Advertisement

މެޓްފޯމިން އަކީ ދެމިގެންދާ ކޮވިޑުން ސަލާމަތްކޮށްދީފާނެ ބޭހެއް

about 2 hours 0


މެޓްފޯމިން އަކީ ދެމިގެންދާ ކޮވިޑުން ސަލާމަތްކޮށްދީފާނެ ބޭހެއް

about 2 hours 0

ދެމިގެންދާ ކޮވިޑްގެ ހާލަތަށް ފަރުވާ ކުރުމަށް މިހާތަނަށް ވަކި ހާއްސަ ފަރުވާއެއް އީޖާދުކުރެވިފައެއް ނެތެވެ. ނަމަވެސް ޓައިޕްގެ ދޭއްގެ ހަކުރު ބަލި މީހުން އާންމުކޮށް ބޭނުންކުރާ ބޭހެއް ކަމަށްވާ މެޓަފޯމިން ބޭނުންކުރުމުން، ދެމިގެންދާ ކޮވިޑްގެ ހާލަތުން ސަލާމަތް ވެވިދާނެ ކަމަށް ސައެންސްވެރިންގެ ދިރާސާއަކުން ދައްކައިފިއެވެ.

ދެމިގެންދާ ކޮވިޑް (Long COVID)ގެ ގޮތުގައި މާނަކުރަނީ، ކޮވިޑް-19ގެ ޖެހިގެން ފަރުވާ ކުރުމުން ހަށިގަނޑުން އެ ބަލީގެ އަސަރުތައް ފިލައިގެން ދިޔުމަށް ފަހުގައިވެސް، ގިނަ ދުވަސްތަކެއް ނުވަތަ ދިގު މުއްދަތެއް ވަންދެން އެ ބަލީގެ އަލާމާތްތައް ފާޅުވާ ހާލަތަށެވެ. ދިގު މުއްދަތަށް ހުންނަ ކޮވިޑްގެ އުނދަގޫތަކުގެ ތެރޭގައި ވަރުބަލިވުން، ނޭވާލާ ނިޒާމުގެ އުނދަގޫތައް އަދި ނާރުތަކުގެ ނިޒާމުގައި މައްސަލަ ޖެހުން ހިމެނެއެވެ.

ކްލިނިކަލް އިންފެކްޝަސް ޑިޒީސަސް ކިޔާ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން ކޮވިޑް-19 ޖައްސާ ވައިރަސް (SARS-CoV-2 virus) ހަށިގަނޑަށް އެރުމާއެކު، ނުވަތަ އެ ވައިރަސް ހަށިގަނޑަށް އަރާތާ ކުރީކޮޅު، މެޓްފޯމިން ބޭނުންކުރުމުން ދެމިގެންދާ ކޮވިޑް ޖެހުމުން ދުރުކޮށްދެއެވެ. ޔުނިވަސިޓީ އޮފް މިނެސޮޓާގެ ސައިންސްވެރިން މި ދިރާސާ ހަދާފައިވަނީ، ދެމިގެންދާ ކޮވިޑްގެ ހާލަތަށް މެޓްފޯމިން އިން އަސަރުކުރާ މިންވަރު ބެލުމަށް ލެބޯޓެރީގައި ކޮށްފައިވާ އަޖުމަބެލުމު މަސައްކަތްތަކުގެ މައުލޫމާތުތައް ތަހުލީލުކޮށްގެންނެވެ.

މި ދިރާސާގެ އިސް ޕްރޮފެސަރު ކެރޮލީން ބްރަމަންޓް ވިދާޅުވާ ގޮތުގައި ދެމިގެންދާ ކޮވިޑްގެ ސަބަބުން ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކަށް ސިއްހީ އެތައް އުނދަގޫތަކެއް ކުރިމަތިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރުގެ ކުރިންނާއި އޭގެ ފަހުން ހެދި ދިރާސާތަކުން ވެސް، އިންސާނާގެ ހަށިގަނޑަށް މެޓްފޯމިންގެ އަސަރު ފެތުރިގެންދާ ގޮތުން، އެތައް ބައްޔެއްގެ ވައިރަސްތަކުގެ އަސަރު ކުޑަކޮށްދެއެވެ. އެ ގޮތުން ކޮވިޑް ވައިރަހުގެ އަސަރު ވެސް ކުޑަކޮށްދެއެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުން، ކޮވިޑް-19 ޖެހޭތާ 14 ދުވަސް ތެރޭގައި މެޓްފޯމިން ބޭނުންކުރާ މީހުންގެ ކޮންމެ 50 މީހަކުން އެކަކު، ދެމިގެންދާ ކޮވިޑް ނުޖެހި ސަލާމަތްވެއެވެ. އެހެންކަމުން، ކޮވިޑް ވައިރަހުގެ އަސަރު ހަށިގަނޑަށް ފޯރުމާއެކު މެޓްފޯމިން ބޭނުންކޮށްފިއްޔާ، މިހާރު ކޮވިޑް ޖެހޭ ގިނަ މީހުންނަށް، ދެމިގެންދާ ކޮވިޑް ޖެހުމުގެ ފުރުސަތު ވަރަށް ކުޑަވާނެ ކަމަށް މި ދިރާސާގައި ބުނެފައިވެއެވެ.

ސައެންސްވެރިން ބުނާ ގޮތުގައި މެޓްފޯމިންއަކީ ސީދާ ވައިރަސް ނައްތައިލަން އުފައްދާފައިވާ ބޭހަކަށް ނުވިޔަސް، މެޓްފޯމިން ބޭނުންކުރުމުން، ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ތެރޭގައި މި ބޭހުން އަދާކުރާ ދައުރުގެ ސަބަބުން، ހަށިގަނޑުގައި ވައިރަސް އެކުލެވޭ މިންވަރު މަދުކުރުމަށް އެހީވެދެއެވެ. މި ބޭސް ބޭނުންކުރުމުގެ އަނެއް ފައިދާއަކީ، މެޓްފޯމިން ބޭނުންކުރިޔަސް، ލޭގައި ހަކުރު އެކުލެވޭ މިންވަރު ދަށަށް ނުދިޔުމާއި ސީރިއަސް ސައިޑް އިފެކްޓެއް ކުރިމަތިނުވުމެވެ.

އެހެންކަމުން، ކޮވިޑް-19 ޖެހުމުން މިހާރު އާންމުކޮށް ބޭނުންކުރާ ބޭސްތަކާ އެކުގައި ވެސް، އަދި އެ ބޭސްތަކާ ނުލައި ހަމައެކަނި މެޓްފޯމިން ވެސް ބޭނުންކުރެވިދާނެ ކަމަށް ސައެންސްވެރިން ބުނެއެވެ.