Advertisement

ދަތެއް ހަލާކުވުމުން ހަކުރުގެ މައްސަލަ އިތުރުވޭ

22 ޖަނަވަރީ 2026 - 13:23 0


ދަތެއް ހަލާކުވުމުން ހަކުރުގެ މައްސަލަ އިތުރުވޭ

22 ޖަނަވަރީ 2026 - 13:23 0

ދަތެއް ފަނިކެއުމުން ނުވަތަ ދަތެއްގެ މޫގަނޑަށް (ރޫޓް) މައްސަލައެއް ޖެހުމަކީ، ހަމައެކަނި ދަތާ ގުޅިފައިވާ ކަމެއް ނޫނެވެ. އެކަމާ ގުޅިފައިވާ ސިއްހީ އެހެން މައްސަލަތައް ވެސް މަދެއް ނޫނެވެ. ހާއްސަކޮށް ހަކުރު ބަލީގެ މީހުންނަށް، އެކަމުގެ ނުރައްކާ ބޮޑެވެ. ދާދި ފަހުން ކުރި ދިރާސާއަކުން އެނގިފައިވާ ގޮތުގައި ދަތުގެ އަޑީ ބަޔަށް ސިއްހީ މައްސަލައެއް ކުރިމަތިވެފައިވާ ނަމަ، އެމީހެއްގެ ލޭގައި ހަކުރު އެކުލެވޭ ނިސްބަތަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.

ދަތެއްގައި ރިއްސުމަކީ ހަމައެކަނި އަނގައިގެ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެއް ކަމަށް ގަބޫލުކުރެވިފައި އޮތަސް ވެސް، މިއީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެކެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ދަތުގެ އަޑީ ބައިގައި އުފެދިފައިވާ ޒަމާންވީ ފާރުގަނޑަކަށް (ރޫޓް ކެނަލްއަށް) ފަރުވާ ކުރުމުން، ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލްކުރުމަށް އެހީވެދެއެވެ.

މިއިން އެނގެނީ، ދަތުގެ ރޫޓް ކެނެލްގައި ފާރު އުފެދި އެކަން ބޭރަށް ފައުޅުނުވެ ހުންނަ މުއްދަތުގައި، ލޭގައި ހަކުރު އެކުލެވޭ ނިސްބަތަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނަމަވެސް، އެ ބަދަލުތައް އަންނަނީ ކީއްވެގެންކަން ގިނަ ފަހަރަށް އޮންނަނީ ނޭނގުމެއްގެ ތެރޭގައެވެ. މި ފަހުން ކުރި ދިރާސާއިން އެނގުނު ގޮތުގައި، ދަތުގެ ރޫޓް ކެނެލްއަށް ދިމާވެފައިވާ މައްސަލައަށް ފަރުވާ ކުރުމަކީ، ލޭގެ ޕްރެޝަރު މައްޗަށް ދިއުމުގެ ސަބަބުން އެތެރެހަށީގައި އުފެދިފައި ހުންނަ ދުޅަތައް، އެ ފަރުވާ ކުރާތާ ދެ އަހަރުގެ ތެރޭގައި ފިލައިގެންދާ ކަމެކެވެ.

އެހެންކަމުން، ދަތުގެ ދުޅަހެޔޮކަމަށް ކުރިމަތިވާ ސިއްހީ މައްސަލަތަކަކީ މުޅި ހަށިގަނޑަށް ކުރިމަތިވާ ސިއްހީ މައްސަލައަކަށްވާ ފަދައިން، ދަތަށް ކުރާ ފަރުވާއިން މުޅި ހަށިގަނޑަށް މަންފާ ކުރާކަން ވަނީ ސާބިތުވެފައެވެ. އެކަމުގެ ހެއްކަކީ ހަށިގަނޑުގައި ހަކަތަ އުފައްދައިދޭ ނިޒާމުގައި މައްސަލަ ޖެހިގެން ފަރުވާ ހޯދާ ގިނަ މީހުންނަކީ، ދަތުގެ މޫގަނޑުގެ ކޮޅުގެ ވަށައިގެންވާ ޓިޝޫތަކުގައި އިންފެކްޝަން (apical periodontitis) އުފެދިފައިވާ މީހުންނަށް ވާކަމެވެ.

މި ހާލަތު ދިމާވިޔަސް ވަރަށް މަދު ފަހަރެއްގައި މެނުވީ ދަތުގައި ނުރިއްސާތީ، ދަތަށް އެ މައްސަލަ ކުރިމަތިވެފައިވާ ކަން ގިނަ ފަހަރަށް ނުވެސް އެނގެއެވެ. އެކަން އެނގެނީ އަނގައިގެ ކޮންމެވެސް އެހެން ކަމެއްގައި އަނގައިގެ އެކްސްރޭއެއް ނެގުމުންނެވެ.

އެފަދަ ހާލަތުގައި ތިބޭ މީހުންނަށް ފަރުވާ ކުރުމުގެ ކުރިންނާއި ފަރުވާގެ ފަހުގައި ލޭގެ ޓެސްޓުތައް ހެދުމުން، ދަތުގެ ފަރުވާއަށް ފަހުގައި ލޭގައި ހަކުރު އެކުލެވޭ މިންވަރަށް އަންނަ ބަދަލު ފާހަގަކުރެވެއެވެ. ދަތުގެ މޫގަނޑުގެ ބުޑުގެ ވަށައިގެން ހަލާކުވެފައި ހުރި ޓިޝޫތައް ނެގުމުން، އެކަމުގެ ސިއްހީ ފައިދާތައް އަނގައިގެ އިތުރުން މުޅި ހަށިގަނޑުން ވެސް ފާހަގަވެއެވެ.

ދަތުގެ ބުޑުގައިވާ ޓިޝޫތަކުގައި ފާރުކޮޅެއް އުފެދި ބެކްޓީރިއާތައް ފެތުރިގަންނަން ފެށުމާއެކު، އެކަން ރަނގަޅު ކުރުމަށްޓަކައި ހަށިގަނޑުގެ ދިފާއީ ނިޒާމު ހަރަކާތްތެރިވާން ފަށައެވެ. އެ ފާރުކޮޅު ފަސޭހަ ނުވެ ދިގު މުއްދަތަކަށް ހުންނަ ނަމަ، އެ ތަނުގައި އާދައިގެ ދުޅައެއް އުފެދެން ފަށައެވެ. މިހާލަތުގައި އެ ދުޅަ ތިރިނުވެއްޖެ ނަމަ، ހަށިގަނޑުގެ ދިފާއީ ނިޒާމުގެ މަސައްކަތް އެ ގޮތުގައި ދެމިހުރެއެވެ.

މި ގޮތުން އުފެދޭ ދުޅައިގެ އަސަރު ލޭގެ ތެރެއަށް ކުރުމުން ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް އޭގެ އަސަރު ކުރަން ފަށައެވެ. އަދި ދިގު މުއްދަތަކަށް ހަށިގަނޑުގައި ދުޅައެއް ހުންނަ ނަމަ، ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލް ކުރުމުގެ ނިޒާމަށް ބުރޫއަރައެވެ. މިހެންވުމުން، ލޭގައި އެކުލެވޭ ބޭކާރު ހަކުރުގެ ބައިތައް ލެއިން ވަކިކުރުމުގައި ސެލްތަކަށް އެތައް އުނދަގޫތަކެއް ކުރިމަތިވެ، ލޭގައި ހަކުރުގެ މިންވަރު އިތުރުވާ ގޮތް ވެއެވެ.