Advertisement

އެޗްޑީސީގެ އުސޫލަށް ބަދަލު ގެނެސް މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭ ގޮތް ފަސޭހަކޮށްފި

ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ އިމާރާތް -- ފޮޓޯ: އަދަދު


އެޗްޑީސީގެ އުސޫލަށް ބަދަލު ގެނެސް މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭ ގޮތް ފަސޭހަކޮށްފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ރިޑަންޑެންސީ ޕޮލިސީއަށް ބަދަލު ގެނެސް އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުން ފަސޭހައިން ވަޒީފާއިން ވަކިކުރެވޭ ގޮތް ހަދައިފި އެވެ.

އެޗްޑީސީގެ ބޯޑުން މި މަހު 11، ގައި ނެރުނު މެމޯއެއްގައި ބުނީ ކުންފުނީގެ ރިޑަންޑެންސީ ޕޮލިސީގެ 1.1 ވަނަ މާއްދާއަށް ބަދަލު ގެންނަން ބޯޑުން ނިންމާފައިވާ ކަމަށާއި އެ ނިންމުމާ އެއްގޮތަށް އަމަލު ކުރަން ފެށީ މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އެޗްޑީސީގެ ބޯޑުން ގެނައި ބަދަލާއެކު މަސައްކަތްތައް ތަރުތީބު ކުރުމަށްޓަކައި އެ ކުންފުނީގެ އޮޕަރޭޝަނަލް އޮނިގަނޑަށް ގެންނަ ބަދަލަކާ ގުޅިގެންނާއި މުވައްޒަފަކު މަސައްކަތް ކުރަމުންދާ ޑިޕާޓުމެންޓެއް އުވައިލައިފި ނަމަ ނުވަތަ އުވައިލަން ނިންމައިފި ނަމަ، އެ ތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުން ވަކި ކުރުމުގެ ބާރު ކުންފުންޏަށް ލިބެ އެވެ.

އޭގެ އިތުރުން، މުވައްޒަފަކު ވަޒީފާއަށް ނަގާއިރު، ވަކި މަސައްކަތެއް ކުރުމަށްޓަކައި އެ މީހެއްގެ ގައިގައި ހުންނަ ޝަރުތު އުނިވެއްޖެ ނަމަ، ނުވަތަ އުނިވެދާނެ ކަމަށް ފެންނަ ނަމަވެސް އެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގެ ބާރު ކުންފުންޏަށް ލިބެ އެވެ.

ކުންފުނި ހިންގުމަށް ގެންނަ ބަދަލާ ގުޅިގެން ވަކި މަސައްކަތަކީ ކުންފުންޏަށް ބޭނުންތެރި މަސައްކަތެއް ނޫން ކަމަށް ފެނިއްޖެ ހިނދެއްގައި އާއި ގައުމުގެ އިގުތިސާދަށް ނުވަތަ ކުންފުނީގެ މާލީ ހާލަތަށް އަންނަ ހީނަރުކަމަކާ ގުޅިގެން ވެސް މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގެ ބާރު އުސޫލަށް ގެނައި ބަދަލުން ލިބެ އެވެ.

އެކަމާ ގުޅޭގޮތުން އަދަދު އާ ވާހަކަދެއްކި އެ ކުންފުނީގެ އޮފިޝަލެއް ބުނީ އެ ބަދަލު ގެނެސްފައި ވަނީ ކަނޑާލަން ބޭނުންވި ނަމަވެސް އުސޫލު އޮތް ގޮތުން ފިޔަވަޅު ނޭޅިފައި ތިބި ބައެއް މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގެ މަގުސަދުގައި ކަމަށެވެ.

"މުވައްޒަފުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައި، ކުންފުނިން ބޭނުންވާއިރަށް ބޭނުން ބަދަލެއް ސްޓްރަކްޗާއަށް ޕޮޒިޝަންތަކަށް ބަދަލު ގެނެސް ބޭނުން މީހަކު ރިޑަންޑަންޓް ކޮށްލަންވީ، މިހާރު ވެސް އަޑު އިވެނީ ބައެއް ބަދަލުތައް ގެންނަން އުޅޭ ކަމަށް،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި އެ ކުންފުނީގެ މުވައްޒަފަކު ބުންޏެވެ.

އޭނާގެ އިތުރުން މި ނޫހާ ވާހަކަދެއްކި އެޗްޑީސީގެ އެހެން މުވައްޒަފަކު ބުނީ މި ބަދަލު ގެނެސްފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މުވައްޒަފުންނަށް ބިރުދެއްކުމަށް ކަމަށެވެ.

އެޗްޑީސީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މީގެ ކުރިން އެންމެ ބޮޑު ފައިދާއެއް ވަމުން އައި އެއް ކުންފުންޏެވެ. ނަމަވެސް، މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ 109 މިލިއަން ރުފިޔާގެ ގެއްލުންވެފަ އެވެ. މިއީ އެ އެޗްޑީސީގެ ތާރީހުގައި ވެސް އެ ކުންފުންޏަށް ގެއްލުންވި ފުރަތަމަ ފަހަރެވެ.