Advertisement

ކާޓޫނުގެ މައްސަލަ: ނޫސްވެރިންނަށް ހުރަސް އެޅުން ހުއްޓާލަން އާޒިމް ގޮވާލައިފި

މާލޭ މޭޔަރު އާދަމް އާޒިމް -- ފޮޓޯ: ރައީސް އޮފީސް


ކާޓޫނުގެ މައްސަލަ: ނޫސްވެރިންނަށް ހުރަސް އެޅުން ހުއްޓާލަން އާޒިމް ގޮވާލައިފި

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ކުރާ ކަންކަން ހުއްޓާލަންޖެހޭ ކަމަށާއި، ޖަވާބުދާރީކުރުވުމުގެ ނިޒާމު ހަރުދަނާވަނީ މިނިވަން ނޫސްވެރިކަމެއް އޮވެގެން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ "އަދަދު" ނޫހުގެ ފޭސްބުކް އަދި އެކްސް އެކައުންޓުން ޝާއިރުކުރި ކާޓޫނެއް ނެގުމަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގުމާ ގުޅިގެން ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ.

އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ، ނޫސްވެރިންނަށް ހުރަސްއެޅުން ހުއްޓާލަންޖެހޭ ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޖަވާބުދާރީކުރުވުމުގެ އެންމެ މުހިންމު އަސާސް ކަމަށެވެ.

ދައުލަތުގެ ނިޒާމުގެ ތެރޭގައި "ޗެކް އެންޑް ބެލެންސް" ނުވަތަ އެކަކު އަނެކަކު ފާރަވެރިވެ ޖަވާބުދާރީކުރުވޭނެ މަގެއް ނެތް ނަމަ، ގޯސް އާދަތައް އާންމުވެ، މުޅި ނިޒާމު ފަސާދަވެގެން ހިނގައިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ރާއްޖޭގައި ވައްކަމާއި ރިޝްވަތުގެ ވަބާ ބޮޑުވެފައިވާ މަންޒަރު ސިފަކޮށް ދިނުމަށް ކުރަހާފައިވާ ކާޓޫނު ނެގުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާފައި ވާތީ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެ އެވެ.

އެ "ކާޓޫނު އެއްގޮތަކަށް ވެސް ނަގާކަށް ނުޖެހޭ" ކަމަށް އެމްޖޭއޭގެ ރައީސް އަހުމަދު ނާއިފު ވިދާޅުވި އެވެ. އަދި މައްސަލަ ބަލާނެ އުސޫލެއް އެކުލަވާނުލައި ކާޓޫނު ނެގުމަށް ނޭންގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދަދު ނޫހުގެ ސިޔާސީ ކާޓުން ނަމާދަށް ފުރައްސާރައެއް ނުކުރާ ކަމަށާއި އެފަދަ ކާޓޫނުތަކާ ގުޅިގެން އަމިއްލަ މާނައެއް އީޖާދުކޮށްގެން ފިޔަވަޅު އަޅުމަކީ ޑިކްޓޭޓަރުންގެ ސިފައެއް ކަމަށް، ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރު އިލްޔާސް ހުސައިން އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.