މާސޭ، ފްރާންސް (ޖެނުއަރީ 21) - ލިވަޕޫލްގެ މިސްރު ތަރި، މުހައްމަދު ސަލާހު އާއި އޭނާއާ ދެމެދު މީޑިއާ އިން ސިފަކުރާ ގޮތަށް މައްސަލައެއް ނެތް ކަމަށާއި ސަލާހަކީ ލިވަޕޫލްގެ މުހިންމު ކުޅުންތެރިއެއް ކަމަށް އެ ޓީމުގެ ކޯޗު އާނާ ސްލޮޓް ބުނެފި އެވެ.
މިދިޔަ މަހު ލިވަޕޫލުން ލީޑްސް ޔުނައިޓެޑާ 3-3 އިން އެއްވަރުވި މެޗަށް ފަހު، ސަލާހު، ވަނީ ސްލޮޓަށް ވަރަށް ބޮޑަށް ފާޑުކިޔައި އިންޓަވިއުއެއް ދީފަ އެވެ. އެ މައްސަލައިގެ ސަބަބުން ލިވަޕޫލުން ޗެމްޕިއަންސް ލީގުގައި އިންޓަ މިލާން އަތުން 1-0 އިން މޮޅުވި މެޗުގެ ސްކޮޑުގައި ސަލާހު ނުހިމަނަ އެވެ. އަދި، އެފްރިކަން ކަޕްގައި ކުޅެން މިސްރު ޓީމަށް ދިއުމުގެ ކުރިން ލިވަޕޫލަށް ކުޅެދިން ފަހު މެޗުގައި ބްރައިޓަންއާ ދެކޮޅަށް ސަލާހު ކުޅެން އެރީ ބަދަލަކަށެވެ.
އެފްރިކަން ކަޕްގެ ސެމީ ފައިނަލާއި ތިން ވަނަ ހޮވާ މެޗުން މިސްރު ބަލިވިއިރު، ކުރު ބްރޭކެއް ނެގުމަށް ފަހު، ސަލާހު ވަނީ ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން މިރޭ ރަށުންބޭރުގައި މާސޭއާ ކުޅޭ މެޗުގެ ސްކޮޑުގައި ހިމަނައިފަ އެވެ. އެ މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ސްލޮޓް ބުނެފައިވަނީ، ސަލާހާ ދެމެދު މައްސަލަތަކެއް ނެތް ކަމަށެވެ.
"ވަގުތުތަކެއް ދިޔަ މި ސީޒަން ތެރެއިން އަހަރެން ސަލާހު ނުކުޅުވަން ނިންމި، އަދި އެއް ވަގުތެއް ދިޔަ މެޗެއްގެ ސްކޮޑަށް ވެސް އަހަރެން އޭނަ ނުނަގަން ނިންމި. ދެން، ކުޅުނު ހުރިހާ މެޗެއްގައި އޭނާ ޓީމުގައި ހިމެނި ފުރަތަމަ އެގާރައިގައި ކުޅުނު، ދެން، އެއް މެޗެއްގައި ބަދަލަކަށް ވެސް އެރި. އެ ހުރިހާ ފަަހަރުތަކެއްގައި ވެސް އަހަންނަށް މައްސަލައެއް އޮތް ކަަމަކަށް ނުފެނޭ،" ސްލޮޓް ބުންޏެވެ.
ސަލާހު ނެތި ލިވަޕޫލުން ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާ ނަމަވެސް މޮޅުވެވުނީ ވެސް މަދު މެޗެއްގަ އެވެ. ސްލޮޓް ބުނީ ސަލާހު ލެވަލްގެ ކުޅުންތެރިއަކު ސްކޮޑުގައި ހުރުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން، މާސޭއާ ދެކޮޅަށް މިރޭ ލިވަޕޫލުން ކުޅޭ މެޗުގައި ސަލާހު، ފުރަތަމަ އެގާރައިގައި ފެނުމުގެ ފުރުސަތު ބޮޑެވެ.
Comment