Advertisement

އެމްބާޕޭގެ ލަނޑުތަކުން މޮޅުވެ ރެއާލް އެއް ވަނަ އަށް

about 2 hours 0


އެމްބާޕޭގެ ލަނޑުތަކުން މޮޅުވެ ރެއާލް އެއް ވަނަ އަށް

about 2 hours 0

މެޑްރިޑް (ޖެނުއަރީ 25) - ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ޖެހި ދެ ގޯލުން 2-0 އިން ވިޔަރެއާލް އަތުން މޮޅުވެ، ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ރޭގެ މެޗުން ހޯދި މޮޅާ އެކު، ރެއާލުން ވަނީ ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެން އެއް މެޗު އިތުރަށް ކުޅެގެން ދެ ޕޮއިންޓުގެ ލީޑެއް އެއް ވަނައިގައި ނަގައިފަ އެވެ. ރެއާލަށް 21 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ އަށް ވަނީ 20 މެޗުން 49 ޕޮއިންޓް ލިބިފަ އެވެ. ރެއާލް އޮވިއޭޑޯ އަތުން މޮޅުވެގެން ބާސެލޯނާ އަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

ވިޔަރެއާލް ދަނޑުގައި ރޭ ވިހި ހާހަށް ވުރެން ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ރެއާލުން ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، ރޭގެ މެޗުގެ ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނިޓްގައި، އެމްބާޕޭ ވަނީ ރެއާލަށް ލީޑުނަގައިދީފަ އެވެ. މިއީ، ވިނީޝިއުސް ޖޫނިއާ ނެގި ހުރަހެއް ހުއްޓުވަން އުޅުުމުގެ ތެރޭގައި ވިޔަރެއާލް ފަހަތުން ލިބުނު ބޯޅައެއް ގޯލަށް ވައްދާލައިގެން އެމްބާޕޭ ޖެހި ގޯލެކެވެ.

މެޗުގެ ނަތީޖާ ވިޔަރެއާލަށް އެއްވަރުކޮށްދޭން 62 ވަނަ މިނިޓްގައި ޖެރާޑް މޮރޭނޯ އަށް ލިބުނު ފުރުސަތުގައި، ފޮނުވާލި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ. މިއީ ވިޔަރެއާލްގެ ޑަނީ ޕަރޭހޯ ހިލޭ ޖެހުމެއްގައި ކުޅުނު އަވަސް ކުޅުމަކަށް ފަހު ތަނަވަސްވި ފުރުސަތެކެވެ.

އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ރެއާލަށް ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު ޖެހީ ޕެނަލްޓީ އަކުން އެމްބާޕޭ އެވެ. މިއީ، އެމްބާޕޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މި މެޗުގައި ޖެހި ދެ ލަނޑާ އެކު އެމްބާޕޭ ވަނީ ލީގުގައި ކުޅުނު 19 މެޗުން 21 ލަނޑު ޖަހައިފަ އެވެ.