about 18 hours 0
އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް
about 18 hours 0
ކެނެޑާއިން ޗައިނާއާއެކު ވިޔަފާރީގެ އާ އެއްބަސްވުމެއް ކުރިއަށް ގެންގޮސްފިނަމަ، ކެނެޑާއިން އެމެރިކާއަށް އެތެރެކުރާ ހުރިހާ މުދަލަކުން 100 ޕަސެންޓު ޑިއުޓީ ނަގާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާއަށް ޗައިނާގެ އުފެއްދުންތައް ފޮނުވުމަށް ބޭނުންކުރާ "މުދާ ބާލާ ބަނދަރަކަށް" ކެނެޑާ ހެދިދާނެ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ކާނީ ގަބޫލުކުރައްވާނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ.
"ކެނެޑާއިން ޗައިނާއާއެކު އެއްބަސްވުމެއް ހަދައިފިނަމަ، އެމެރިކާއަށް އެތެރެކުރާ ކެނެޑާގެ ހުރިހާ މުދަލަކުން ވަގުތުން 100 ޕަސެންޓު ޓެރިފް ނަގަން ފަށާނަން،" ޓްރަމްޕް ލިޔުއްވާފައިވެއެވެ.
މި ޕޯސްޓުގައި ޓްރަމްޕް ވަނީކާނީއަށް "ގަވަރުނަރު" ގެ ނަމުން މުހާތަބު ކުރައްވާފައެވެ. މިއީ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ކާނީ ބޭންކް އޮފް އިންގްލެންޑާއި ބޭންކް އޮފް ކެނެޑާގެ ގަވަރުނަރުކަން ކުރައްވާފައިވާތީ ދެއްވި ނަމެއް ކަމަށް ބެލެވެއެވެ.
މި އިންޒާރު އައިސްފައިވަނީ ސްވިޒަލޭންޑްގެ ޑާވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގައި ކާނީ ދެއްވި ތަގުރީރާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
ކާނީގެ ތަގުރީރުގައި ވިދާޅުވެފައިވަނީ ދުނިޔެ މިހާރު އޮތީ "ބަދަލުވުމެއްގެ" ތެރެއަކު ނޫން ކަމަށާއި، އޮތީ ބޮޑު "ރޫޅުމެއްގެ" ތެރޭގައި ކަމަށެވެ. އަދި ބޮޑެތި ބާރުތަކުގެ ބިރު ދެއްކުންތަކާ ދެކޮޅަށް "މެދުފަންތީގެ ބާރުތަކުން" ގުޅުން ބަދަހިކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ޓްރަމްޕް ޑާވޯސްގައި ވިދާޅުވީ "ކެނެޑާ ދެމިއޮތީ އެމެރިކާގެ ސަބަބުން" ކަމަށެވެ. އަދި ޓްރަމްޕް ވަނީ އޭނާ އުފައްދާފައިވާ "ބޯޑް އޮފް ޕީސް" އަށް ކާނީއަށް ދީފައިވާ ދައުވަތުވެސް އަނބުރާ ގެންގޮސްފައެވެ.
މިދިޔަ އަހަރު ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ކެނެޑާގެ މުދަލުން ބޮޑެތި ޓެކްސްތައް ނަގާނެ ކަމުގެ އިންޒާރު ދެއްވަމުން ގެންދެވިއެވެ. މިކަމުގެ ސަބަބުން ބޮޑުވަޒީރު ކާނީ ވަނީ އެމެރިކާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި ޗައިނާ، ޔޫރަޕް އަދި ގަތަރު ފަދަ ގައުމުތަކާއެކު އިގުތިސާދީ ގުޅުން ބަދަހިކުރަން ފައްޓަވާފައެވެ.
މިދިޔަ ހަފުތާގައި ކެނެޑާއިން ވަނީ ޗައިނާއާއެކު "އާ ސްޓްރެޓީޖިކް ޕާޓްނާޝިޕް" އެއް އިއުލާނުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ޗައިނާއިން ކެނެޑާގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ނަގާ ޓެކްސް ކުޑަކުރާނެއެވެ. ބަދަލުގައި ކެނެޑާއިން ޗައިނާގެ 49,000 އިލެކްޓްރިކް އުޅަނދު އެގައުމުގެ ބާޒާރަށް އެތެރެކުރުމުގެ ހުއްދަ ދޭނެއެވެ.
ކާނީ ވިދާޅުވީ ޗައިނާއާއެކު އޮންނަ ގުޅުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށްވެސް ބޮޑެތި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް އެމެރިކާގެ އިންޒާރާއެކު، އުތުރު އެމެރިކާގެ މި ދެ އަވަށްޓެރި ގައުމުގެ ވިޔަފާރީގެ ކުރިމަގު މިހާރު އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
Comment