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ އާއި ޑިފެންޑަރު، ގަބްރިއެލް މަގާޅައެސް އަށް ވާހަކަ ނުދެއްކި ހެދުނު ގޯހެއްގެ ފައިދާނަގައި، ވުލްވްސްގެ ޓޮމް އިޑޯޒީ ޖެހި ޝޮޓް ގޯލަށް ވަނީ އާސެނަލްގެ ރިކާޑޯ ކަލަފިއޯރީ އަތުންް ބައިކޮޅަށެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު، ވުލްވްސް އަށް 27 މެޗުން ހަމަކުރެވުނީ 10 ޕޮއިންޓެވެ.
Comment