about 3 hours 0
ލީވާން އަލީ ނާސިރު
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް: ސަރުކާރަށް ނޫނެކޭ ބުނެ ތިލަފަތަށް ވޯޓު ދެއްވުމަށް މޭޔަރު ގޮވާލެއްވި
about 3 hours 0
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ސަރުކާރަށް ނޫނެކޭ ބުނެ، ތިލަފަތަށް ވޯޓު ދޭން މިއީ ރަނގަޅު ފުރުސަތެއް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި އާޒިމް ވިދާޅުވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް މިފަހަރު ވޯޓު ދީފިނަމަ އެ ބުނެވެނީ ސަރުކާރުން ކުރާ ގޯސް ކަންކަން ރަނގަޅު ކަމަށާއި އޭގެ ބަދަލުގައި ތިލަފަތަށް ވޯޓު ދިނުމަށް މިއީ ރަނގަޅު ފުރުސަތެއް ކަމަށެވެ.
"އަޅުގަނޑު ރައްޔިތުންނަށް ދަންނަވާލަން އޮތް ވާހަކައަކީ ތިބޭފުޅުން މިފަހަރު ރަނގަޅަށް ވިސްނަވައްޗޭ. ތިބޭފުޅުން މި ސަރުކާރުގެ އެންމެ ކެންޑިޑޭޓަކަށް ވެސް ރަނގަޅު ފާހަނގަ ޖައްސަވައިފިއްޔާ ތިބުނަނީ އެމީހުން ރަނގަޅަށޭ ކަންތައް ކުރަނީ. އަޅުގަނޑުމެން ވިސްނާފައި އެމްޑީޕީގެ މެންބަރުންގެ ދިމާލަށް، ތިލަފަތާ ދިމާލަށް އަނެއްކާ ފާހަނގަ ޖަހަންވީ ވަގުތު މިއޮތީ އައިސްފައި،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ޕީއެންސީއަށް ވެރިކަން ދީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދިނުމުން ވެސް އެއްވެސް ކަމެއް ނުކުރެވޭ ތަނުގައި ރައްޔިތުންނަށް ކުރަނީ ޖެއްސުން ކަމަށެވެ. ވޯޓު ކަރުދާހުގައި ޖަހާ ރަނގަޅު ފާހަނގައަކީ ބާރުގަދަ ފާހަނގައެއް ކަމުން އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް މޭޔަރު އެދިލެއްވި އެވެ.
މިގޮތުން ވޯޓު ކަރުދާހުގައި ޖަހާ ފާހަނގައަކީ މުޅި ގައުމުގެ ރައްޔިތުންނާއި ދަރިންގެ ދަރިންގެ މުސްތަގުބަލު އޭގެ މައްޗަށް ބިނާވެފައި އޮތް ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ އެ ފާހަނގަ ނުބައި ތަނެއްގައި ޖަހައިފިނަމަ، މުޅި މުސްތަގުބަލު ހަލާކުވެގެންދާނެ ކަމަށެވެ.
"މިއޮތީ ބުނަން ތިބޭފުޅުންނަށް ދީފީމޭ ވަގުތު. ރަނގަޅެއް ނުކުރެވުނޭ. އެއްކަމެއް ވެސް ނުކުރެވުނޭ. އެހެންނަމަވެސް ތިމަންނަމެން ދެން ތި ފުރުސަަތެއް ނުދޭނަމޭ ބުނަން އޮތް ފުރުސަތު މިއޮތީ. އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މި ޖަހާ ފާހަނގައަކީ ވަރަށް ބާރުގަދަ ފާހަނގައެއްކަން. އަޅުގަނޑުމެން މި ޖަހާ ރަނގަޅު ފާހަނގައަކީ ވަރަށް ބާރުގަދަ ފާހަނގައެއްކަން،" އާއާޒިމް ވިދާޅުވި އެވެ.
"އެ ފާހަނގަކަން ތިބޭފުޅުންގެ މުސްތަގުބަލު ބިނާކުރަނީ. އެންމެ މީހަކު ޖަހާ އެ ފާހަނގައަކީ ވަރަށް ވަރުގަދަ ފާހަނގައެއް. އެއީ މުޅި ގައުމުގެ ހުރިހާ ރައްޔިތުންގެ، ތިބޭފުޅުންގެ ދަރިންގެ، ދަރިންގެ މުސްތަގުބަލު. އެއަށް ބިނާވާ ފާހަނގަ. އެ ފާހަނގަ ނުބައި ތާކު ޖަހައިފި ކަމަށްވަންޏާމުން ތިބޭފުޅުންގެ މުޅި މުސްތަގުބަލު ހަލާކުވެގެން އެބަދޭ. އެހާ ބާރުގަދަ ފާހަނގައެއް އެއީ."
މީގެއިތުރުން މުހައްމަދު މުއިއްޒުއަކީ ދޮގު ހެއްދެވުމަށް ކުޅަދާނަ މީހެއްކަން ސިފަކުރައްވައި އާޒިމް ވިދާޅުވީ މުއިއްޒު ކުޅަދާނައީ ވެސް ހަމައެކަނި އެކަން ކުރައްވަން ކަމަށެވެ. މިގޮތުން ވެރިކަމަށް ވަޑައިގެންނެވީ ވެސް އޮޅުވާލައިގެން ކަމަށާއި ވެރިކަމަށް ވަޑައިގަތުމަށްފަހު ވެސް ދޮގު ހައްދަވަމުންދާ ކަމަށް މެޔަރު ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެނިގެން މިދަނީ ވަރަށް ކުޅަދާނަ މީހެއް. އެންމެ ކަމަކަށް ކުޅަދާނަ މީހެއް. ދޮގު ހެދުމަށް މިހާ ކުޅަދާނަ މީހެއް އަޅުގަނޑު ހަޔާތުގައި ނުދެކެން. ދޮގުހެދުމަށް މިހާ ކުޅަދާނަ މީހެއް. މި ނޫން ކަމަކަށް މީނަ ކުޅަދާނައެއް ނޫން. އެހަރަ ހަދާލާ ދޮގުތައް. ހުރިހާ ދޮގެއް ހަދައިގެން އަޅުގަނޑުމެން ރައްޔިތުންނަށް އޮޅުވާލައިގެން މިއަދު ވެރިކަމަށް އައިސް އަދިވެސް ދޮގު ހެދޭތޯ ބަލަނީ،" އާޒިމް ވިދާޅުވި އެވެ.
އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މޭޔަރު ކަމަށް ވާދަކުރެއްވުމަށް އާޒިމް ވަނީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވުމާ ގުޅިގެން މާލޭގެ މޭޔަރުކަމުން މުއިއްޒު ވަކިވެވަޑައިގަތުމުން ބޭއްވި އިންތިހާބު އާޒިމް ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝުކުރާ ވާދަކުރައްވައިގެންނެވެ. މިގޮތުން އާޒިމް މޭޔަރުކަމުގައި މިހާތަނަށް ހޭދަކުރެއްވީ ދެ އަހަރެވެ.
Comment