Advertisement

އިޒްރޭލުން ތިބީ އީރާނަށް ހަމަލާދޭން ފުރުސަތަކަށް ބަލަބަލާ: ތުރުކީ

about 2 hours 0

ތުރުކީގެ ފޮރިން މިނިސްޓަރު ހާކަން ފިދާން


އިޒްރޭލުން ތިބީ އީރާނަށް ހަމަލާދޭން ފުރުސަތަކަށް ބަލަބަލާ: ތުރުކީ

about 2 hours 0

އިޒްރޭލުން އީރާނަށް ހަމަލާއެއް ދިނުމަށްޓަކައި ފުރުސަތަކަށް ބަލަބަލާ ތިބިކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް ތުރުކީގެ ފޮރިން މިނިސްޓަރު ހާކަން ފިދާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ އެންޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ފިދާން ވިދާޅުވީ، އިޒްރޭލުން މިފަދަ ފިޔަވަޅެއް އަޅައިފިނަމަ މުޅި ސަރަހައްދުގެ ހަމަޖެހުން އިތުރަށް ގެއްލިގެންދާނެ ކަމަށާއި، އެމެރިކާއަށްވުރެ ބޮޑަށް އިޒްރޭލުން މި ފުރުސަތަށް ފާރަލަމުންދާ ކަމަށެވެ.

"އަހަރެން އުއްމީދު ކުރަނީ އެމީހުން (އިޒްރޭލް) ތަފާތު މަގެއް އިހުތިޔާރު ކުރާނެ ކަމަށް، ނަމަވެސް ހަގީގަތަކީ ހާއްސަކޮށް އިޒްރޭލުން މި އުޅެނީ އީރާނަށް ހަމަލާދޭނެ ފުރުސަތަކަށް ބަލަން،" ފިދާން ވިދާޅުވިއެވެ.

ފިދާން ވަނީ ދާދި ފަހުން އީރާނަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، "މިތުރަކު ބުނާނެ ހިތި ހަގީގަތްތައް" ކިޔައިދެއްވާފައިވާ ކަމަށް ވިދާޅުވެ، މި ނުރައްކާތެރި ހާލަތުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ.

މިކަމާ ގުޅިގެން އީރާނުގެ އިސް އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވީ، ދެވޭ ހަމަލާއަކީ ކިތަންމެ ކުޑަ ހަމަލާއެއް ކަމުގައި ވިޔަސް، އެ ގައުމުން އެކަން ބަލާނީ "ސީދާ ހަނގުރާމައެއް"ގެ ގޮތުގައި ކަމަށެވެ. އަދި އީރާނުގެ އަސްކަރިއްޔާ އޮތީ އެންމެ ގޯސް ހާލަތަށް ތައްޔާރުވެގެން ކަމަށާއި، ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްރަހު މިހާ ބޮޑަށް ގޯސްވެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޮޑު ފްލީޓެއް ގަލްފް ސަރަހައްދަށް ފޮނުވިކަން އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ "ޔޫ.އެސް.އެސް އަބްރަހަމް ލިންކަން" މަތިންދާ ބޯޓު އުފުލާ މަނަވަރު މިހާރު ދަނީ މެދުއިރުމައްޗަށް މިސްރާބު ޖަހަމުންނެވެ. މީގެ ކުރިން 2024 ވަނަ އަހަރު ވެސް އިޒްރޭލުން އީރާނަށް ދިން 12 ދުވަހުގެ ހަނގުރާމައިގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަނީ ބޭނުންކޮށްފައެވެ.